ކުރިން ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ މަޖިލިސް މެމްބަރު އަލީ އާޒިމް ވަހާކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
10 ނޮވެމްބަރ 2025 - 15:45
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކުރީގެ މަޖިލިސް މެމްބަރު އަލީ އާޒިމަށް ތާއީދުކުރައްވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހާމަކުރައްވައިފި އެވެ.
އަލީ އާޒިމަށް ތާއީދުކުރައްވާކަން ނަޝީދު ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އާޒިމްގެ ފޮޓޯއަކާ އެކު ހިއްސާކުރެއްވި އެ ޕޯސްޓުގައި "އަލީ އާޒިމް، މާލެ ސިޓީގެ މޭޔަރު ކަމަށް" ލިޔުއްވާފައިވެ އެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން އަލީ އާޒިމްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ނަޝީދުގެ ތާއީދު އަލީ އާޒިމަށް އޮތްކަން ހާމަކުރެއްވި އިރު، މިހާރު ވެސް މާލޭގެ މޭޔަރުކަން ކުރައްވާ އާދަމް އާޒިމް ވެސް އެމްޑީޕީގެ ފަރާތުން މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވައިފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ އަރިސް ބޭފުޅެއް ކަމަށްވާ އާދަމް އާޒިމް މިހާރު ވަނީ ކެމްޕެއިން ވެސް ފައްޓަވައިފަ އެވެ.
ރައީސްކަމުގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވުމާ ގުޅިގެން މޭޔަރުކަމުން އިސްތިއުފާ ދެއްވުމުން ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރައްވައި އާދަމް އާޒިމް މަގާމުގެ ހުވާކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ 22 ގަ އެވެ.
ކައުންސިލްތަކުގެ ދައުރުގެ ތެރެއިން ބާއްވާ ބައި އިލެކްޝަންތަކުގައި އިންތިހާބުކުރާ މެންބަރުންގެ ދައުރު ގުނަނީ ކައުންސިލްގެ ދައުރުން ބާކީ އޮތް މުއްދަތަށެވެ. އެހެންވެ، އަންނަ އަހަރުގެ މާޗު މަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރު ވެސް އަލުން އިންތިހާބު ކުރަން ޖެހޭނެ އެވެ.
އެ އިންތިހާބުގައި ވާދަކުރަން ނިންމަވައި އާދަމް އާޒިމް ވަނީ އޭނާގެ ބައެއް ސަޕޯޓަރުންނާ އެކު މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ބައްދަލުވުމެއް ވެސް ބާއްވައި، ތާއީދު ހޯއްދެވުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިފަ އެވެ. އެކަމަކު އާދަމް އާޒިމް ނިސްބަތްވާ، އިދިކޮޅު އެމްޑީޕީން މޭޔަރު ކަމުގެ މަގާމަށް ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އަދި ޕްރައިމަރީއެއް ނުބާއްވަ އެވެ.
މޭޔަރުކަމުގެ ކެމްޕެއިން އާދަމް އާޒިމް ފެއްޓެވިއިރު، އެ މަގާމަށް ސަރުކާރުގެ ފަރާތުން ކުރިމަތިލައްވާނެ ބޭފުޅަކު ވެސް އަދި ނޭނގެ އެވެ. ކައުންސިލުގައި މިހާރު ވެސް އޮތީ، ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އެވެ.
އާދަމް އާޒިމް މާލޭގެ މޭޔަރުކަމުގެ އިންތިހާބު ކާމިޔާބުކުރެއްވީ މިހާރު ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހާއި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުއާ ވާދަކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވޮޗްމޭން
10 November 2025
ސިޔާސީ ގޮތުން އިރުއޮއްސި ރިޓަޔާވެފައި ތިބެންޖެހޭ މީހުން މި ނިކުންނަނީ. އަހަރެމެން ތެރެއިން އާ ވަރުގަދަ ސިޔާސީ ޝަހުސީޔަތެއް އުފައްދާ ނެރެންޖެހޭ. މަމްދާނީއެއް އުފަންކުރަންވީ ޖެން-ޒީ ޒުވާނުން.