އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ: ފަނޑިޔާރުންގެ އުޅުންތަކާއި ގުޅުންތައް ވަރަށް ބޮޑަށް ލިމިޓްކުރަންޖެހޭނެ ކަމަށް ވިދާޅުވި
21 އޮކްޓޯބަރ 2025 - 15:52
ފަނޑިޔާރުންގެ އަދުލުވެރިކަން ގުޅިފައި އޮތީ ނަޒާހަތްތެރިކަމާ ކަމަށާއި އަދި ފަނޑިޔާރުކަމާ ހަވާލުވުމަށް ފަހު، ފަނޑިޔާރުގެ އުޅުންތަކާއި ގުޅުންތައް ވަރަށް ބޮޑަށް ލިމިޓް ކުރަން ޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
ފެމިލީ ކޯޓަށް ދެ ފަނޑިޔާރަކު އައްޔަން ކުރަން ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާ ގުޅިފައިވާ ސިފަތަކަކީ ވަކިވަކި ސިފަތަކެއްގެ ގޮތުގައި ލިޔެފައި ވިޔަސް، އެއީ އެއްސިފަ އަނެއް ސިފައާ ގުޅިލާމެހިފައިވާ ސިފަތަކެއް ކަމަށެވެ.
އެގޮތުން، ފަނޑިޔާރުގެ އަދުލުވެރިކަމާއި ވަކިފަރާތަކަށް ނުޖެހުމުގެ ސިފަ ގުޅިފައި އޮންނަނީ ފަނޑިޔާރުގެ ނަޒާހަތްތެރިކަމާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ފަނޑިޔާރުގެ ރިވެތި އަހްލާގީ ސިފަތަކާއި ސިޔާސީ ހަރަކާތްތަކުން އެއްކިބާވުމުގެ ސިފަ އޮންނާނީ ނަޒާހަތްތެރިކަމާ ގުޅިފައި ކަމަށް ވިދާޅުވި އެވެ.
"ފަނޑިޔާރުކަމާ ހަވާލުވުމަށް ފަހު، މީހާގެ އުޅުމަށް އިންތިހާ އަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެންނަންޖެހޭ. މި ދެންނެވި ބަދަލުތަކަކީ ފަނޑިޔާރު އޭނާގެ ފަނޑިޔާރުކަމުގެ ޝަހްސިއްޔަތު ބިނާކުރުމަށް ގެންނަ ރަނގަޅު ބަދަލުތަކަކަށް ވާން ވާނެ،" އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި، އެހެން މީހުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވެވޭތޯ ފަނޑިޔާރުން އަބަދުވެސް މަސައްކަތް ކުރަން ވާނެ އެވެ. އަދި ދިމާވާ ކުއްލި ހާލަތުގައި ފަނޑިޔާރު ކެތްތެރިކަން ކޮޅުންލުމުގެ ބަދަލުގައި، ހިކުމަތްތެރިކަން ބޭނުންކުރަން ޖެހޭނެ ކަމަށާއި ހަސްމުންނާއި މުވައްޒަފުންނާ މުއާމަލާތް ކުރަން ވެސް ޖެހޭނީ ރީތި ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ދާއިރު، ދިމާވާ ހާލަތަކާ ގުޅިގެން އަމަލުކުރެވޭ ގޮތަކީ ނުވަތަ ބުނެވޭ ބަހަކީ ފަހަރުގައި މީސްމީޑިއާގައި ވައިރަލްވެ، ފަނޑިޔާރު މަޝްހޫރުވުމަށް ލިބޭ ފުރުސަތަކަށް ވެދާނެ. އެކަމަކު ދަންނަވަންތޯ؟ ހަމަ އެ އަމަލަކީ ނުވަތަ އެ ބަހަކީ ސަބަބުވެރި ބައެއްގެ ވިސްނުމުން ބަލާއިރު، ފަހަރުގައި ފަނޑިޔާރުކަމާ ނުގުޅޭ އަމަލަކަށް ނުވަތަ ބަހަކަށް ވެދާނެ،" އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވި އެވެ.
"އެހެންކަމުން މިކަންކަމަށް ސަމާލުވުމަށް ދަންނަވާލަން."
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުން އާއިލާ އާއި ރަހުމަތްތެރިންނާ އެކު ހޭދަކުރާ ވަގުތުތަކުގައި ވެސް އަބަދުވެސް އެއީ ފަނޑިޔާރުންކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި އާންމު ފަރުދަކު ކުރިޔަސް އެއީ ގޯސް ކަމެއް ކަމަށް ނުބެލެވޭނެ ކިތަންމެ ކަމެއް ފަނޑިޔާރަކު ފަރުދީ ހައިސިއްޔަތުން ކުރުމުން އެއީ ގޯސް ކަމެއްގެ ގޮތުގައި މުޖުތަމައު ދެކެފާނެ ކަމަށާއި އެކަމާ މެދު ވިސްނަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ދާއިރު، ދިމާވާ ހާލަތަކާ ގުޅިގެން އަމަލުކުރެވޭ ގޮތަކީ ނުވަތަ ބުނެވޭ ބަހަކީ ފަހަރުގައި މީސްމީޑިއާގައި ވައިރަލްވެ، ފަނޑިޔާރު މަޝްހޫރުވުމަށް ލިބޭ ފުރުސަތަކަށް ވެދާނެ. އެކަމަކު ދަންނަވަންތޯ؟ ހަމަ އެ އަމަލަކީ ނުވަތަ އެ ބަހަކީ ސަބަބުވެރި ބައެއްގެ ވިސްނުމުން ބަލާއިރު، ފަހަރުގައި ފަނޑިޔާރުކަމާ ނުގުޅޭ އަމަލަކަށް ނުވަތަ ބަހަކަށް ވެދާނެ،"--- އުއްތަމަ ފަނޑިޔާރު ޣަނީ
ފަނޑިޔާރުގެ އުޅުންތަކާއި ގުޅުންތައް ވަރަށް ބޮޑަށް ލިމިޓްކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އެއީ ފަސޭހަ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ފަނޑިޔާރަކަށް ވުމުގެ ކުރިން ދިޔަ ތަންތަނާއި އުޅުނު ވަގުތުތަކާއި އެއްކޮށް އުޅުނު މީހުންނާ އެކު ވެސް ފަނޑިޔާރަކަށް ވުމަށް ފަހު، އުޅުން ރަނގަޅު ނުވެދާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ފަނޑިޔާރުންގެ އަމަލުތައް ކޯޓު ތެރޭގައި އަދި ކޯޓުން ބޭރުގައި ހުންނަން ވާނީ ޝަރުއީ ދާއިރާގެ ހައިބަތާއި މިނިވަންކަން ދައްކުވައިދޭ ގޮތަށެވެ. އަދި ރައްޔިތުން ދެކެން ބޭނުންވާނީ އަދުލުވެރި އަދި ނަޒާހަތްތެރިކަމާއި ކެތްތެރިކަމާ އެކު މަސްއޫލިއްޔަތު އަދާކުރާ ފަނޑިޔާރުންގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑަރޯގާ
22 October 2025
ފަނޑިޔާރުގެއިން ސަރުކާރަށް ސަނާ ކިޔާ ޓްވީޓު ކުރުން ލިމިޓް ކުރަން ޖެހޭ!
ނިލް
22 October 2025
އުއްތަމަ ފަނޑިޔާރު ވެސް މީ ސަބަބުވެރި ވިސްނުމުން ކަންކަން ނިންމަވާ ބޭފުޅެއްބާ؟؟
ހުސް
22 October 2025
ކޮރަޕްޓް ކަލްޓެއް އޮތްތަނެއް! މޮޅު ވާހަކަތައް އެންމެން މިދައްކަނީ! އަތުޖެހުނު ގޮތަކަށް ޖެހުނު އެއްޗެއް ނަގަނީ! ނިކަން އާދައިގެ ގޮތަކަށް އުޅުނު ފަނޑިޔާރުން ޙުކުމެއް ކުރާގޮތަކުން ރިޓަޔަރކޮށް މެލޭޝިޔާއަށް މުޅި އާއިލާގޮވައިގެން ދިރިއުޅުން ބަދަލުކޮށްފައިވާތަން އެބަފެނޭ! މިކަންކަން ހިނގާނުހިގާގޮތް ނުބަލާ މޮޅު ވާހަކަތައް ދެއްކިއަކަސްނުވާނެ! ނިކަން މިހެން ހުރި ކަންކަން ހިންގާލަބަލަ! ލިބޭ އެއްޗަކާ ނުބައްދަލު މުއްސަނދި ދިރިއުޅުން އުޅޭ ފަރާތްތަށް ހޯދާ!
55877
22 October 2025
އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅު ވަރަށް ރަނގަޅު. ފަނޑިޔާރުންގެ ވަކި ކޮލިޓީސް ތަކެއް ހުންނަން ޖެހޭނެ އާންމު މާހައުލުގައިވެސް. ސިޔާސީ މީހުންނާ ގުޅުން ބާއްވައި ފައިސާއަށް ހުކުމް ކުރާ ބަޔަކަށް ވެގެން ނުވާނެ. ނަމަވެސް ހިތާމައަކީ މިއަދު އެ އިޚްލާސްތެރިކަން ފަނޑިޔާރުންގެ ނެތުން. ވަގުތީ އުފަލުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ މިއަދު ފަނޑިޔާރުންގެވެސް މޮޓޯ.
އައްލާ ބެއްޔާ
21 October 2025
ޢުއްތަމަ ފަނޑިޔާރާއި ސިޔާސީ މީހުންނާ އޮންނަ ގުޅުންވެސް ވަރަށް ބޮޑަށް ލިމިޓްކޮށްލަން ޖެހޭނޭ.. 3 ފަޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރުން ނަރަކައަށް އެއްލާލެވޭނެ ބުނާ އަޑު މަނިކުފާނަލު ވެސް އަހަފައިވާނެކަމަށް އުއްމީދު ކުރަން.
ކޮރަލް
21 October 2025
ބަލަން ވީ އެކައުންޓް ތަކެވެ.
ޝަޖޫ
21 October 2025
ޗީފް ޖަސްޓިސްއަށް ކުރެވިފަ ހުރި ތުހުމަތްތައް ހާދަ ގިނައޭ. ދެންމެ ސަރޗް ކޮއްލީމަ މިއިނގުނީ ދައްކާ ވާހަކަ އާ އަމަލާ ދިމާނުވާކަން.
ސާފުވާގޮތް
21 October 2025
އިސް ފަނޑިޔާރަކީ ވަރަށް ޓެކްނިކަލް މީހަކަށް ވާންޖެހޭ. ސިޔާސީ ވާހަކަ ދައްކާ، އަމިއްލަ މީހާ ޕްރޮމޯޓް ވާން އުޅޭ މީހަކަށް ވާން ނުޖެހޭ
ގަޑިތަކުރު
21 October 2025
"ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ދާއިރު، ދިމާވާ ހާލަތަކާ ގުޅިގެން އަމަލުކުރެވޭ ގޮތަކީ ނުވަތަ ބުނެވޭ ބަހަކީ ފަހަރުގައި މީސްމީޑިއާގައި ވައިރަލްވެ ފަނޑިޔާރު މަޝްހޫރުވުމަށް ލިބޭ ފުރުސަތަކަށް ވެދާނެ. އެކަމަކު ދަންނަވަންތޯ؟ ހަމަ އެ އަމަލަކީ ނުވަތަ އެ ބަހަކީ ސަބަބުވެރި ބައެއްގެ ވިސްނުމުން ބަލާއިރު، ފަހަރުގައި ފަނޑިޔާރުކަމާ ނުގުޅޭ އަމަލަކަށް ނުވަތަ ބަހަކަށް ވެދާނެ. އެހެންކަމުން މިކަންކަމަށް ސަމާލުވުމަށް ދަންނަވާލަން،" - ޙުސްނުއްސުޢޫދަށް ބައްލަވާ!
މައްކުބޭ
21 October 2025
ހަމަ ރަނގަޅަށް މަނިކުފާނު ތިބުނީ، މަޤާމެއް ހޯދުމަށް ވެސް ޕްރޮފެޝަނަލް މީހުން ވެރި މީހާ އަށް ވެރިކަން ލިބުމުން ގައިގަ ބައްދާކަށް ނުޖެހޭ، ޕްރޮފެޝަނަލް ޑިސްޓޭންސް އެނގެން ޖެހޭ.