ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ސިނގިރެޓްތަކެއް ގެއްލުނު މައްސަލާގައި ހައްޔަރުކުރި މީހުން: އެ މީހުންގެ ބަންދު މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައި --- ފޮޓޯ/ޕޮލިސް
15 އޮކްޓޯބަރ 2025 - 14:27
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލާގައި ފުލުހުން ރޭ ހައްޔަރުކުރި ހަތަރު މީހުން ވެސް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ބަންދު އަމުރުގައިވާ ގޮތުން:
- އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ބަންދުކުރީ 10 ދުވަހަށް.
- ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ބަންދުކުރީ 15 ދުވަހަށް.
ޒިވާރު އިސްމާއިލް ބަންދުކުރީ 15 ދުވަހަށް. އޭނާއަކީ ކަސްޓަމްސްގެ އިސް މުވައްޒަފެއް އަދި މަސައްކަތް ކުރަމުން އައީ ހުޅުމާލެ ޕޯޓުގައި.
- މުއާޒް އަލީ ބަންދުކުރީ ފަސް ދުވަހަށް. އޭނާއަކީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓެއް.
އެ އެންމެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ރޭގަ އެވެ. އަދި ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިޔައީ މިއަދު މެންދުރެވެ.
މި ހަތަރު މީހުންގެ ތެރެއިން މުއާޒަކީ ކަސްޓަމްސްގައި އޭނާ މަސައްކަތް ކުރި ދުވަސްވަރު ވެސް ރާއްޖެ އަށް 430 ސިނގިރޭޓް ކޭސް އެތެރެކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި ދައުވާ ކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ މީހެކެވެ. އޭނާ މިހާރު ވެސް ހުރީ ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ޖެނެރަލް މެނޭޖަރު އިންޖިނިއަރިން ޕްރޮޖެކްޓްސްގެ މަގާމުގަ އެވެ.
ފުލުހުން ރޭ ބުނެފައިވާ ގޮތުން، ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓް ގެއްލުނު މައްސަލާގައި މިހާތަނަށް ހައްޔަރުކުރި ހަތަރު މީހުންނަށް ކުރަނީ އެ އޮޕަރޭޝަން ރާވައި ހިންގުމުގެ ތުހުމަތެވެ.
ސިނގިރޭޓް ގެއްލުނު މައްސަލައިގެ ތަހުގީގަށް ރާއްޖޭގައި މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ ދިގައްޔާއި އާއްޓޭގެ އިތުރުން ކަސްޓަމްސްގެ އިސް މުވައްޒަފަކާއި ކުރީގެ އިސް އޮފިސަރަކު ހައްޔަރުކޮށްފައިވާއިރު، 12 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފައި ވެ އެވެ.
އެމްޕީއެލުން މިއަދު ބުނިގޮތުގައި، ސިނގިރޭޓްތައް ގެއްލުނު މައްސަލައާ ގުޅިގެން އެ ކުންފުނީގެ ހަ މީހަކު ސަސްޕެންޑުކޮށް، ވިޔަފާރި ބަނދަރުތައް ބެލެހެއްޓުމުގެ ކަންކަން ހަރުދަނާ ކުރަން ފަށާފައިވާ ކަމަށެވެ.
ފުލުހުން ރޭ ބުނީ، ސިނގިރޭޓް ގެއްލުނު މައްސަލައިގެ ތަހުގީގު އަދިވެސް އޮތީ ކުރިއަށް ކަމަށާއި ތަހުގީގު ކުރިއަށް ދާ މިންވަރަކުން، އިތުރު މައުލޫމާތު އާންމު ކުރަމުން ގެންދާނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ބޭރުކޮށްލީ އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި އޮތް ދޯންޏަކަށް އަރުވައިގެންނެވެ. އަދި ސީސީޓީވީ އަށް މަންޒަރު ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނެފައި ވެ އެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓުތައް ނައްތާލުލައި އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރީ ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި ތަހުގީގު އަދިވެސް ނުނިމޭތީ އެވެ. އެހެން އެ ތަކެތި ހުއްޓާ ގެއްލުނުކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.
ކަސްޓަމްސް އިން ކުރިން ބުނެފައި ވަނީ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލަމާރި ބޮޑު
16 October 2025
ދިޔާނާ އިސްތިއުފާ ދޭންޖެހޭ ތީ ، ކަސްޓަމް އޮފިސަރަކީ ވަރައް އީމާންތެރި ތެދުވެރި ކުއްޖެއް. ޢޭނަ ދުއްވާލަން ބަޔަކު ރާވައިގެން ކުރާ ދޮގު ތުހުމަތެއް ތީ!
ޢަރުތަ
15 October 2025
ދެން ނަސޭހަތުގެ އެއްބަސްވުމެއް ހަދާފަ ތިކަން ނިންމާލާ، އެކަމަކު ކައުންސިލް އިންތިޚާބު ނިމެންދެން ތިގޮތަށް ދަންމާލާތި، ރައްޔިތުންނަށް ބޮޑުމަންޒަރު ދައްކާލަން ވާނެނު.
ޟނާނ
15 October 2025
ހާދަހާވާ ބޮޑެތި މަކަރާއި ހިޔާނާތްތެރިކަން ހިނގައޭދޯ. މީ އަދި އެނގޭ މަދު މިންވަރު. ކެވޭ ބަޔަކު ހަމަ ކެވުނު ގޮތަކަށް ކަމުން ދާ ތަން މިފެންނަނީ.
ޖުމާނާ އިދުރީސް
15 October 2025
މާދަމާ ތިޔަ އެންމެން ޕީއެންސީއަށް ސޮއިކުރާނެ.
ދިގަލި 2.0
15 October 2025
ދިގަލިމެން ހައްޔަރުގަ ބައިތިއްބައިގެން ކިހިނެއް ސަރުކާރު ހިފަހައްޓަނީ. އުމުރުން 65 ވީމަވެސް އެ ބަލަނީ މިކަހަލަ ޖަރީމާ ތަށް ހިންގަން؟ ހެޔޮވިސްނުން ދެއްވާށި. ފައިސާ ހުންނަ، ވެރިންނަށް ބައި އަޅާ ވަގުން ވައްކަން ކުރިޔަސް ކޯޓަކަށް ސާބިތެއް ނުވާނެ.
ދަބޭސް
15 October 2025
ލަފާ ކުރެވެނީ ނަސޭހަތުގެ އެއްބަސްވުމެއް ހެދިމަށް ފަހު އެންމެން ދޫ ކޮއްލާނެ ހެން ..!
ޑެބީ
15 October 2025
އޭރުންތާ ސްޓޭޓް މިނިސްޓަރުކަމާއި ކުންފުނިތަކުގެ ޗެއާމަންކަން ދެވޭނީ. 4 މީހުންވެސް މިހާރު އެތިއްބެވީ އެފެންވަރުގެ މަގާމުތަކަށް ޝަރުތުހަމަވެފަ.
ޑަންކޫ
15 October 2025
"ދިގަލި" މީ މީސްމީހުންނަށް ކިޔާ ނަންތަ؟
ހަނާނާ
15 October 2025
ދިގަލި ގޯސް. އެކަމަކު ޑަންކޫ އޯކޭ. ؟؟؟ ހެހެހެހެ
މޫސަބެ
15 October 2025
ޢެއީ އޭނަގެ ގެއަށް ކިޔާ ނަމެޭ ލައިކް ދަ ޗަންޕާސް
ރަދީފްއޮފިޝަލް /
15 October 2025
ދިގަލި އެއީ ބ.އަތޮޅު ފަޅުރަށެއް.ހެހެހެހެހެ
ބުދޫ
15 October 2025
އެއީ ގެއަށް ކިޔާ ނަން.
ޢަރުތަ
15 October 2025
ނޫން، ދިގަލި އެއީ ގޭގެ ނަން، ހުޅުމާލޭގަ އަމިއްލަ ގޯތި އޮތަސް ރަށުގެ އެޑްރެހުގަ މި އޮންނަނީ، ފޮރުވިފައިވާ ސިއްރެއް ސާފެއް ނުވޭ.
ހަމްދާ
15 October 2025
އިންސާފުގާއިމް ނުވާ ތަނެއްގައި ހުރިހާ ކަމެއް ހިނގާނެ
ސަރުކާނު
15 October 2025
ދެން މިމީހުންގެ ދިފާޢުގައި ނުކުންނާނީ އެމްޑީޕީ ބަލްނތިބޭ. އޭރުން ފައިސާކޮޅެއް ލިބޭނެނު
އިޖްލާލް
15 October 2025
އައްޑޫ ޕޯޓަށްވެސް މިދިޔަމަހުވަނީ ކޮންޓެއިނާއެއްގައި ވަގަށް ސިނގިރޭޓް އެތެރެކޮށްފައެވެ. އެހެންނަމަވެސް އެކަންވަނީ ވަރަށް ސިއްރުކޮށްފައެވެ. މި ކަންކޮށްފައިވަނީ މިކަހަހަލަ ޖަރީމާތައް އަބަދުމެ ހިންގާ ވޭފުޅެކެވެ.