ސިނގިރޭޓް ގެއްލުނު މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން ވަނީ މަނާކޮށްފައި.
އާއްޓޭ، ޒިވާރު، ދިގަލި އަދި މުއާޒް
15 އޮކްޓޯބަރ 2025 - 00:25
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ ވިޔަފާރިވެރިންނަކީ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ކަން އެނގިއްޖެ އެވެ.
ފުލުހުން މިރޭ ބުނީ، އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ޕޯޓުގައި ބަހައްޓާފައި ހުއްޓާ ސިނގިރޭޓް ކޮންޓެއިނާތައް ނެގުމުގެ އޮޕަރޭޝަން ރޭވުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލުހުން ބުނިގޮތުގައި ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އިތުރު އެހެން މީހެކެވެ.
"މިހާރު" އަށް ކަށަވަރު ވެފައިވާ ގޮތުގައި އެ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ދިގައްޔާއި އާއްޓޭގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް ހ. ނިއުހެޕިނަސް، މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.
ޒިވާރު މަސައްކަތް ކުރަމުން އައީ ހުޅުމާލޭ ޕޯޓުގަ އެވެ.
އެ ހަތަރު މީހުންގެ ތެރެއިން މުއާޒަކީ ރާއްޖެ އަށް 430 ސިނގިރޭޓް ކޭސް އެތެރެކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މި މަހު ފޮނުވާފައިވާ މީހެކެވެ.
މުއާޒު މިހާރު ވެސް ހުރީ ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ޖެނެރަލް މެނޭޖަރު، އިންޖިނިއަރިން ޕްރޮޖެކްޓްސްގެ މަގާމުގަ އެވެ.
ފުލުހުން މީޑިއާ އަށް މިރޭ ދޫކޮށްލި މައުލޫމާތުތަކުގައިވާ ގޮތުން ނަމަ ސިނގިރޭޓް ގެއްލުނު މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން ވަނީ މަނާކޮށްފަ އެވެ. އަދި ބައެއް އުޅަނދުތަކާއި ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށް ބުންޏެވެ.
ފުލުހުން މިރޭ ބުނީ، 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ގެއްލުނު މައްސަލައިގެ ތަހުގީގާ ގުޅޭ އޮޕަރޭޝަނެއް މިހާރު ވެސް ކުރިއަށް ދާ ކަމަށެވެ.
"އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށް ދާ މިންވަރަކުން، އިތުރު މައުލޫމާތު އާންމު ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ،" ފުލުހުން ބުންޏެވެ.
އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓުތައް "ވަގަށް" ނެގުމުގެ އޮޕަރޭޝަން ރޭވުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ނަމަވެސް އެ ތަކެތި ޕޯޓުން ނެރުނު މީހުން އަދި ހައްޔަރު ނުކުރާ ކަމަށް ވެ އެވެ.
އެނގިފައިވާ ގޮތުގައި، 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ބޭރުކޮށްލީ އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި އޮތް ދޯންޏަކަށް އަރުވައިގެންނެވެ. އަދި ސީސީޓީވީ އަށް މަންޒަރު ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނެފައި ވެ އެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ސިނގިރޭޓް ކޮންޓެއިނާތައް ބެހެއްޓީ ތަހުގީގު ނުނިމޭތީ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެ އެވެ.
ދެ ކޮންޓެއިނަރުގައި ސިނގިރޭޓު ނެތް ކަން ކަސްޓަމްސް އަށް އެނގުނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގަ އެވެ. އޭގެ ފަހުން ފުލުހުން އަންނަނީ އެ މައްސަލައިގެ ތަހުގީގު ހިންގަމުންނެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.
ކަސްޓަމްސް އިން ކުރިން ބުނެފައި ވަނީ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ދުންފަތުގެ ބާވަތްތައް ލޭބަލް ކުރުމުގެ ގަވައިދުގައިވާ ގޮތުން ރާއްޖެއަށް ސިނގިރޭޓު އެތެރެ ކުރެވޭނީ އޭގެ ނުރައްކާކަން އަންގައިދޭ ފޮޓޯއާ ލޭބަލް ޖެހުމަށް ފަހުގަ އެވެ. އެ ތަކެތި ގެނެވޭނީ އެކަމަށް ބޭނުންވާ ހުއްދަ ނަގައިގެންނެވެ. ކަސްޓަމްސް އިން ބުނީ ބިންލާދިން ގުރޫޕުގެ ނަމުގައި ވަގަށް އެތެރެކުރި ސިނގިރޭޓުތައް އެތެރެކޮށްފައިވަނީ އެ ގަވައިދުތަކާ ހިލާފަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަސޭ
15 October 2025
ނަސޭހަތުގެ އެއްބަސްވުމެއް ހަދާފަ ދޫކޮށްލާ! އޭރުން ނިމުނީ!
އެއްކަލަ މީހާ ދޯ
15 October 2025
ފާހަނގަ ކުރެވުނުކަމަކީ ހަމަ އެންމެންވެސް ތިބީ އަތްދިގު ގަމީސްލާފަ ޓައި އަޅާފަކަން. ކުރިކަމެއް ކުރީ އަތްމަތި ދަތިވެގެން ނޫންކަން!
ބުހާރީ
16 October 2025
ތިމައްސަލަވެސް އެންމެފަހުން ދާނީ ޗޮކުން. ޢެއީ ޕީއެންސީ ކުދިބަޔަކައްވާތީ އެންމެފަހުން ދޫކޮއްލާތަން ފެންނާނީ.
ބޭބެ3
15 October 2025
ތިހިރަ އެނގެނީ. ރާއްޖެއަށް ނަން މަޝްހޫރު ވިޔަފާރިވެރިންނޯ؟ ލަދު ނުގަންނަކަމޯ ހަމަ ޝަހާދެއް. އަޅުގަނޑު ހިތަށްއަރަނީ އަލަށްވެސް(އެންމެ ފުރަތަމަ ވައްކަން) ދެކޮންޓިނާގެ ސިގިރޭޓްގެ ވައްކަން ބާއޭ މިމީހުންކުރާނީ؟ ނޫނީ ގޭތެރެއިން ފެށިގެން މަޑުމަޑުންގޮސްބާއޭ މިހިސާބަށް މި ދިޔައީ؟ އަޅުގަނޑު މާނުއްސަނދިވާނެ މި ދެމީހުނަށްވުރެވެސް. ނުހުންނާނެ ރައްކާކުރާނެ ފައިސާއެއް. އެކަމު ވައްކަމެއް ނުކުރަން. ނަފުސު ތާހިރުވާނެ. އޯކޭއެންނު. ލަދުކޮބާ ލަދު؟ ކޮބާ ލަދު ކޮބާލަދު؟
ރެކިހުތާ
15 October 2025
ތިކަންވެސްދާނީ ޖަމަލު ފޮޑިއެއްހެން. ކުރިޔަށް އޮތް ދެ ތިން ހަފްތާގައި ދެކެވޭނީ ހުސް ތިވާހަކަ. ކުށްވެރިވާ ވަހަކަޔާއި އަދަބު ލިބޭނެ ވާހަކަޔާއި ދައުލަތަށް ލިބުނުގެއްލުން ހޯދާނެވާހަކަ. ދެތިން ހަފްތާގަހުން ވާހަކަތަށް އޮބި ވިޔަފާރިވެރިން މިނިވަންވެ އެންމެ ފަހުން ހުރިހާކަމެއް ކޮންޓެއިނަރު މޫވްކުރަން ވެހިކަލް ދުއްވި ސޮރު ބޮލަށް ކަނޑާލައި މައްސަލަނިމުނީ. ރައްޔިތުންވެސް ހަނދާންނެތުނީ. މިއީ މޯލްޑިވިއަން ސިސްޓަމް އޮންނަގޮތް.
ފައިސާ
15 October 2025
ފަައިސާ ވެރިންވީމާ ކީއްވެ މަގްޝޮޓް ނާންނަނީ؟ އައްމު ރައްޔިތެއް ނަމަ މިހާރު ފުލުހުންގެ ސައިޓުން ފެންނާނެ މަގްޝޮޓް
ސައްޙާފް
15 October 2025
ރާއްޖޭގައި 4 ބާވަތެއްގެ ގޭންގު ހިނގައެވެ. އެއީ 1- ޢާންމުކޮށް މިއުޅޭ ޒުވާނުން ގެ ޑްރަގާއި ތަޅާފޮޅުމުގެ ގޭންގެ. 2- ސިޔާސީ މީހުން އެމީހުންގެ ސިޔާސީ ކަންކަން ހާސިލު ކުރުމަށް ސަރުކާރުތެރޭ ޓާއި އަޅާ، ސަރުކާރުން ބޭރުން ނަމަ ބްރޯސް ތަކުގެ ގޭންގް. 3- ވިޔަފާރިވެރިން ގެ ތެރެއިން އިމްޕޯޓް އަށް ވައްކަން ކުރާ، 3-4 އަހަރުން ވެސް ނުނިންމާ މިސްކިތް އެޅުމުގެ ނަމުގައި ޑިއުޓީ މާފުކުރާ ގޭންގް. 4- ހެލްތް ސެކްޓާގެ މެޑިކަލް މާފިއާ ގޭންގް.
އަހުމަދޭ
15 October 2025
ކޮންއިރަކުން ދޫކޮށްލަނީ ؟
ވަގުން11
15 October 2025
ތިޔައީ ގިނަ މީހުން މުއްސަނދި މިވާ ގޮތަކީ. ފިހާރަ ހުންނަނީ ފްރަންޓްގައި. ފަހަތުން ކުރަނީ ވައްކަމާއި މަނީލޯންޑަރިން.
ތަމަންނާ
15 October 2025
ކޮބާހޭ މަގްޝޮޓް؟؟؟؟ އެވެސް އޮންނަނީ ވަކި ބަޔަކަށް ދޯ
ސާދަ
15 October 2025
މިމައްސަލަ މަޑުމަޑުންގޮސް ވާނުވާގެ ތެރެޔަށް ގެއްލިގެންދާނެ. ރައްޔިތުން މާބޮޑު އުންމީދެއް ނުގެންގުޅުނިއްޔާ އެންމެ ރަނގަޅުވާނީ.