އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން: ވައްކަމުގެ ބޮޑު މައްސަލަ ފެންމަތިވުމާ އެކު ބަނދަރުގެ ސެކިއުރިޓީ ވަރުގަދަ ކުރަން މަސައްކަތްތައް ފަށާފައިވާ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައި - ފޮޓޯ: މިހާރު
15 އޮކްޓޯބަރ 2025 - 14:05
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން ބަނދަރުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން އިދާރާތަކާ އެކު ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އެމްޕީއެލުން މިއަދު ބުނެފި އެވެ.
ސައޫދީ ބިންލާދިން ގުރޫޕްގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ގެއްލުނުކަން ކަސްޓަމްސް އަށް ފަޅާއެރީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ. އެހެންވެ، ފުލުހުންނަށް އެ ކަން އަންގައި ބޮޑު ތަހުގީގެއް ފެށި އެވެ.
އެ ތަކެތި މިހާ ދުވަސް ވަންދެން ނައްތާނުލައި އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ބަހައްޓާފައި ހުރީ ތަހުގީގު އަދިވެސް ނުނިމޭތީ އެވެ.
އެމްޕީއެލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނިން ބަލަހައްޓަމުން އަންނަ ޕޯޓްތަކުގެ ސެކިއުރިޓީ ތަންފީޒު ކުރަނީ އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ކޯޑުގައި ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން ކަމަށެވެ. އަދި މި ޕޯޓަކީ ދާއިމީކޮށް އައިއެސްޕީއެސް އޮޑިޓް ހެދި، އެ މިންގަނޑަށް ފެތޭ ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުންދާ ޕޯޓުތަކެއް ކަމަށެވެ.
ނަމަވެސް، ސިނގިރޭޓް ކޮންޓެއިނަރުތަކުގެ ވައްކަމުގެ މައްސަލައާ ގުޅިގެން އެމްޕީއެލްގެ "ސެކިއުރިޓީ އާކިޓެކްޗާ" އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދައުލަތުގެ ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި މިނިސްޓްރީތަކާ ގުޅިގެން މިހާރު ފަށާފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.
އެގޮތުން މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން، ކަސްޓަމްސް، ޑިފެންސް މިނިސްޓްރީ، ހޯމް މިނިސްޓްރީ، އަދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާ އެކު މަޝްވަރާތައް މިހާރު ވަނީ ފަށާފައި ކަމަށް އެމްޕީއެލުން ބުންޏެވެ.
އެ ކުންފުނިން ބުނީ ކަސްޓަމްސް އިން ހިފަހައްޓާ މުދާ، ބަނދަރުގައި ބެހެއްޓުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތަކާއި ފިޔަވަޅުތައް ހަރުދަނާ ކުރުމަށް އެ މުއައްސަސާ އެކު، މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަށް ގެންނަ ބަދަލުތަކުގެ ތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ނިންމާފައިވަނީ ކަސްޓަމްސްގެ ބޭނުމަށް ހިފަހައްޓާ މުދާ ބެލެހެއްޓުމަށް ބަނދަރުގައި ވަކި ސަރަހައްދެއް ކަނޑަޅައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އޭގެ އިތުުރުން، އެމްޕީއެލްގެ ސެކިއުރިޓީ ނިޒާމް ހަރުދަނާކުރުމަށްޓަކައި، ކޯސްޓް ގާޑްގެ ގާބިލު އަދި ތަޖުރިބާކާރު މެރިޓައިމް ކޮމާންޑަރުން ހިމެނޭ ޓީމެއް ކަނޑައަޅައި، މާލޭ ވިޔަފާރި ބަނދަރު އަދި ހުޅުމާލެ ޓާމިނަލްގެ ސެކިއުރިޓީ އޮޑިޓެއް ހަދަން ފަށާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އަދި، މާހައުލަށް އަންނަ ބަދަލުތަކާއި ހާލަތަށް ޕޯޓްގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށްޓަކައި، ސަލާމަތީ ބާރުތަކާ އެކު އިސްތިރާޖީ މަސައްކަތްތަކެއް ފެށުމަށް ރޭވިފައިވާ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
ސާޅީސް ފޫޓްގެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓްތައް ވަގަށް ނެގި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ހަ މުވައްޒަފަކު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެ ކުންފުނިން ބުނީ މިކަމުގައި ޝާމިލްވާ އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅު އަޅަން އެ ކުންފުނިން ފަސްނުޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކާރުވިޔަ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކޮށް، ބަނދަރުގެ ސެކިއުރިޓީ އާއި ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"މި ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ މި ކުންފުންޏާމެދު ވިޔަފާރިތަކާއި އާންމު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ދެމެހެއްޓުމެވެ." ބަޔާނުގައިވެ އެވެ.
ފުލުހުން ވަނީ ކޮންޓެއިނަރުތައް ވަގަށް ނެގުމުގައި އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އެޕޯލޯގެ ވެރިޔާ ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް އަދި ސިނގިރޭޓް ބޭރު ކުރަން ރިޝްވަތަށް އެދުމުގެ މައްސަލާގައި މިހާރު ވެސް ޕީޖީ އަށް މައްސަލަ ލާފައިވާ މިފްކޯގެ މިހާރުގެ ޖެނެރަލް މެނޭޖަރު އިންޖިނިއަރިން ޕްރޮޖެކްޓްސްގެ މަގާމުގައި ހުރި މުއާޒް އަލީ އެވެ. އޭނާއަކީ ކަސްޓަމްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓެކެވެ.
މީގެއިތުރުން 12 މީހެއް ފުރުން މަނާކޮށްފައިވާ ކަމަށް ވެސް ފުލުހުން ރޭ ބުންޏެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިއުސޫލު ކަނޑާ ނުލެވި ތިތަންތަން ރަނގަޅެއް ނުވާނެ
16 October 2025
ކަސްޓަމާ އެމްޕީއެލް އިންވެސް ސަޔަށް ނޫނީ ކަޓަކަށް މަސައްކަތްތަށް އަވަސްވެ ލަސްވާނަމަ. އެދެން ވަރަށް ޕްރޮފެޝަނަލްވީ.
ބެއްޔާގެ ދަރި
16 October 2025
މިހާރު ވެސް ތިތަނުގައި ހުރީ ބައިނަލްއަގުވާމީ ސްޓޭންޑަޑްގެ ސަލާމަތީ ކަންކަން. އިތުރަށް ކޮންމެ ކަމެއް ކުރިޔަސް ކުރަން ތިބި މީހުން ކޮރަޕްޓްވީމާ ދެން ވެސް ކުރާނެ
ސިނަން
16 October 2025
ސެކިޔޯރިޓީ ވަރުގަދަކޮށް އޮތީ އެކަމަކު ވެރިން އަނގާގޮތަކަށް ތަންތަނުގަ ކަންކަން ހިނގަނީ، ސެކިޔޯރިޓީ ލޫޕް ހޯލެއް ނެތް، ކަސްޓަމްވިޔަސް އެމްޕީއެލްވިޔަސް މި ތަކެތި ގެއްލިފަމިވަނީ ވެރިން ނުކުޅޭނަމަ މުޅި އެމް.ޕީ.އެލް އާ ކަސްޓަމްސްގެ މުވައްޒަފުން ގުޅިގެން ކަމަށް ސެކިތޯރިޓީ ވަރުގަދަކުރާޝޭ ބުނުމުން މިވުޒާރާތަކުގެ ހުރިހާ މުވައްޒަފުން މިބަދުނާމް ކުރަނީ
އަށްކޮ
16 October 2025
ސެކުރިޓީ ވަރުގަދަ ކުރަން ތޭޑްޕާޓީ އަކަށް އިވެންޓް މޯޑިވްސްއަށް އަނެއްކާ ޕްރޮޖެކްޓެއް ދެއްވަނީ އޭމީހުން އެބަކިޔާ ތެދަކަށް މިކަން ވެދާނެބާ؟
ކުޑަކަތީބުއަލިފުޅު
15 October 2025
ހޮޅިވާހަކަ.އިތުރަކަށް ކުރާނެ ވަރުގަދައެއް ފިޔަވަޅެއްނެތް. އެމްޕީއެލްގެ ހަރިންމަތެރެއަށް އެތާގެރުހުމާއި ނުލައި ވަދެ ކުނިގަޑެއްހާ ހިސާބުވެސް ބޭރުކުރަންއުޅެބަލަ އެކަންވޭތޯ. މައްސަލައަކީ އެންމެނަށް ސެއާލިބޭތީ ގައުމު ލޫޓުވަން ފުރުސަތުދިނުން.ސަރުކާރާ އެހެން މުއައްސަސާތަކާ ގާނޫނާ އަމަންބަލަހައްޓާ އިދާރާތަކާ ވަގުން ގުޅިލާމެހިގެން ހިންގާ ގޭންގުތައް ގިނަވުން. މިގޮތުގައި ދިގުމުއްދަތެއް ހޭދަވެ ކަމަށް ފަރިތަވެފައިވުން. އެކަކު އަނެކަކަށް ފައިންއެރިފަ ތިބުން.
ނަފާ
15 October 2025
ކަސްޓަމްސް އެމްޕީއެލް ތިދެބޭފުޅުންވެސް ދެން އެންމެ ރަގަޅުވާނި އިސްތިއުފާ ދިނުން ، ތިޔަހެން ރަގަޅު ކުރަން ހުއްޓަނޫން ތޯ އެތައްމިލިއަށް ރުފިޔާގެ ގެއްލުމައި ކުރިމަތިމިލީ ކުރިން ރަގަޅު ނުވިކަމެއް ތިބޭފުޅުން ތިބެގެން ރަގަޅު ނުވާނެ ރައީސްވެސް ދެނެއް ތިދެބޭފުޅިންނަކަށް އިތުބާރެއް ނުކުރުއްވާނެ
ހ. ހުސައިން
15 October 2025
ފިޔަވަޅުއަޅަން ނުހުރެ ނުވީމާ އިސްތިއުފާދެއްވާ
ރިޓަޔަރޑް މީހުން އަސްލަށްވެސް ރިޓަޔަރކޮށްބަލަ
15 October 2025
ހަމަޖެހޭ ވާހަކައެއް ދައްކަބަލަ. ކޮއިފުޅާ މައްސަލައަކީ ސެކިއުރިޓީއެއް ނޫނޭ. ސައެއް ދިނީމަނޫނީ އެއްޗެއް ނުނެރެވޭ ހިސާބުން ފެށިގެންގޮސް ފައިސާދިއްކޮށްލީމަ ކިއޫ ތަރުތީބުން ބޭރުން މުދާ ދޫކުރުމާ ބޮޑެތި ވެހިކަލްތަށް ގެއްލުމާ، މިހެންގޮސް ކިޔާނެކަމެއްނެތް. ބަދަލުކުރަންވީ ވައްކަމުގެ ޘަޤަފަތް. ސެކިއުރިޓީ ވަރުގަދަކުރިއަސް އެކަމާ ޙަވާލުވެ ތިބޭމީހުންގެ ނަޒާޙަތްތެރިކަމެއް ނެތިއްޔާ ކޮންޓޭނަރ ކީއްކުރަނ ޢިމާރާތްވެސް ވަގަށް ގެންދާނެ
މޮޅުވާހަކަ ނުދައްކާ އިސްތިޢުފާދީ
15 October 2025
ވައިސަރީ. މާ ބާރަށް އަވަސް ފިޔަވަޅުތަށް ނާޅާތި. ދެފައި އޮޅިގެން ވެއްޓި ދާނެ. އަޅެ މޮޅު ހެޑްލައިންއެއް ހަދަން ތިކަހަލަ އެއްޗެކޭ ބުނަންކެރުނީތީވެސް ހައިރާން. ސެކިއުރިޓީ ޖަހާފަ ޔުނިފޯރމް ލައްވާފަ ހާހެއްހާ މީހުން އެބައުޅޭ ތިތާ. ސެކިއުރިޓީ ވަރުގަދަ ކުރާކަށް ނުޖެހޭނެ. ކުރިންވެސް ހުންނަންޖެހޭނީ ވަރުގަދަކޮށް. މީ މެޖޯރިޓީ ވަގުންއުޅޭ ޤައުމެއް. ތިވަރުކަމެއް ހިނގީމަ ބުނަންޖެހޭނީ، ސެކިއުރިޓީ ވަރަށްދޯދިޔަލޭ. ތިމަންނާއަށް މިކަން ނުބެލުނީތީ އިސްތިޢުފާދީފީމޭ
ބުރާމީ
15 October 2025
ސެކިއުރިޓީ ވަރުގަދަ ކޮށްފަ ނޫންތަ ހުރީ.އެހެންވިއްޔާ ވެރިން އިސްތިއުފާ ދޭންޖެހޭ..ބޭންކްއިން ފައިސާ ގެންލުނީމަވެސް ބުނަންވީ ސެކިއުރިޓީ ވަރުގަދަ ކުރާނަމޭ؟؟