އަލީ އަންވަރު މުހައްމަދު: އޭނާ ލަންކާއަށް އެތެރެވިޔަ ނުދީ ފޮނުވާލުމުން ވަނީ ހައްޔަރުކޮށްފައި
21 އޮކްޓޯބަރ 2025 - 14:04
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން ދޫކޮށްލުމާ އެކު ސްރީލަންކާއަށް ދިއުމުން އެ ގައުމަށް އެތެރެވިޔަ ނުދީ އަނބުރާ ރާއްޖެއަށް ފޮނުވާލައިފި އެވެ.
އީރާނު ބޯޓަކުން ރާއްޖެއަށް އެތެރެކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މީގެކުރިން ހައްޔަރުކުރި އަލީ އަންވަރު މުހައްމަދު މިފަހަރު ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ މައްސަލާގައި އޭނާގެ ބަންދަށް ފަސް ދުވަސް ދިނުމަށް ފަހު، މިދިޔަ ހޮނިހިރު ދުވަހު އެއްވެސް ޝަރުތަކާ ނުލައި ކޯޓުން އޭނާ ދޫކޮށްލީ އެވެ.
އޭނާ ބަންދުން ދޫކޮށްލުމުން އެހެން އަމުރެއްގެ ދަށުން ހައްޔަރު ކުރަން ފުލުހުން މަސައްކަތްކުރި އެވެ. ނަމަވެސް، އޭރު އޭނާ ވަނީ ސްރީ ލަންކާއަށް ފުރައިގެން ގޮސްފަ އެވެ.
ލަންކާއަށް ފުރައިގެން ދިޔަ ނަމަވެސް، އެ ގައުމަށް އޭނާ އެތެރެވިޔަ ނުދީ ހިފަަހައްޓައި އަނބުރާ ރާއްޖެ ފޮނުވާލި އެވެ. އޭނާ ރާއްޖެ އައުމާ އެކު އާ އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މިހާރު އޭނާގެ ބަންދަށް 30 ދުވަސް ކޯޓުން ވަނީ ދީފަ އެވެ.
އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތެވެ.
ފުލުހުން ހިންގި އޮޕަރޭޝަނުގައި އަލީ އަންވަރުގެ އެޕާޓްމެންޓުން ތިން ރަބަރު ޕެކެޓުގައި 16 ގްރާމްގެ މަސްތުވާތަކެތި ފުލުހުން ހޯދި އެވެ. އަދި އޭނާގެ ޕާސްޕޯޓާއި މަސްތުވާތަކެތި ކިރަން ބޭނުން ކުރާ ކައްޓާއެއް އެ އެޕާޓްމެންޓުގެ ތެރެއިން ފެނިފައިވެ އެވެ.
އަލީ އަންވަރު ކުރިން ހައްޔަރުކުރީ ސްރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ގުޅިގެން އޮކްޓޯބަރު، 2019 ގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ އޮޕަރޭޝަނުގައި ދެ އުޅަނދަކުން 70 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވެ އެވެ. އެ އޮޕަރޭޝަނުގައި ހިފެހެއްޓީ އީރާނުގެ ބޯޓަކާއި "ހެދޭކުރި-7" ނަމަކަށް ކިޔާ ރާއްޖޭގެ މަސް ދޯންޏެކެވެ.
ވައްކަމުގެ ރެކޯޑު އޮންނަ އަންވަރަކީ 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ތިން މީހުންގެ ތެރެއިން އެކަކު ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަޑިތަކުރު
22 October 2025
ކުށުގެ ރެކޯޑް އޮވޭ. ހުރިހާކަމެއް އެނގޭ. އެކަމަކުވެސް ޝަރުޠެއްނެތި ކޯޓުން ދޫކޮށްލުންފަދަ ކަންކަމުން މިފަދަ ބޮޑެތި ކުށްތައް ކުރާ މީހުންނަށް މި ރާއްޖޭގައި އަދަބެއް ދެވުމަކީ ވަރަށް ދުރުކަމެއްކަން އެނގެއެވެ. ދައުލަތުން އެންމެ ބޮޑު އެއް ހޭދައެއްކުރާ ދާއިރާއަށް ރައްޔިތުން އިތުބާރު ކުރާނީ ދެން ކިހިނެއްބާވައެވެ. ވަކި ބަޔަކާ ޖެހުނީމާ ބަލަނީ ފުރިހަމަ ނުވާ އިޖްރާޢަތެއް އޮތްތޯއެވެ. ކުށެއްކުރިތޯ ނޫންތޯއެއްނޫނެވެ. ނަތީޖާއަކީ ކުށެއް ނުކުރާ މީހެއްފަދައިން ދޫވުމެވ
ަށޑާށށާ
22 October 2025
މިހާރުން ހަބަރުލިޔާއިރު މިއަށްވުރެ ފުރިހަމަވާނެކަމަށް ހީކުރަން. 2019ގެ އޮޕަރޭޝަން ވާހަކަ ޚަބަރުގެ ތިރީގަ އެބައިން، އެކަމަކު ފުރިހަމަވާނީ އެ އޮޕަރޭޝަންގަ އެމީހުނަށް ކުށް ސާބިތު ނުވާކަމަށް ކޯޓުން ނިންމިކަންވެސް ހިމެނީމަ. ހިތާމަޔަކީ ކުށްވެރިން ހިމާޔަތްކުރަން އެކި ތަންތާނގަ މީހުންތިބޭތީ. އެމީހުން ދައުވަ ހުށަހަޅާނީވެސް ސާބިތު ނުވާނެގޮތް ބަލައިގެން.
ޢަރުތަ
21 October 2025
70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގަވެސް ދޫކޮށްލީ، އަނެއްކާ ފުލުހުން ހިންގި އޮޕަރޭޝަނެއްގަ މައްސަލާގައި ބަންދަށް ފަސް ދުވަސް ދިނުމަށް ފަހު، މިދިޔަ ހޮނިހިރު ދުވަހު އެއްވެސް ޝަރުތަކާ ނުލައިވެސް ކޯޓުން އޭނާ ދޫކޮށްލީ، ދެން ފިލައިގެން ދާންވީނު ފޮންނައްކާއަށްވެސް، އެފުރުސަތު ދިނީމަ.
ހުސަ
22 October 2025
މިއީ މިދައްކާ ވާހަކައަކީ! މިރާއްޖޭގެ ކޯޓްތަކުގައި ތިބި މީހުންވެސް މިވަނީ ކޮރަޕްޓްވެފަ! ދެން ކިހިނެތް މިކަން ރަގަނޅުކުރާނީ! މިގައުމުގެ މުހިންމު އިދާރާތަކުގައި މިތިބޭ މީހުން މިކުރާކަމަކީ ވައްކަން! ކޮރަޕްޝަންގެ ޢަމަލު ހިންގުން! މިއީ ހިތާމަހުރިކަމެއް! މިހެން މިދިމާ ވަނީ އަދަބު ނުދެވޭތީ! އަދަބު ދެވޭ މީހުންވެސް ވެރިކަން ބަދަލުވުމާއެކު ދެން އަންނަ ބަޔަކު ކޮންމެވެސް އެއްބަސްވުމެއް ހަދާ މިދޫކޮށްލަނީ!
70 ކިލޯ ވީމަ ދޫކޮށްލީ-16 ގްރާމް ވީމަ ހައްޔަރު
21 October 2025
70 ކިލޯ ގެ މައްސަލައިގަ އޭނާ އަކީ ބޮޑެއްކަމަށް އަދި ހައްޔަރުކުރިކަމަށް. ދެން މިވީ ކިހިނެއް. އަބަދުވެސް މި އޮންނަނީ ދޫކޮށްލާފަ. ޖަރީމާ ހިންގުމަކީ ދައުލަތުން އެމީހުންނަށް ޚާއްޞަ އިނާޔަތްތަށްދީ އިޙުތިރާމު ކުރާބަޔަކަށް މިވަނީ
މުލޭ
21 October 2025
70 ކިލޯގެ މައްސަލައިގައި ދޫވީ ކީއްވެގެންތަ. މިހެންވާތީއޭ މިބުނަނީ ތިޔައެއްޗެއް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދީގެން ނޫންގޮތަކަށް ގައުމު ސަލާމަތެއް ނުވާނެޔޭ. މަރުގެ އަދަބު ތަންފީޒުކުރީމަ ވޯޓު ހޯދަން ވެސް ދޫކޮށްނުލެވޭނެ ދޯ. ސިޔާސީ މީހުން ލޮލަަށް ނިންޖެއް ނާންނާނެ މިއިން މީހަކު ޖަލުގައި މާގިނަ ދުވަހު ބަހައްޓަންވެއްޖެއްޔާ. ޑްރަގް އެތެރެކޮށް ވިއްކާ މީހުންނަަށް މަރުގެ އަދަބު ދޭށޭ އެއްދުވަހުން ގާނޫނު ބަދަލުކޮށްގެން ވިޔަސް.
ޢަރުތަ
21 October 2025
ނުވާނެ، އެވަރުކަމެއް ކުރަން ސަރުކާރުތައް ތަސައްރަފު ނުފެދެ.
ޖޯލިމަޅި
22 October 2025
އަދަބެއް ދެވޭނީ ވެސް ސާބިތުވެގެންނު. ކުށް ސާބިތު ނުވާ ގޮތަށް ރިޕޯޓުހެދީމަ ނިމުނީ. ދެން ގާޒީ ހުކުމް ކުރާނީ ކުށް ސާބިތުނުވާކަމަށް. ބަލާ މުސީބާތަކީ ހަމައެކަނި އަންނަ ގުދުރަތީ ކާރިސާއެއް ނޫން. އަދުލު އިންސާފު ގެ ނިޒާމު ފެއިލްވުމަކީވެސް މުސީބާތެއް. ގާނޫނީ ވަކީލުންނަށް ރުފިޔާ ވަރަށް މުހިންމު. ކަނޑައެޅިގެން ދޮގު ހަދަނީކަން އެނގޭ އިރު ވެސް މުވައްކިލުގެ ދިފާއުގަ ފައިލު ހިފައިގެން. ގައުމު ސަލާމަތް ކުރޭ މީސްތަކުންނާ!
ރާވެރިބެ
21 October 2025
އާންމުކޮށް ބުނެ އުޅޭ އަޑު އިވެނީ ޑްރަގް ވިޔަފާރީގެ ބޮޑުންނަކީ މިވެނި އެވެނި ގޭންގެއްގެ މީހުންކަމަށް. އެކަމަކު މިހާރަކަށް އައިސް ގިނައަދަދެއްގެ ޑްރަގާ އެކީ ފުލުހުން ހައްޔަރުކުރާ މީހުން ނިސްބަތްވަނީ ކޮންކޮން ގޭންގުތަކަކަށް ކަމެއް ނޭގޭ. ލަފާކުރެވެނީ އަޑިނޭގޭ އިތުރު ގޭންގުތަކެއް ހަރަކާތްތެރި ވަނީ މުޅިން އެހެން ލެވަލް އެއްގަ ކަމަށް.
އައިސަން
21 October 2025
ކްރިމިނަލް ކޯޓާއި މެދު ޝައްކުކުރެވޭ ޒާތުގެ ޚަބަރަތަށް އިވޭތާ ދުވަސްކޮޅެއް ވެއްޖެ، ނިކަން ރަނގަޅަށް ބަލައިފިއްޔާ ފެންނާނެ މިކަހަލަ ބައިވަރު ޖަރީމާ. ހަމަ ޔަގީން
އަދާލަތު
21 October 2025
ތިއޮތީ ޤައުމުގެ ޙާލަތު ރަނގަޅަށްއެނގެން. ކޮން މުވައްސަސާޔަކަށްތޯ އިތުބާރުކުރެވޭނީ؟
ފުރޭތަ1
21 October 2025
ހައްޔަރު ކޮށް، ހުކުމެއް އިއްވެނީ 100 އަކުން 1 ފަހަރު. ހުކުން އިއްވީމަ 2 އަހަރު ނުވަނީސް އިންތިހާބަށް މާފު ލިބޭ. އެންމެ ފަހު އިންތިހާބަށް އިބޫ އުމުރަށް ޖަލުގަ ތިބި އެތައް ބަޔަކު ދޫކޮށްލި. ވަގުތާއި ފައިސާ ބޭކާރު ކުރުން ނޫން ކޮންކަމެއް މީހުން ހައްޔަރު ކޮށްގެން ވަނީ
ރަދީފްއޮފިޝަލް /
21 October 2025
ތަގޭ ލަދަ ކޮބާ ކަލޯ؟؟