ރައީސް މުއިއްޒު ޝަންގްރިއްލާ ރިސޯޓަށް ވަޑައިގެން އެތަން ހުޅުވުމުގެ ތައްޔާރީ ބައްލަވާލައްވަނީ --- ފޮޓޯ/ރައީސް އޮފީސް
05 ނޮވެމްބަރ 2025 - 20:19
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަންދުކުރި ގޮތަށް މިހާތަނަށް ވެސް ނުހުޅުވާ އޮތް އައްޑޫގެ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މިއަހަރު ނިމުމުގެ ކުރިން ހުޅުވުމަށް ތައްޔާރު ވަމުންދާތީ އެ މަސައްކަތްތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.
އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ޝަންގްރިއްލާގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އެ ރިސޯޓަށް ރައީސް ވަޑައިގަތީ ހަވީރު އެވެ. ރައީސް އޮފީހުން ބުނީ އެތަނަށް ރައީސް ވަޑައިގަތީ އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވައި، އިގްތިސާދީ ހަރަކާތް ފުޅާކުރުމުގެ ފުރުސަތުތައް ބެއްލެވުމުގެ ގޮތުން ކަމަށެވެ.
ޝަންގްރިއްލާ ވިލިނގިލި ރިސޯޓް މިއަހަރު ނިމުމުގެ ކުރިން އަލުން ހުޅުވަން އެ ރިސޯޓް ހިންގާ އައްޑޫ އިންވެސްޓްމަންޓުން އެއްބަސްވެފައިވަނީ ސަރުކާރުން އެކުންފުންޏާއެކު ކުރި މަޝްވަރާތަކަށްފަހު އެވެ.
މިދިޔަ މަހު ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގް ވިދާޅުވެފައިވާ ގޮތުގައި ޝަންގްރިއްލާ ގްރޫޕް އަދި އެސެޓް މެނޭޖްމަންޓްގެ ވެރިޔާ އާއި އެ ރިސޯޓުގެ ޖެނަރަލް މެނޭޖަރާ ބައްދަލު ކުރައްވައި، އަންނަ ޑިސެމްބަރު 25 ވަނަ ދުވަހުގެ ކުރިން އެތަން ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
ރައީސް މުއިއްޒު ޝަންގްރިއްލާއަށް ވަޑައިގެން އެތަން ހުޅުވުމުގެ ތައްޔާރީ ބައްލަވާލައްވަނީ --- ފޮޓޯ/ ރައީސް އޮފީސް
އެއްގޮތަކަށް ވެސް ބޭނުންނުކޮށް ރިސޯޓު ބަންދުކޮށްފައި އޮތުމުން އެ ރިސޯޓު އޮތީ ވަރަށް ބޮޑަށް ވީރާނާވެފަ އެވެ. ޝަންގްރިއްލާ އަލުން އޮޕަރޭޝަނަށް ގެނައުމަށް ހިނގާ މަރާމާތަށް 25 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ކުރިން ސަރުކާރުން ބުނެފައިވެ އެވެ.
ޝަންގްރިއްލާ ވިލިނގިލި ރިސޯޓް 2021 ވަނަ އަހަރު ބަންދު ކުރީއްސުރެން ފެށިގެން އެ ރިސޯޓް އަލުން ހުޅުވަން ސަރުކާރުން މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން ރިސޯޓް އަލުން ހުޅުވަން ބާރު އެޅުމުގެ ގޮތުން، އެ ކުންފުނީގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލަން ކުރީގެ ސަރުކާރުން އެއްބަސްވި އެވެ.
އެތަން ފުރަތަމަ ހުޅުވިއިރު އެތަން މަޝްހޫރުވީ މުއްސަނދި ޓޫރިސްޓުން ޒިޔާރަތްކުރާ ތަނެއްގެ ގޮތުގަ އެވެ. ޝަންގްރިއްލާ ހިންގި ދުވަސްވަރު އައްޑޫގެ އިގްތިސާދު ވެސް ރަނގަޅުވެ، ވަރަށް ގިނަ ޕްރައިވެޓް ޖެޓްތައް އައްޑު އަށް ދަތުރުކުރި އެވެ.
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗެއްގައި ފަސް ވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ އެ ރިސޯޓު ބަންދުކުރުމާ ހަމައަށް 500 އަށް ވުރެ ގިނަ މުވައްޒަފުން އެތަނުގައި މަސައްކަތްކުރި އެވެ. އެތަން އަލުން ހުޅުވުމާ އެކު އައްޑޫގެ އިގުތިސާދަށް ކުރިއެރުން އަންނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
05 November 2025
އައްޑޫގެ ރައްޔިތުންނަށް ޓްއަރިޒަމް ސިނާއަތުގައި ބައިވެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުން އެމްޑީޕީ ސަރުކާރުން އައްޑޫސިޓީގައި ތަރައްޤީކުރި Addu city LONG BEACH މާލޭސަރުކާރުގެ ދަށަށް ބަދަލުކުރުމުގެ ބަދަލުގައި އައްޑޫގެ ރަށްވެހިންގެ ގޮތުގައިތިބި އައްޑޫ ވިޔަފާރި ވެރިންގެތެރެއިން ކޮންމެ ވިޔަފާރި ވެރިއަކަށް 5000 އަކަފޫޓްގެ ބިން ޙަވާލުކޮށް ކޮންމެ ބިމެއްގައި މަދުވެގެން 50 ކޮޓަރީގެ ސިޓީ ހޮޓަލެއް ހަދަން އައްޑޫސިޓީ ރަށްވެހިންނަށް LONG BEACH ބިންތައް ދޫކުރޭ.
ދީދީ އަލީ
05 November 2025
ތިތަން ސަރުކާރުން އަމިއްލައަށް ގަނެފައި އިތުރުވާ ވަރަށް ވެސް ކުރީގެ ސަރުކާރުން ރުފިޔާ ޗާޕު ކުރި . މުޅި އިގްދިސާދު ފުނޑާލާފަ ދިޔައީ ފައިދހުރި ކަމެއް ނުކޮށް