ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ބޭނުންކުރާނެ މާލޭގެ މެނިފެސްޓޯ މިރޭ ނެރެފި އެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ނެރެފައިވާ އެ މެނިފެސްޓޯ ނެރެފައިވަނީ "އަމާނާތްތެރި ހިދުމަތް، މާލޭ ސިޓީގެ ވިންދު" ގެ ނަމުގަ އެވެ. މެނިފެސްޓޯ ބައްޓަންކޮށްފައި ވަނީ މާލޭ މީހުންނަށް ދިމާވާ މައްސަލަތަކަށް ދެމެހެއްޓެނިވި އަވަަސް ހައްލެއް ހޯދައިދީ އުފާ ފާގަތި ދިރިއުޅުމެއް ބިނާކޮށްދެވޭނެ ގޮތަށް ކަމަށް އެމްޑީޕީން ބުންޏެވެ.
އެ މެނިފެސްޓޯގައި ތިން ދާއިރާއެއް ހިމެނެ އެވެ. އެއީ ފަހި ދިރިއުޅުމާއި ވިޔަފާރިއަށް ފަހިކޮށްދިނުން އަދި ރައްޔިތުންނަށް ބާރު އެވެ.
މެނިފެސްޓޯ އިފްތިތާހުކޮށް އެމްޑީޕީން ބުނީ ފަހި ދިރިއުޅުމުގައި ހިމެނޭ ބޯހިޔާވަހިކަމުގެ ދަށުން މާލޭގެ އިހްތިސާސްގެ ތެރޭގައި ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިމަނައި، އެ ސަރަަހައްދުތަކުން ދޫކޮށްފައިވާ ގޯތި އަވަހަށް ހަވާލުކުރުމަށް ވަސީލަތްތައް ގާއިމް ކުރުމަކީ އަމާޒެއް ކަމަށެވެ.
ބޯހިޔާވަހިކަމުގެ ސްކީމުތަކުން ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ގާނޫނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ދެމެހެއްޓެނިވި މާލީ ނިޒާމެއްގެ ތެރެއިން ގެދޮރު ބިނާކުރުމަށް ރިވޯލްވިންގް ފަންޑެއް ގާއިމުކުރަން ވެސް އެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. އަދި ސިނަމާލޭ ފްލެޓުތައް ތަޅާލައި އަލުން ތަރައްގީކުރަން ފެށުމާއި މާލޭގައި ބާވެފައިވާ އިމާރާތްތައް ނައްތާލުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީ ބޯހިޔާވަހިކަމުގެ ގައުމީ ނިންމުންތަކުގައި ކައުންސިލުގެ ދައުރު މިހާރަށް ވުރެ ފުޅާކުރުމަށް މެނިފެސްޓޯގައި ރާވާފައިވެ އެވެ.
މެނިފެސްޓޯގައި ވަނީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަަރައްގީކުރުމާ އެކު ޕާކިން މައްސަލަ ހައްލުކުރުމަށް މަލްޓިޕާޕޯސް ޕާކިންނާއި ގޭދޮށު ޕާކިން ތައާރަފުކުރަން ނިންމައިފަ އެވެ. އަދި ބޭރު މަގު ފުޅާކުރުމާއި ހަނި ގޯޅިތަަކަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް މެނިފެސްޓޯގައިވެ އެވެ.
މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ޒަމާނީ ބަސް ހުއްޓިތަކާއި ޓްރެފިކް ލައިޓް ހަރުކޮށް އުޅަނދުތައް ގެންގުޅެވޭނެ ވަކި މިންވަރެއް ކަނޑައަޅައި ތަންފީޒުކުރުން ވެސް ހިމެނޭއިރު ކޮމިއުނިޓީ ޕޮލިހާއި ޓްރެފިކް މެނޭޖްމަންޓް ޔުނިޓް އުފައްދަން ނިންމާފައިވެ އެވެ.
ކުނި އުކާލުމުގެ ނިޒާމު ހަރުދަނާކުރުމަށް އަގުހެޔޮ އަދި ހަނި މަގުތަކަށް ވަދެވޭ ކަހަލަ އުޅަނދުތައް ބޭނުންކުރުމާއި ކުނީގެ މައްސަލައަށް ރައްޔިތުން ހޭލުންތެރިކުރުމާއި ބޭނުންކޮށްފައިވާ ތަކެތި ވިއްކުމަށް މާކެޓެއް އުފެއްދުމަށް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. އަދި ކެޓް ޝެލްޓަރުގެ މަސައްކަތް ސިޓީ ކައުންސިލަށް ބަދަލުކުރަން ވެސް ހިމަނާފައިވެ އެވެ.
މިސްކިތުގައި ގުރުއާން ކްލާސް ހިންގުމާއި ހާފިޒުން އިތުރުކުރުމާއި ސަގާފީ ކަންކަން ދިރުވާ އާލާކުރުމުގެ އިތުރުން އަލަތު ކައިވެނީގެ ޕާޓީތައް ހިލޭ ބޭއްވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް އެމްޑީޕީގެ މާލޭގެ މެނިފެސްޓޯގައިވެ އެެވެ.
މާލޭގެ މަސްމާރުކޭޓާއި ލޯކަލް މާރުކޭޓު ތަރައްގީ ކުރުމާއެކު ތަކެތީގެ އަގުތައް ޑިޖިޓަލްކޮށް ބެލޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް މެނިފެސްޓޯގައިވެ އެވެ. އަދި ވިލިމާލޭގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމާއެކު ލޯކަލް މާރުކޭޓު ސަރަހައްދުގައި ދިވެހި އުފެއްދުންތައް ގަންނަން ލިބޭނެ ގޮތަކަށް އެތަން ތަރައްގީކުރަން ހިމަނާފައިވެ އެވެ.
ތިމާވެށީގެ ރޮނގުން ކުރާ ކަންކަމުގެ ތެރޭގައި ގޭގޭގައި ތަރުކާރީ އާއި ވޭމާ ހެއްދުމުގެ ޕްރޮގްރާމެއް ހިންގުމާއި ސޯލާ ޕެނަލް ހަރުކުރުމާއި މާލޭގެ ފަޅުގައި މުރަކަ އިންދުމުގެ ޕްެރޮގްރާމު ކުރިއަށް ގެންދާނެ އެވެ. އަދި ރައްޔިތުންނަށް ބާރު ދިނުމުގެ ތެރޭގައި ހިމެނެނީ ބަޖެޓު އެކުލަވާލުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމާއި ކައުންސިލުގެ މައުލޫމާތާއި ބިންތަކުގެ މައުލޫމާތު ޑިޖިޓަލްކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. އަދި ކުށް މަދު ސިޓީއަކަށް ހެދުމަށް ކުރެވޭނެ މަސައްކަތްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ ދައުރު، ސިޓީ ކައުންސިލު ހިންގުމުގައި ފުޅާކުރާނެ ކަމަށް މެނިފެސްޓޯގައިވެ އެވެ.