ރިޕޯޓް

މައި ބަނދަރަށް ބޭނުމީ ވަގުންނަށް ނުހުޅުވޭ ތަޅެއް

އެމްޕީއެލްގެ ބަނދަރެއްގައި މުވައްޒަފަކު މަސައްކަތުގައި: އެމްޕީއެލްގެ ތެރޭގައި ވަގުންގެ ނެޓްވޯކަކުން އަތްގަދަކޮށްފައިވާ ކަން ވަނީ ހާމަވެފައި - ފޮޓޯ: މިހާރު

ރާއްޖޭގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ރަނގަޅު ހެއްޔެވެ؟ ނުބެދި ހުރި "ބާގަނޑުތަކުގެ" ބޭނުން ހިފައިގެން ވަގަށް މުދާ އެތެރެކުރުމާއި ސްމަގްލް ކުރުން އޮތީ ކިހާ ގޯސް ހިސާބެއްގައި ހެއްޔެވެ؟ ރާއްޖެ އަށް ގަވާއިދާ ހިލާފަށް ވަގަށް މުދާ އެތެރެކުރުން ފަސޭހަ ހެއްޔެވެ؟ އެ ޖަރީމާ ހިންގާ ނެޓްވޯކުތައް ކިހާ ވަރުގަދަ ހެއްޔެވެ؟

މި ސުވާލުތައް މި ފަހުން މި އުފެދުނީ ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ހުއްޓާ ގެއްލުމާ އެވެ. މިއީ ކަސްޓަމްސް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށް ވުރެ މަތީ އާމްދަނީއެއް ދައުލަތަށް ވަންނަން ޖެހޭނެ މުދަލެވެ.

އެކަމަކު، ބޮޑު ތަޅު އަޅުވާފައި ހުރި އެ ކޮންޓެއިނަރުތައް ވީތަނެއް ނޭނގެ އެވެ. ސާޅީސް ފޫޓުގެ ދެ ކޮންޓެއިނަރުގެ މުދާ ގެއްލުނީ އެވެ. ވަގަށް ނެގީ އެވެ. އެމްޕީއެލްގެ "ވަރުގަދަ" ސެކިއުރިޓީ ކޮންމެވެސް "ބާރުގަދަ" ބަޔަކު ފޫޅުއަޅުވާލީ އެވެ. އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ ކޯޑަށް ފައްތާފައި އޮތް ބަނދަރުގައި ވަގުންގެ ނެޓްވޯކެއް މާވަރުގަދައަށް އެ އޮޕަރޭޓް ކޮށްލީ ކެމެރާތައް ވެސް ކުރިމަތީ އެވެ.

"މި ހިނގަނީ ކޮން ކަމެއް ހެއްޔެވެ؟ ކުރީގެ ބަންޑާރަ ނައިބު އަލީ ސަވާދެކޭ އެއްގޮތަށް ކޮންމެ މީހެއްގެ ދުލު ކުރީގައި މިއަދު އޮންނާނީ މި ސުވާލެވެ.

ތޭރަ މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރު "ގެއްލުވައިލަން" މާސިންގާ އޮޕަރޭޝަން ރޭވި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ރޭ ހައްޔަރުކުރިއިރު އޭގެ ތެރެއިން ދެ މީހަކީ ރާއްޖޭގައި މަޝްހޫރު ބޮޑު ދެ ވިޔަފާރިވެރިއެކެވެ. އެޕޯލޯގެ ވެރިޔާ ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހައްޔަރު ކުރުމުން ނެޓްވޯކް ފައިބާފައިވާ ފިންމިން އިހުސާސް ކޮށްލެވެ އެވެ.

ދެން ވެސް ހުރީ ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ. އޭގެ އިތުރުން އެ ލިސްޓުގައި އުޅެނީ ސިނގިރޭޓް ބޭރު ކުރަން ރިޝްވަތަށް އެދުމުގެ މައްސަލާގައި މިހާރު ވެސް ޕީޖީ އަށް މައްސަލަ ލާފައިވާ މިފްކޯގެ މިހާރުގެ ޖެނެރަލް މެނޭޖަރު އިންޖިނިއަރިން ޕްރޮޖެކްޓްސްގެ މަގާމުގައި ހުރި މުއާޒް އަލީ އެވެ. އޭނާއަކީ ކަސްޓަމްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓެކެވެ.

މިއީ އަދި އެނގޭ ވަރެވެ. މައްސަލައިގެ ތަހުގީގަށް 12 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ރޭ ހާމަކޮށްފައިވާއިރު އަދި އެމްޕީއެލްގެ މުވައްޒަފެއްގެ ގައިގައި ފުލުހުންނަށް އަތްލެވުނު ކަމެއް ނޭނގެ އެވެ.

ދުރާލައި ރާވައިގެން ހިންގި މާސިންގާ ބޮޑު ވައްކަމެއް

މި ދެ ކޮންޓެއިނަރުގެ ފަސްފަހަތަށް ބަލާއިރު މީގެ ފެށުން ވެސް އޮތީ ބޮޑު ރޭވުންގަނޑެއްގެ ތެރޭގަ އެވެ. އެ ސިނގިރޭޓްތައް ރާއްޖެ އެތެރެ ކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެ ގެނައި ކޮންޓެއިނަރުތަކެއްގެ ތެރެއަށް އެ ދެ ކޮންޓެއިނަރު ޝާމިލް ކޮށްގެންނެވެ. ބިންލާދިން ގުރޫޕުގެ މުދާތައް ބަނދަރުން ކްލިއާ ކުރަން އެޖެންޓެއްގެ ގޮތުގައި އުޅެނީ ލިއޯ ޓްރޭޑިން ކުންފުންޏެވެ.

ވަގު ކޮންޓެއިނަރުތައް ހުރި ކަމުގެ މައުލޫމާތު ކަސްޓަމްސް އަށް ދިނީ ލިއޯ ކުންފުނިން ކަމަށް އެ ކުންފުނިން ބުނާއިރު، އޭގެ ފަހުން ދެ ކޮންޓެއިނަރު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ނެގި އެވެ. ކަސްޓަމްސްގެ ތަޅާ އެކު، އެ ބެހެއްޓީ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގަ އެވެ. ކަސްޓަމްސްއިން އައީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެ ތަހުގީގު ކަސްޓަމްސް އިން ކުރަމުންދިޔައިރު، އެ އަށް ވުރެ ބޮޑު ރޭވުމެއް އެހެން ބަޔަކު ދިޔައީ ރާވަމުންނެވެ. އެ ބޮޑު ރޭވުންގަނޑުގެ ތެރެއިން ދެ ކޮންޓެއިނަރު އެ ތަނުން ނެރުނީ ދޯންޏަކަށް އަރުވައިގެންނެވެ. އެކަން ކުރީ ކުރިއާލައި ރާވައިގެން ބައެއް ކެމެރާތަކަށް ފޮރުވޭ ގޮތަށް އެހެން ކޮންޓެއިނަރުތައް ޖަހައި، އަދި ބައެއް ކެމެރާތައް މަސައްކަތް ނުކުރާ ގޮތް ހަދައިގެންނެވެ.

ދޯންޏެއްގައި ކޮންޓެއިނަރުތައް ބަނދަރު ނެރެނީ، އެ ހުރި ތަނުގައި އެއާ ނަކަލުކޮށް އެހެން ދެ ކޮންޓެއިނަރު ބަހައްޓައިފަ އެވެ. ހުޅުމާލޭގެ ތެރެއަށް ދެ ކޮންޓެއިނަރު ގެންގޮސް އޭގައި ހުރި ސިނގިރޭޓްތައް ހުސްކޮށް، އެހެން ބާ މުދާތަކާ އެކު ކޮންޓެއިނަރުތައް އަލުން ބަނދަރަށް ވައްދައި، އެ ހުރި ތަނުގައި ބެހެއްޓި އެވެ. އޭގެ ފަހުން ކެމެރާތައް ވެސް ހިނގަން ފެށި އެވެ.

މި ބޮޑު ޖަރީމާ ހިންގާފައި އޮތީ މައުލޫމާތު އެނގޭ މީހުން ބުނާ ގޮތުން މީގެ ދެ މަހެއްހާ ދުވަސް ކުރިން މިދިޔަ އޮގަސްޓް މަހު އެވެ. މި މަހުގެ އަށް ވަނަ ދުވަހުގެ ރެއާ ހަމައަށް ވެސް މިކަމުގެ ހިލަމެއް އެއްވެސް މީހަކަށް ލިބިފައެއް ނެތެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން އާއި އެމްޕީއެލް އަދި ކަސްޓަމްސްގެ ވެރިންނަށް ލިބުނު މެސެޖަކާ ހަމައަށެވެ.

މި ބޮޑު ވަގުންގެ ނެޓްވޯކުން ކުރި ކަމަށް ބެލެވޭ އެ މެސެޖުގައި ކޮންޓެއިނަރުތައް ހުޅުވައިފި ނަމަ، ވެރިން ބޭޒާރުވެދާނެ ކަމުގެ އިންޒާރާ އެކު ހޯމް މިނިސްޓަރުގެ ވެސް ހާޒިރުގައި ކަސްޓަމްސްއިން ކޮންޓެއިނަރުގެ ތަޅު ހުޅުވި އެވެ. އޭގައި ސިނގިރެޓެއް ނެތެވެ. އޮތީ އިދާރާތައް ގޮންޖަހައި، ދޫކޮށްލާފައި އޮތް ބޮޑު މެސެޖެކެވެ.

އެހާ ހިސާބުން މިކަމުގެ ތަހުގީގު ފުލުހުން ފެށި އެވެ. ކަސްޓަމްސް އާއި އެމްޕީއެލް އިން ވެސް ތަހުގީގު ފެށި އެވެ.

ތަހުގީގަށް އެންމެ ފުރަތަމަ ވެސް ފާހަގަވީ ކެމެރާތައް ފޮރުވަން ބަޔަކު މަސައްކަތް ކުރާ މަންޒަރު އަރާފައި އޮތުމެވެ. އެއީ ކޮން ބައެއް ކަން ވެސް ކެމެރާއަށް އަރާފައި ހުރި ކަމަށް މައުލޫމާތު ލިބެ އެވެ. އަދި އެއް ކެމެރާގެ ފުޓޭޖުން މި ބޮޑު ވައްކަމުގެ ވަރަށް ގިނަ މަންޒަރު ފެންނަން ހުރި ކަމަށް ވެ އެވެ. އެއީ ވަގުންގެ އަތުން ދޫވެފައި އޮތް، ވަރަށް ނާދިރު އެންގަލެއްގައި ހުރި ކެމެރާއެއް ކަމަށްވެ އެވެ.

އެނގިފައިވާ ގޮތުގައި މި ކެމެރާތަކުގެ ފުޓޭޖް ރައްކާވެފައި ހުންނަނީ ތިން މަހަށެވެ. ވަގުންގެ ނެޓްވޯކުން އެ ކުރި މެސެޖްތައް ނުފޮނުވި ނަމަ، ފަހަރުގައި މި ފުޓޭޖު އިދާރާތަކުގެ އަތަށް ނުލިބުމުގެ ފުރުސަތު އޮތެވެ. ނަމަވެސް ހޯމް މިނިސްޓަރަށް ފޮނުވި އެ މެސެޖަކީ ވެސް ވަންހަނާ ނުކޮށް ބެހެއްޓި ކެމެރާއާ އެއްގޮތަށް ވަގުންގެ ނެޓްވޯކުން އެޅި ޅަ އެއްޗެއްކަމަށް މިހާރު މި ވަނީ ބެލެވިފަ އެވެ.

އެމްޕީއެލް ހަމަ އެހާ ދޯދިޔާތަ؟

އެމްޕީއެލްގެ ބަނދަރުތަކަކީ، އިންޓެނޭޝަނަލް އެންމެ މަތީ ފެންވަރުގެ ސެކިއުރިޓީއާ އެކު އެ ސްޓޭންޑްތަކާ އެއްގޮތަށް ހިންގާ ތަނެއް ކަމަށް އަދި ބުނުމަކުން ނުފުދެ އެވެ. އެ ތަންތަން ވާން ޖެހޭނީ އެ ސެކިއުރިޓީ ދެމެހެއްޓޭ، އިތުބާރާއި ނަޒާހަތްތެރިކަން ކަށަވަރު ކުރެވޭ ބަޔަކު ތިބި ތަނަކަށެވެ. އެ ތަނުގެ ކޮންމެ ކަމެއް ވެސް ހިނގަން ޖެހޭނީ ލިޔެފައިވާ އުސޫލުތަކާ އެއްގޮތަށެވެ.

އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ ކޯޑަށް އެމްޕީއެލްގެ ބަނދަރުތައް ފައްތާފައި ވަނީ އެތައް ގިނަ އެސްއޯޕީތަކަކާ އެކު އެވެ. ވަރުގަދަ އުސޫލުތަކާ އެކު އެވެ. ނަމަވެސް، ސިޔާސީ އޮއިވަރުތަކުގައި އެ ކަންކަން އެއްފަރާތް ކުރެވި، އެމްޕީއެލް އަބަދުވެސް އޮންނަނީ އިތުބާރު ދެމެހެއްޓޭ ފަދަ ތަނެއްގެ ގޮތުގައެއް ނޫނެވެ. އެކަން ސިނގިރޭޓް ކޮންޓެއިނަރުތަކުގެ ވައްކަމާ އެކު މިއަދު މާބޮަޑަށް ހާމަވި ނަމަވެސް އެ ތަނުގައި މިފަދަ ކަންކަން މި ހިނގީ އަލަކަށް ނޫނެވެ.

އެމްޕީއެލްގެ ހުޅުމާލެ ބަނދަރު: އެމްޕީއެލްގެ ތެރޭގައި ވަގުންގެ ނެޓްވޯކަކުން އަތްގަދަކޮށްފައިވާ ކަން ވަނީ ހާމަވެފައި - ފޮޓޯ: މިހާރު

މިސާލަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޕީއެލްގެ ގުދަނުގައި ހުރި ސައިކަލްތަކެއް ދޯންޏަކަށް ލައިގެން ހުކުރު ދުވަހަކު ބޭރުކޮށްފައިވެ އެވެ. އެމްޕީއެލްގެ މުވައްޒަފުންތަކެއް ޝާމިލްވާ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އޮތްއިރު، ސިނގިރޭޓް ކޮންޓެއިނަރުތަކުގެ ވައްކަމަކީ ވެސް ސީދާ އެމްޕީއެލްގެ މުވައްޒަފުން ބައިވެރިވުން އޮތް ވައްކަމެއް ކަން ކަށަވަރެވެ.

"އެ ކޮންޓެއިނަރުތައް މޫވް ކުރެވޭނީ އެ އޮޕަރޭޓްކުރާ ވެހިކަލްތައް ބޭނުންކޮށްގެން. އެމްޕީއެލްގެ މުވައްޒަފުން ލައްވާ ނޫނީ އެކަމެއް ނުކުރެވޭނެ. ކޮންމެކޮންމެ މީހަކަށް އެ ތަނަށް ވަދެ އެކަން ނުކުރެވޭނެ. އެމްޕީއެލްގެ މުވައްޒަފުން، ވެހިކަލް އޮޕަރެޓް ކުރާ މުވައްޒަފުން ނޫން ބަޔަކަށް އެކަމެއް ނުވާނެ،" އެމްޕީއެލްގެ ހިންގުމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކުރެއްވި ބޭފުޅަކު ނަން ނުޖަހާ ގޮތަށް "މިހާރު" އަށް ވިދާޅުވި އެވެ.

"އެހެންވީމަ މިއީ މުވައްޒަފުން ލައްވާ ބަޔަކު ކުރުވާފައި އޮތް ކަމެއް."

މައްސަލައިގެ ބާވަތުން ނަން ވަންހަނާ ކޮށްދިނުމަށް އެދި "މިހާރު" އަށް އެ ބޭފުޅާ ދެއްވި އިންޓަވިއުގައި ވިދާޅުވީ ކޮންޓެއިނަރެއް ތަނަކަށް ބަދަލުކުރާ ނަމަވެސް އަމަލު ކުރަން ޖެހޭ އެސްއޯޕީތައް އެމްޕީއެލްގައި ހުންނާނެ ކަމަށާއި އެހެންވީމަ މި ކޮންޓެއިނަރުތައް މޫވް ކޮށްފައި އެ ވަނީ އެ އިން އެއްވެސް ކަމެއް ފުރިހަމަ ނުކޮށް، ވަގަށް ކަމަށެވެ. އޭގެ އިތުރަށް އެ ކޮންޓެއިނަރުތައް ބަހައްޓާފައި އެ ހުރި ހުރުމުން ވެސް ފެންނަނީ އެމްޕީއެލް ތެރޭގައި އޮތް ދޯހަޅިކަން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ވިދާޅުވި ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވީ ކަސްޓަމްސް އިން ހިފަހައްޓާ ކޮންޓެއިނަރެއް ނަމަ، އެ އެއްޗެއް ބަހައްޓަން ޖެހޭނީ ވަކި ތަނެއްގައި އެހެން ކޮންޓެއިނަރުތަކާ ވަކިން، އެއީ ކަސްޓަމްސް އިން ހިފަހައްޓާފައިވާ އެއްޗެއްކަން އެނގޭ ގޮތަށް ލޭބަލް ކޮށްފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔަގީންވާ އެއް ކަމަކީ، އެ ކޮންޓެއިނަރުތަކުގައި ކަސްޓަމްސްގެ ތަޅެއް އަޅުވާފައިވާއިރު އެ ކެނޑުމުގައި ކަސްޓަމްސްގެ މުވައްޒަފެއްގެ ހިއްސާއެއް އޮންނާނެ ކަމާއި އެ ކޮންޓެއިނަރު އެ ތަނުން ނެރެގެން ގެންދާއިރު އެތައް ބަޔަކަށް އެ މަންޒަރު ފެންނާނެ ކަމެވެ.

"ތަނުގެ އޮޕަރޭޝަން ހުންނަ ގޮތުން ދޯންޏަށް އެ ކޮންޓެއިނަރު ލެވޭނީ ޓާމިނަލް ވެހިކަލް ބޭނުންކޮށްގެން އޭގެ އޮޕަރޭޓަރުން އެ ނަގައި ދޯންޏަށް ލައިދިނީމަ، އެކަން ކުރަން އެ މުވައްޒަފުންނަށް އެޕްރޫވަލް ލިބޭނީ ސީނިއާ މީހުންގެ ފަރާތުން އިންސްޓްރަކްޝަން ލިބިގެން. އެހެންވީމަ އެމްޕީއެލްގެ މުވައްޒަފުންގެ އަތެއް ނެތި އެކަމެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން --

އެމްޕީއެލް ހިންގުމުގައި އުޅުއްވި ބޭފުޅާ ދެކެވަޑައިގަންނަވާ ގޮތުގައި މުވައްޒަފުން މިކަން ކޮށްފައި ވަނީ ފައިސާ ރިޝްވަތު ނަގައިގެންނެވެ. އަދި މިހާ ބޮޑު ކަމެއް ފަޅާއަރައިގެން ދިޔައިރު ކުދިކުދި އެތައް ވައްކަމެއް، އެތައް ރިޝްވަތެއް، އެތައް ނާޖައިޒު ފައިދާ ނަގައިދިނުމުގެ މައްސަލަތައް ބަނދަރުގައި ހިނގާފައި ހުންނާނެ ކަން އޭނާއަށް ޔަގީން ކުރެވެ އެވެ.

އެމްޕީއެލްގެ ބަނދަރުތައް މިފަދަ ކަންކަން މިންޖުކުރަން ކުރެވެން އޮތް ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ބަނދަރުތަކުގައި ގެންގުޅޭ ބެސްޓް ޕްރެކްޓިސް އުސޫލުތައް ރަނގަޅަށް ތަންފީޒު ކުރުމެވެ.

"ޕޯޓެއް ވިއްޔާ އެންމެ ފުރަތަމަ އެއް ކަމަކީ ތަނުގައި ހުންނަ ސޭފްޓީ ސެކިއުރިއުޓީ ވަރަށް ރަނގަޅަށް ވަރުގަދަ ވެގެން ދިޔުން. އަނެއް ކަމަކީ ކާގޯ އޮޕަރޭޓިން އެސްއޯޕީތައް ބަރާބަރަށް ގެންދިޔުން. އަދި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުންނަ ތަކެއްޗާ މެދު އެ މުއައްސަސާއިން ވެސް އެސްއޯޕީތަކަށް ރަނގަޅަށް އަމަލު ކުރަން ޖެހޭ. ތަންފީޒު ކުރަން ޖެހޭ އުސޫލުތައް ތަންފީޒު ނުކުރެވުން މި މައްސަލައަކީ،" އޭނާ ވިދާޅުވި އެވެ.

އެސްއޯޕީތަކަށް އަމަލު ކުރުމާ އެކު، ތަނަކީ އިތުބާރު ހިފޭ ތަނެއްގެ ގޮތުގައި ދަމަހައްޓަން މުވައްޒަފުންނަކީ އެންމެ މުހިންމު ރޯލެއް އަދާކުރާނެ މީހުން ކަން އޭނާ ފާހަގަކުރެއްވި އެވެ. އެކަން ޔަގީން ކުރުމުގެ ގޮތުގައި އޭނާ އެމްޕީއެލްގައި މަސައްކަތް ކުރެއްވިއިރު މުވައްޒަފުން ތަނަށް ނެގުމުގައި ވަރަށް ހަރުދަނާ އުސޫލުތަކެއް ގެންގުޅުއްވި ކަމަށް ވިދާޅުވި އެވެ.

"އެއްވެސް ކަހަލަ ޕޮލިސް ރިކޯޑެއް އޮތް މީހެއްތޯ ބަލާނެ. ހާއްސަކޮށް ކާގޯ އޮޕަރޭޝަން، ނޫނީ އިންޓަނޭޝަނަލް ޕޯޓް ސަރަަހައްދަށް ވަދެ ނުކުމެ ހަދާ މުވައްޒަފެއް ވިއްޔާ އޭނާގެ އެއްވެސް ކަހަލަ ރިކޯޑެއް އޮތްތޯ ޗެކް ކުރަމުން ދިޔަ. މިހާރު ވެސް އެޗްއާރް ޕޮލިސީތަކުގައި އެކަން ލިޔެފައި އޮންނާނެ. އެކަމަކު ނޭނގެ މިހާރު އެއަށް އަމަލު ކުރާ ކަމެއް ނޫނީ ނުކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެކަން އެގޮތަށް ކުރަމުންދިޔައީ، ޑްރަގު ވިޔަފާރީގައި ބަނދަރުގެ މުވައްޒަފުން ބޭނުން ކުރުމަކީ އާންމުކޮށް ކުރާ ކަމެއް ކަމަށްވާތީ އަދި ކުދިކުދި، ޖީބަށް ލެވޭ ކަހަލަ ޕެކޭޖްތައް ކާގޯ އޮޕަރޭޝަނުގައި އުޅޭ މުވައްޒަފުންނަށް ވަގަށް ބޭރުކުރުމުގެ ފުރުސަތު އޮންނާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ، އެމްޕީއެލްގެ ޕޯޓުތަކުގެ ސަލާމަތީ ކަންކަމާއި 'ލޯވަޅުތައް" ބެއްދުން ހަރުދަނާ ކުރަމުން އަންނަ ކަށެވެ. ހާއްސަކޮށް މި ފަހަރު ފެންމަތިވި ދެ ކޮންޓެއިނަރު ސިނގިރޭޓް ގެއްލުނު މައްސަލަ ފެންމަތިވުމާ އެކު، ބަލަންޖެހޭ ކަންކަން ބަލައި މިހާރު ވެސް އެ ކަންކަން ބަދަލު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެމްޕީއެލްއަށް މުވައްޒަފުން ނެގުން އޮންނަނީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގަ އެވެ. ސިޔާސީ ގޮތުން އެންމެ ގިނަ މުވައްޒަފުން ނަގާ އެއް ކުންފުންޏަކީ އެއީ އެވެ. އެކި އިންތިހާބުތަކާ ދިމާކޮށް ކޮންމެ ސަރުކާރަކުން ވެސް ގިނަ މުވައްޒަފުންތަކެއް އެމްޕީއެލްއަށް ނަގާ ކަން ހާމަވާން އޮތްއިރު، ކުށްކުރާ ގުރޫޕްތަކާ ގުޅުން ހުރި މީހުން ވެސް އެމްޕީއެލްގެ ތެރޭގައި ހަރަކާތްތެރިވަމުންދާ ކަން އޮތީ ފާހަގަކުރެވިފަ އެވެ. އަދި މުވައްޒަފުންގެ ތެރޭގައި ރިޝްވަތު ނެގުމާއި ވަގަށް ކަންކަން ކޮށްދިނުން އިންތިހާއަށް ބޮޑުވެފައިވާ ކަމުގެ ވަހުމްތައް މީގެ ކުރިން ވެސް ވަރަށް ބޮޑަށް އޮތެވެ.

ޕޯޓުތަކަކީ އެންމެ ބޮޑަށް ސެކިއުރިޓީ ވަރުގަދަކޮށް، ގާނޫނާއި ގަވާއިދާ ހިލާފު ނުވަތަ ސްމަލްގް ނުކުރެވޭނެ ކަން ކަށަވަރު ކުރަންޖެހޭ އެންމެ މުހިންމު ދޮރާއްޓެވެ. އެ ދޮރާށިން އެތެރެވާ އެއްޗަކުން މުޅި ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބި، ނިޒާމު ބޮއްސުންލައި ވަގުންގެ ބާރުގަދަ ވުމުގެ ފުރުސަތު ބޮޑެވެ. ޕޯޓުތައް މިހާ މުހިންމު ވަނީ އެހެންވެ ކަމަށް ވާއިރު، ބަލަހައްޓައިގެން ތިބެގެން ވާކަށް ނެތެވެ. ޖަވާބުދާރީވެ، އަސްލު މައްސަލަ އަށް ދާން ޖެހެ އެވެ.

42 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގިނިހިލަ

15 October 2025

ވަގުންނަށް ނުހުޅުވޭ ގޮތެއް ނުވާނެ ތަޅުދަނޑި އޮތީ ވަގު އަތުގަ.

The name is already taken The name is available. Register?

އަލްސަންސް

15 October 2025

މަގޭ ހިތަށް އަރަނީ ހާދަ ޑުރަގެއް ވައްދާފަ ހުންނާނޭ މި ބަނދަރުން.

The name is already taken The name is available. Register?

ހިތާމަަ

15 October 2025

100 ޕަސެންޓް މުސްލިމު ގައުމެކޭ ކިޔާ އަހަރެމެންގެ އިސްލާމްކަން ހުރި ހިސާބަކީ ކޮބައިބާވައޭ ހިތަށްއަރާ! އެމީހަކަށް ކެވުނު ގޮތަކަށް ކެވުނު އެއްޗެއް ކެއުން ހުރިހާ ދިމާލެއްގަ. ދައުލަތާއި ޕްރައިވެޓް ސެކްޓަރއާއި ފަރުދީ ލެވެލްގައިވެސް ކަން އޮތީ މިހެން. ދެން ހަމަ އަހަރެމެން އެކަކު އަނެކަކަށް ވަގަށް ގޮވައި، ކުށްވެރިކޮށް މި ހަދަނީވެސް. ހަގީގަތަކީ އެމީހަކަށް އެވަގުތަކަށް ލިބެން އޮތް ނާޖާއިޒު ފައިދާއެއް ނުހޯދާ މީހަކު ފިސާރި މަދުކަން. ހިތާމަހުރި!

The name is already taken The name is available. Register?

ސުމޭރު

15 October 2025

މި ރާއްޖޭގަ މަދުމަދުން ނަމަވެސް އެބަ ތިބި، ކިޔަވައިގެން ތިބި، މަޢުލޫމާތު ހުރި، ތަޖުރިބާ ހުރި، ކަންކަމަށް ޤާބިލް، އަދި (އެހެން ހުރިހާ ކަމަކަށް ވުރެ މުހިންމު!) ކޮރަޕްޝަންގެ ކަންފުޅެއްވެސް ނެތި (އެ މީހުން ދިރިއުޅޭ ދެރަ ފެންވަރުގެ ތަންތަނާއި އަޅާ ދެރަ ހެދުމަށް ބަލައިލިޔަސް، ދަރީން ތަޢުލީމު ހާސިލުކުރާން އުޅޭ ގޮތް ފެނުނަސް) ދިރިއުޅޭ މީހުން! އެ މީސްމީހުން މިހާރުވެސް ތިބީ ރަނގަޅަށް ބޭނުން ނުކުރެވި އެއްކައިރިކޮށްފައި. އެ މީހުން ތަންތަނުގެ ވެރިންނަށް ލާދީ!

The name is already taken The name is available. Register?

ދިދަދަނޑި

15 October 2025

ވައްކަންކޮށްގެން ނުވަތަ އިހުމާލުވެގެން ފިޔަވަޅުއަޅަން ފޮނުވީމަ އަންނަނީ ޕްރޮމޯޝަން ޖަހައިގެން އެއަށްވުރެ މަތީމަގާމު ޖަހާގެން. ރަނގަޅައް މަސައްކަތްކުރާމީހުން ތިބެނީ އެތިބިގޮތަށް ތިބިމަގާމުގަ. ޢަހާލަބަލަ އެންމެފަހުން މުއައްޒަފުންގެ އެޕްރައިސަލްއެއް ފުރާލީ ކޮންއިރަކުތޯ. މިހާރު ޕްރޮމޯޝަން ޖަހަނީކިހިނެއްތޯ. މަގާމުތަކުގަ ގިނައީ ކިހިނެއް ވަޒީފާލޯދި ބަޔަކުތޯ

The name is already taken The name is available. Register?

ސަލިންޓޭ

15 October 2025

މި ގައުމުގެ ހަޒާނާގާ ވެސް ތިޔައިގެ ތަޅެއް ލާންވެއްޖެނު.. އެންމެ ބޮޑެތި ވައްކަން ކުރަނީ ހަޒާނާ ތެރެއިން، ދައުލތުގެ ފައިސާއިންނު...

The name is already taken The name is available. Register?

ކްޗޯރު

15 October 2025

ހުސް ސިޔާސީ ވެރިން ... އެވަރިހަމަ ނުކިޔާވާ ހުއްޓަސް ނޫނީ މުޅިން އެހެން ދާއިރާއެއް އުމުރު ހޭދަކުރިޔަސް. ވެރިކަމަށް އަރާމީހުން ބޭނުންވާނީ ބުނީމަ ބުނިގޮތަކަށް ކަންކުރާ ވެރިން. ތަންތަން ހިންގަންށޭކިޔާފަ ލާފަ ތިބޭ މީހުންނަށް އިންޓަނޭޝަނަލްގެ ސްޕެލިންގް ވެސް ނޭނގޭނެ.

The name is already taken The name is available. Register?

ދިން

15 October 2025

ގާނޫނުތައް ހަދަންވާނީ ދެކޮޅުޖެހޭ ނަތީޖާއެއް އޭގެން ނުކުންނާނެގޮތަކަށެވެ. މި ފަހުން ދުންފަތުގެ ގާނޫނަށް ގެނައި އިސްލާހަކީ މީހުން ކުށްކުރުމަށް ހިތްޖައްސުވާ އިސްލާހެކެވެ. ދުންފަތުގެ އިސްތިއުމާލުކުރާމީހުން މަދެއް ނުވިއެވެ. އޭގެން ދައުލަތަށް ލިބޭ އާމްދަނީ ދަށްވެއްޖެއެވެ. މީހުން ބޭނުންކުރާ ދުންފަތުގެ ކޮލިޓީ ވަރަށް ދަށްވެއްޖެއެވެ.

The name is already taken The name is available. Register?

އާދަމް ކުރޮޅި

15 October 2025

މިކަމުގައި އަދުގެ މަތީ ބާރުވެރިން ހިމެނިފައިވާނޭކަން ކަށަވަރު. ތިޔަ ވިޔަފާރިވެރިން ޝާމިލްކޮށްފައިވާނީވެސް ސިޔާސީވެރިން އިސްވެ މަޖުބޫރުކުރުވައިގެންކަމަށް ވާނީ

The name is already taken The name is available. Register?

ކަލޭނޭ.

15 October 2025

ސީޕޯރޓެއް އެއާރޕޯޓެއް ކިޔާނެކަމެއްނެތް. ހުރިހާތަނެއްވެސްއޮތީ ޔުނީފޯމެއް ލެވިއްޖެއްޔާ އެއްހާލެއްގައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454