ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މިއަދު އައްޔަން ކުރެއްވި، ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރާ އެކު، އުއްތަމަ ފަނޑިޔާރު ޣަނީ އާއި ސުޕްރީމް ކޯޓުގެ އެހެން ބައެއް ފަނޑިޔާރުން އަދި ޖޭއެސްސީގެ ބައެއް މެމްބަރުން މިއަދު ފޮޓޯއަކަށް ހުއްޓި ވަޑައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
25 ސެޕްޓެމްބަރ 2025 - 15:51
ފަނޑިޔާރުންނަކީ ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިސްވެރިންނާ ވެސް ތަފާތު އަދި ނަމޫނާ އަހްލާގީ މިންގަނޑެއް ގެންގުޅެންޖެހޭ ބައެއް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު އައްޔަންކުރަން ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވީ ފަނޑިޔާރުކަމުގެ ޒިންމާއަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ވަރަށް ގިނަ އުސޫލުތަކެއް ފަނޑިޔާރުން ހިފަހައްޓަން ޖެހޭ ކަމަށެވެ. ފަނޑިޔާރުންނަކީ އެހެން މީހުންނަށް ނަމޫނާއެއް ދައްކާ ބަޔަކަށް ވާންޖެހޭ ކަމަށާއި އެހެންވެ، ހުރިހާ ކަމެއްގައި ވެސް ވަރަށް ގިނަ ހިފެހެއްޓުންތައް ފަނޑިޔާރުން ގެންގުޅެންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ދައުލަތުގެ އެހެން މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނާ ވެސް ތަފާތު މިންގަނޑެއް ގެންގުޅުއްވާ ބަޔަކަށް ފަނޑިޔާރުން ވާން ޖެހޭނެ. އެހެންކަމުން ފަނޑިޔާރުންގެ އުޅުންތަކާއި ގުޅުންތަކަކީ ވަރަށް ލިމިޓް ކުރެވިފައިވާ މިންގަނޑެއްގެ ތެރޭގައި އޮންނަންޖެހޭ އުޅުންތަކާއި ގުޅުންތަކެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ އިސްގާޒީ މާހިރު ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި، ކޯޓުތަކަށް ހިދުމަތް ހޯދަން ދާ މީހުންނާ މުއާމަލާތް ކުރަންޖެހޭނީ ވަރަށް އިހްތިރާމާ އެކު އެވެ. އަދި ފަނޑިޔާރަކަށް ވުމަކީ އެހެން ބައެއްގެ މައްޗަށް ގަދަވެގަތުމަށް ލިބޭ ބާރެއް ނޫން ކަމަށާއި ފަނޑިޔާރުންނަށް ލިބޭ ހަމައެކަނި ބާރަކީ ގާނޫނުތަކުގެ ދަށުން ލިބޭ ބާރު އެކަނި ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. މަސައްކަތުގެ އަހްލާގް ދެމެހެއްޓުމަކީ އާންމުންގެ އިތުބާރު ހޯދުމަށް މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ޣަނީ މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ: ފަނޑިޔާރުން ނަމޫނާ އަހްލާގެއް ގެންގުޅެންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އޭގެ ބޭރުން އެއްވެސް ގޮތަކަށް ކޯޓުގެ މާހައުލުގައި އެއްވެސް ކަމެއް ކުރެވިގެން ނުވާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ފަނޑިޔާރުންގެ މަސައްކަތުގައި ރައުޔު ތަފާތުވުމަކީ މައްސަލައެއް ނޫނެވެ. ހިޔާލު ތަފާތުވި ނަމަވެސް އަމާޒަކަށް ވާންޖެހޭނީ ހައްލަކާ ހަމައަށް ދިއުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ކުރިން މަދަނީ ކޯޓާއި ފެމިލީ ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވި އިސްގާޒީ މާހިރު ހައި ކޯޓަށް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ މިއަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބުދުލް ޤާދިރު
25 September 2025
ނަމޫނާ އަޚުލާޤީ މިނަގަނޑު ފެނޭތާ! ޚާއްޞަކޮށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން.
ގުދުގުދާބެއްޔާ
25 September 2025
75 ހާސްރުފިޔާ މުސާރަ ނަގައިގެންތިބެ ސަރިއްޔަތެއް 2 އަހަރުން ނިންމަން!
ގނ އގ.
25 September 2025
ލައްބަ ނަމޫނާ އަޙްލާޤު އިގޭތޯ، އަތުގަ ފައިސާ ނެތް އަދި ތަންކޮޅެއް އާދައިގެ ކުއްތަކުގަ ހާޒިރު ކުރެވޭ މީހުންނައް ތިޔަބޭފުޅުންގެ އޯގާތެރިކަމާއި އަޙްލާޤާއި ކަރާމާތްތެރި އުޅުން ފެނި ތަޖުރިބާކުރެވިފަ ހުރި ގިނަ ބޭފުޅުންވެސް ތިވާހަކަ އެބަ ދައްކާ. ބޮޑާކަމެއް ނެތި އިއްޒަތްތެރި ބޭފުޅުންގެ ހައްގުގާ ނިކަމެތިން ތެދުވަން ޖެހެނީ ކޮންފައިދާއެއް އެ ބޭފުޅުން އައް ވާތީ ތޯ؟
ކައްޓަފުޅިސްތާން
25 September 2025
އާދެ... އާދެ...
ކޮރަޕްޓް ސްޓޭޓް
25 September 2025
އަދީބުގެ ފޯނުން ލީކުވި މެސެޖްތަކުން އެ އަހްލާގު ފެނޭ ނޫންތޯ
ފަނޑި
25 September 2025
އެމީހުން މިހާރު އެބަތިބިތަ؟
ޢަނީސް
25 September 2025
ނަމޫނާ އަޚްލާޤީމިންގަނޑާއި އިސްލާމްދީނުގެ އަޚްލާޤީމިންގަނޑާއި ހުރިތަފާތަކީ ކޮބާ؟
ޙަސީނާ
25 September 2025
ކީކޭ އަޅެމީހަކް ބުނާނީ، އެންމެންވެސް ބޭނުންވަނީ މީހުންނަށް ނަސޭހަތްދީ މީހުން އަމަލުކުރުވަން އަމިއްލަޔަށް މިއިންކަމެއް ކުރާމީހެއް ނެތް. މީގެ އަމަލެއްކުރާނެ ބަޔަކް ހޯދަންވެއްޖެ ނޫތޯއެވެ!
ސަސި
25 September 2025
ދެން ހަމަ ހުސް މޮޅު ވާހަކަ ދެއްކިޔަސް ކަމަކު ނުދާނެ