މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދަނީ.-- ފޮޓޯ: މަޖިލިސް
02 ނޮވެމްބަރ 2025 - 14:31
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް ހުށަހެޅި ހިޔާލުތަކާ ގުޅޭ ގޮތުން ކޮމިޓީން މިއަދު މަޝްވަރާކޮށްފި އެވެ.
މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ވަނީ އާންމުންނާއި އިދާރާތަކުގެ ފަރާތުން ހުށަހަޅާފައިވާ ހިޔާލުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ބިލަށް ބައެއް އިސްލާހުތައް ގެންނަން ނިންމައިފަ އެވެ.
އެ ބިލަށް ހައުސިން މިނިސްޓްރީން ވެސް ހިޔާލު ހުށަހަޅަން ނިންމާފައިވެ އެވެ.
މިނިސްޓްރީން ހުށަހަޅާ ހިޔާލުތައް ކޮމިޓީއަށް ލިބޭނީ އަންނަ އަންގާރަ ދުވަހު ކަމަށް އެ ކޮމިޓީގައި މުގައްރިރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީއިން ބޯހިޔާވަހިކަމުގެ ބިލު ދިރާސާކުރުން pic.twitter.com/a3eYuDWyWW
— People's Majlis (@mvpeoplesmajlis) November 2, 2025
ފަލާހް ވިދާޅުވީ ބޯހިޔާވަހިކަމުގެ ބިލަށް ލިބިފައިވާ ހިޔާލުތަކަށް މަޝްވަރާކޮށް، އިސްލާހުތައް ގެނެސް ނިންމައި، ކޮމިޓީން ބިލު ފާސްކުރުމަށް ފަހު އަންނަ ހަފުތާގައި ބާއްވާ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް އެ ބިލު ހުށަހަޅަން ގަސްދުކުރައްވާ ކަމަށެވެ.
ކޮމިޓީން ވަނީ އެ ބިލަށް މަޝްވަރާކުރުމަށް މިއަދު ހެނދުނާއި މެންދުރު ފަހު ވެސް ބައްދަލުވުމެއް ބާއްވައިފަ އެވެ.
މި ސަރުކާރު ވެރިކަމަށް އައީ އެންމެންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ބޮޑު ވައުދާ އެކު ކަމަށް ވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، ބޯހިޔާވަހިކަން ނުލިބޭ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
02 November 2025
ކަށިމައްޗަށް ޕޮއިންޓްދީގެން "ބިމާއި ފުލެޓް ހިލޭ ދިންކަމަށްވިޔަސް" ދައުލަތުގެއެހީތެރިކަން ލިބިގެންނޫނީ ބޯހިޔާވަހިކަން ހޯދެންނެތް ކ.މާލޭ ފަޤީރުމީހާއަށް ތިރަށުގައިދިރިއުޅެން ދަތިވާނެތީ، "އޭނާއަށް ފައިސާނުދެއްކޭވަރުގެ ފުލެޓެއް އޭނާގެބޮލުގައި އެޅުވުމުގެބަދަލުގައި" (މިހާރުވެސް މާލޭގެގިނަމީހުން ފުލެޓަށް ލާރިނުދައްކާ ހުރި ފާއިސާ 3 ބިލިޔަނާއި ގާތްކުރޭ) މަތީގައިދެންނެވި ރަށްރަށުގައި ސޯޝަލް ހައުސިންގ ފުލެޓްސް އަޅާފައި، ފަޤީރުންނަށް ފުލެޓް ދޫކުރަންވީ ނޫންތޯ.
ސައްދާމް
02 November 2025
ހިޔާ ޓަވަރުތަކަށް ކަރަންޓް ފެން ވީހާވެސް އަވަހަށް ލިބޭނޭގޮތް ވާނީ ކޮންތެއް ހަދާގެންތޯބަލަން ތިޔަ ކޮމެޓީ ހިންގާލަބަށް, ސުކޫޅް ހުޅުވަން 3 ދުވަސް ކުރިން ތަން ހަވާލު ކުރީމަ ވަރަށް ހާލުގަ އުޅެން ޖެހޭނީ.
ކުފރސް
02 November 2025
މަޑުކޮށްބަލަ، ތިޔަ ހަދާ ތަރައްގީގެ ޕްލޭނެއް ނިމެންދެން. ބޭނުމެއްނެތް ޕްލޭނެއްނު ތި ހަދަނީ؟
ފަސްޓްކަމް
02 November 2025
އެންމެ ފުރަތަމަ ދޭންވީ އެންމެ އުމުރުން ދުވަސްވީ މީހުންނަށް. އެންމެ ފުރަތަމަ ދޭންވީ އެންމެ ފުރަތަމަ ދަފުތަރުގައި ރަޖިސްޓަރީ ވީ މީހުންނަށް. ދަރިއަކު ހުއްޓަސް ނެތަސް މިގޮތަށް އަމަލުކުރި ނަމަ ހަމައެއް އޮތީސް. ހަމަ ނަގާލާފައި ޕާޓީގެ މަސައްކަތުގައި އުޅޭ މީހުންނަށް ދޭން ގަވާއިދު ހަދައިގެން ގާތް މީހުންނަށް ދޭތީ އިންސާފު ގެއްލުނީ. ވިޔަފާރިއަކަށް ބަދަލުވީ.
އަސަރީ
02 November 2025
ސިޔާސީ މީހުން ބޭނުންވާ ބަޔަކަށް މާލޭއިން ގޯތި، ބައެއް ދެމަފިރިންނަށް 2 ފުލެޓް ދީފައި ދެން ބޭނުންވާ ގޮތަށް ގާނޫން ހެދުމަކީ ލަދުވެތި ކަމެކެވެ. ގާނޫނު ނެތޭކިޔާފައި 2 މަފިރިންނަށް ފުލެޓް ދިނުމަކީ ބޯހިޔާ ވެހިކަން ހައްގުވާ ބަޔަކު މަހުރޫމް ކުރުން ނޫންތޯ ؟ ދެމަފިރިންނަށް 2 ފުލެޓްދީފައި އަނބި މީހާއާއި ފިރިމިހާ ވަކިން އުޅެންދިން ފުލެޓް ތޯއެވެ.
ދޫނިރާއްޖެ 2.0
02 November 2025
"މިސަރުކާރު ވެރިކަމަށް އައީ އެންމެންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ބޮޑު ވައުދާ އެކު ކަމަށް ވާއިރު، ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފަސްއަހަރު ނިމޭއިރު، ބޯހިޔާވަހިކަން ނުލިބޭ އެއްވެސްމީހަކު ނުހުންނާނެ ކަމަށެވެ." ނޫސްވެރިން ފަސްއަހަރު ނިމޭއިރުވެސް މިހެން ލިޔެލަލިޔެލަ ތިބެންވީތޯ؟ ނޫނީ އެންމެ ފަހުދުވަހު ޖިންނީން ގެނެސްގެން 65ހާސް ޔުނިޓްއަޅާލާނެ ކަމަށް ގަބޫލުކޮށްގެންތޯ ތިތިބީ؟ ދެންއޮތްގޮތް ހަދާކަށްނުވޭތޯ؟