އެމްޑީޕީގެ މެމްބަރުން މާޔޫސްކޮށްލުމަށް ފަހު، މައިދާން ދޫކޮށް ފިއްލަވާނެ ބޭފުޅަކަށް އޭނާ ނުވާނެ ކަމަށާއި ދެމިހުންނަވާނީ ރައްޔިތުންގެ ހިދުމަތުގައި ކަމަށް ދެވަނަ ދައުރަކަށް މަގާމު ދިފާއު ކުރައްވަން ވާދަކުރައްވާ، މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ އޭޕްރލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުގެ އެމްޑީޕީގެ ޓިކެޓު ހޯއްދަވަން ކެމްޕެއިން ކުރައްވާ އާޒިމް، ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވިދާޅުވީ މާލޭ ސިޓީކައުންސިލަށް އޭނާއާ އެކު ނުކުންނަވާ ބޭފުޅުން އިންތިހާބުކޮށްފި ނަަމަ ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ. ޓީމެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ މާލޭގެ އެންމެ ގޮނޑިއެއް ވެސް އެހެން ޕާޓީއަކަށް ނުދޭން ކަމަށް ވެސް އާދަމް އާޒިމް ވިދާޅުވި އެވެ.
"އަަޅުގަނޑުމެން މި މަސައްކަތްކުރަނީ ހުރިހާ ގޮނޑިއެއް އެމްޑީޕީ އަށް ކާމިޔާބު ކުރަން. ހުރިހާ ގޮނޑިއެއް، އަޅުގަނޑުގެ ހުރިހާ މަސައްކަތެއް، ހުރިހާ ވަގުތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެމްޑީޕީ މެންބަރުންނަށް [ކައުންސިލް] ހޯދައިދޭން މަަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ދެން ތިޔަ ހުރިހާ މެންބަރުންނަށް،" އާދަމް އާޒިމް ވިދާޅުވި އެވެ.
މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި އާދަމް އާޒިމާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.
އަލީ އާޒިމަށް އަށް ނުސީދާ ބަހުގެ ހަމަލާތަކެއް ރޭގެ ޖަލްސާގައި އާދަމް އާޒިމް ވަނީ ރައްދު ކުރައްވައިފަ އެވެ.
އާދަމް އާޒިމް ވިދާޅުވީ އޭނާއަކީ ޕާޓީގެ މެންބަރުން ބުރަ މަސައްކަތުން މަގާމަކަށް އިންތިހާބު ކުރުމުން ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އޭނާ އެ އިޝާރާތްކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޑީޕީ ދެބައިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފެއްދި އާ ޕާޓީއަށް އަލީ އާޒިމް ވަޑައިގެން އެމްޑީޕީއާ ދެކޮޅަށް ކުރެއްވި މަސައްކަތްތަކަށެވެ.
"މި އާދަމް އާޒިމް އެމްޑީޕީގެ މެންބަރުންގެ ވޯޓުން ހޮވީމާ މިހިރީ ނަގިލި ލާފައި. ދެން އަަޅުގަނޑު ގުޑުވައެއް އިރާދަކުރެއްވިއްޔާ ނުލެވޭނެ. މި ޕާޓީން މަގާމުތައް ދިނީމާ، އަދި ވަކިން ހާއްސަކޮށް ރައްޔިތުންނަށް ހިދުމަތް ކުރާނެ މަގާމުތައް ދިނީމާ ފިލައިގެން ރައްކާވާނެ މީހަކަށް މި އާދަމް އާޒިމެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ އޮޑިޓެއް ހަދައި ހިޔާނާތުގެ ކަމެއް ކޮށްފައި އޮވެއްޖެ ނަމަ އެ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅަންވީ ވައުދު ނުފުއްދަވާ ކަމަށް ވިދާޅުވެ، އަލީ އާޒިމްގެ ފާޑުވިދާޅުވުންތަކަށް ވެސް އާދަމް އާޒިމް ރައްދު ދެއްވި އެވެ.
އާދަމް އާޒިމް ވިދާޅުވި ގޮތުގައި އެފަދަ ބައެއް މައްސަލަތައް މިހާރު ވެސް ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނަށް ހުށަހަޅައިފަ އެވެ.