މާލޭގެ މޭޔަރު ކަމުގެ މަގާމަށް އަލުން ވާދަކުރައްވަން ނިންމަވައި މޭޔަރު އާދަމް އާޒިމް ރޭ ބައެއް ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ.
05 ނޮވެމްބަރ 2025 - 10:15
މާލޭގެ މޭޔަރު އާދަމް އާޒިމް، ދެ ވަނަ ދައުރަކަށް ކެމްޕެއިން ފައްޓަވައިފި އެވެ.
ރައީސްކަމުގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވުމާ ގުޅިގެން މޭޔަރުކަމުން އިސްތިއުފާ ދެއްވުމުން ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރައްވައި އާޒިމް މަގާމުގެ ހުވާކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ 22 ގަ އެވެ.
ކައުންސިލްތަކުގެ ދައުރުގެ ތެރެއިން ބާއްވާ ބައި އިލެކްޝަންތަކުގައި އިންތިހާބުކުރާ މެންބަރުންގެ ދައުރު ގުނަނީ ކައުންސިލްގެ ދައުރުން ބާކީ އޮތް މުއްދަތަށެވެ. އެހެންވެ، އަންނަ އަހަރުގެ މާޗް މަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރު ވެސް އަލުން އިންތިހާބުކުރަންޖެހޭނެ އެވެ.
އެ އިންތިހާބުގައި ވާދަކުރަން ނިންމަވައި އާޒިމް ވަނީ އޭނާގެ ބައެއް ސަޕޯޓަރުންނާ އެކު ރޭ ބައްދަލުވުމެއް ވެސް ބާއްވައިތާއީދު ހޯއްދެވުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިފަ އެވެ. އެކަމަކު އާޒިމް ނިސްބަތްވާ، އިދިކޮޅު އެމްޑީޕީން މޭޔަރު ކަމުގެ މަގާމަށް ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އަދި ޕްރައިމަރީއެއް ނުބާއްވަ އެވެ.
އާޒިމް، "މިހާރު" އަށް ވިދާޅުވީ މިހާތަނަށް އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އޭނާ އެކަނި ކަމަށާއި އެހެންވެ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފެއްޓެވީ ކަމަށެވެ.
In Sha Allah , Vaane Kuraane @adamazim pic.twitter.com/0mj5vWOxXr
— Highrise Issey (@highriseissey) November 4, 2025
އާޒިމް ވިދާޅުވީ އޭނާ މި ވަގުތު ހުންނެވި ދެ އަހަރު ޓާމްގެ ތެރޭގައި، މާލޭގެ ރައްޔިތުން ދިމާވެފައިވާ އެކި މައްސަލަތަކަށް ހައްލު ހޯދައިދެވިފައިވާ ކަމަށެވެ. ފެން ބޮޑުވުމަކީ މާލެއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި އެކަމަށް ވެސް ބޮޑު ހައްލެއް ހޯދައިދެވިފައިވާކަމަށް އާޒިމް ވިދާޅުވި އެވެ.
"ދެ އަހަރުގެ ޓާމެއްގައި މާލޭ ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ކުރެވިއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ފެން ބޮޑުވުން ކަހަލަ މައްސަލަތައް ހައްލުކޮށްފައި އަޅުގަނޑުމެން ދެ ވަނަ ދައުރަކަށް މި އަންނަނީ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ފުރިހަމަ ފަސް އަހަރުގެ ދައުރެއް އަދާކުރެއްވިއްޖެ ނަމަ މިހާރު ކޮށްދެވިފައިވާ މަސައްކަތަށް ވުރެ މާ ގިނަ މަސައްކަތް ކޮށްދެވޭނެ ކަމަށް އާޒިމް ގަބޫލުކުރައްވާ ކަމަށެވެ.
އެމްޓީސީސީގެ ކުރީގެ ސީއީއޯގެ މަގާމު ވެސް އަދާކުރެއްވި އާޒިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މާލޭގެ ރައްޔިތުންނަށް ކޮށްދޭން ޖެހޭ ގިނަ ކަންތައްތަކެއް އެބަ ހުރި ކަމަށެވެ. އޭގެ ތެރޭގައި މަގުތައް ހެދުމާއި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ބޯހިޔާވަހިކަމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި މި މަސައްކަތްތައް ކުރުމަށް ފުރިހަމަ ދައުރެއް ލިބުމަކީ މުހިއްމު ކަމެކެވެ.
މާލޭގެ މޭޔަރު ކަމުގެ މަގާމަށް އަލުން ވާދަކުރައްވަން ނިންމަވައި މޭޔަރު އާދަމް އާޒިމް ރޭ ބައެއް ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ.
"މާލޭގެ މަގުތައް ހެދުމާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާއި ބޯހިޔާވަހިކަމުގެ މައްސަލަ ކަހަލަ ކަންތައްތަކަށް މަސައްކަތް ކުރަންޖެހިފައި އޮތީ. އަޅުގަނޑު ކުރަންޖެހޭ ކަންތައްތަކަށް ހައްލު ހޯދުމަށް ފުލް ޓާމެއް ބޭނުންވާ ކަމަށް ގަބޫލުކުރެވޭތީ ދެވަނަ ދައުރަކަށް މި ކުރިމަތިލަނީ."
މޭޔަރުކަމުގެ ކެމްޕެއިން އާޒިމް ފެއްޓެވިއިރު އެ މަގާމަށް ސަރުކާރުގެ ފަރާތުން ކުރިމަތިލައްވާނެ ބޭފުޅަކު ވެސް އަދި ނޭނގެ އެވެ. ކައުންސިލުގައި މިހާރު ވެސް އޮތީ، ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އެވެ.
އާޒިމް މާލޭގެ މޭޔަރުކަމުގެ އިންތިހާބު ކާމިޔާބުކުރެއްވީ މިހާރު ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހާއި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުއާ ވާދަކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުނާނީ
06 November 2025
ދެންކާކުގެ ކައްވަޅެއްބާ މީނަކޮނެފަ އެއްލާލާނީ؟ ރައީސްކަމަށް އަންނަން މުޑި ނަގާމީހެއްމީވެސް.
ލާފްމް
06 November 2025
މެޔަރ އަކީ ކުރާ މަސައްކަތަކީ ކޮބާ؟
ދޮގޭ
05 November 2025
ހުސް ދޮގުހަދައިގެން ހޯދި މޭޔަރުކަން ދެންކީކޭ ބުނާނީ
މަބުނާނީ
05 November 2025
މާލޭ މޭޔަރަކަށް ގެންނަންވީ ރައީސްޔާމީނު. މިމާލެއަށް 5އަހަރުން ތަރައްގީއެއްގެނެސްދިން ހަމައެކަނި ރައީސަކީއެއީ.
ލައްޓި
05 November 2025
ބިދޭސީ މުވައްޒަފުންނަށް ގަވައިދާ ހިލާފަށްދޭ އިތުރުގަޑި ކަނޑަން ނުކެރުނު މޭޔަރު. ދެން ކޮން ކަމެއް ބާނީ. ސިވިލް މިކަންބަލާ.
ރާވެރިބެ
05 November 2025
އިތުރު ދައުރެއްދޭކަށް ނުފެނޭ. ބޭނުމީ އާ މޭޔަރެއް. މިފަހަރު މާލޭގެ މޭޔަރަކަށް ބޭނުމީ މުޅިން އާ މޫނެއް. ޒޮހްރާން މަމްދާނީ ކަހަލަ ކެރިސްމެޓިކް ޒުވާން އާ މޫނެއް. ރަގަޅީ އަންހެން ކަބަލެއް. ބޭނުންވަނީ ޒުވާން މޭޔަރެއް!
އޮަނަބްލް ގާގަޑު ބުރޯ
05 November 2025
މޭޔަރު ވޯޓު ހޯދުމަށް ވީ ވައުދުތައް ނުފުއްދާ ކުރިމަތި ލިޔަސް ދެން ބުނެވޭނީ ސޮރީއޭ . ކޮބާތޯ ހާމަކުރަން ވައުދުވީ މާލޭ ބިމުގެ ދަފްތަރު ؟ ކޮބާތޯ ހާމަކުރަން ވައުދުވީ ހަރަދުތައް ހިންގި ގޮތުގެ އޮޑިޓް ރިޕޯޓް ؟
ާއާމިރު
05 November 2025
މީނަ ހަވަލުވާ ކޮންމެތަނަކަށް ބަދަލުނުވާ ޓީމެއް އެބަ ގެންދޭ މާލޭ ސިޓީ ކައުންސިލްތެރޭގަވެސް އޮތީ މިބުނާ ޓިމުގެ ނުފޫޒް ހުރިހާ ސިވިލް ސާވަންޓުންގެ ބާރުތައްވަނީ ނަގާފަ. ޟމުވައްޒަފުންނާ ދޭތެރޭ ތަފާތުކުރުން އޮތީ ހައްދެއް ނެތް މިންވަރަށް. ޤާނޫނުތަކަށް ތަބަވާ ކޮންމެ މިހަކު ވަނީ ބާރުކަނޑުވާލާފަ. ސޯސަލް މީޑިޔާގަވެސް މިދޭތެރެއަކުން މިވާހަކަ ފެނުނު. މުޅިތަން ބޮއްސުންލާފަ. ދެން ކޮންމެގޮތެއްވިޔަސް ބޮޑު މުދާގަނދެއް ލިބުމުން ދޫކޮސްލަން ބޭނުންނުވާނެކަންވެސް އެނގޭ
ޕޯޓަބަލް
05 November 2025
ފުޓްސަލް ދަނޑެއްހާ ހިސާބުވެސް ނުލިބޭ. ކޮންމެވެސް ގޭންގަކަށް ގުޅަން މިޖެހެނީ. ސިޓީ ކައުންސިލަށް އެއްވެސް ދައުރެއްގައި ހައްލުނުވި ކަމެއް.
ޢިބޫ
05 November 2025
ހުރިހާވެސް ބޭނުމަކީ އާއިލީ ވިޔަފާރި ކުރިއެރުވުން،
ބުލްބުލްބުލް
05 November 2025
ރަނގަޅު ވާހަކައެއް. ކުރާކަންކަމުން ފެންނަނީ ތިޔަ މަންޒަރު. އާއިލާ ކުންފުންޏަށް މުޅި ޕޭމަންޓާ މަގުގެ އެއްބައިވެސް ނަގާލާ އެބަ މަސައްކަތް ކުރަން، އަދިކޮބާ ކާނަށް ސިމެންތި ދޮވެލިއަަސް އޯކޭ. ފެން ބޮޑުވުމީ އުނދަގޫވަނީ އާއިލީ ކުންފުންޏަކަށް ނޫން. އެމްޑީޕީ އިން މީނަ ނެރެފިއްޔާ ދެން އެމްޑީޕީއަށް ވޯޓު ލުމުގެ މާނައެއް ނެތް