"އެ 15،000 ގޯތި ދޭނީ މާލޭ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ މީހުންނާއި މާލޭގެ ދަފްތަރުގައި ތިބި މީހުންނާއި ލާޖައްސައިގެން ގޯތި ބޭނުންވާ މީހުންނަށް."
ރަސްމާލެ ހިއްކަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ: ރަސްމާލެއިން 15،000 ގޯތި ދޭން ވަނީ ނިންމައިފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
11 ނޮވެމްބަރ 2025 - 13:33
މާލޭގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ރަސްމާލެއިން 15،000 ގޯތި ދޭން ނިންމައި، އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގައި ހެނދުނު ބޭއްވި 57 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް މާލެ އަށް ވީ ވައުދުތައް ފުއްދުމަށް ވަރަށް އަވަހަށް އެކި މަޝްރޫއުތައް އިއުލާން ކުރައްވާނެ ކަަމަށެވެ.
ބޯހިޔާވަހިކަމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދެވެ.
"އެއްވެސް ބޯހިޔާވަހިކަމެއް ނުލިބޭ 18 އަހަރުން މަތީގެ މީހުންނަށް އަމާޒު ކޮށްގެން، އެންމެ ބޭނުންވެފައިވާ މީހުން އެންމެ ފުރަތަމަ ލިބޭނެ ނިޒާމެއްގެ ތެރެއިން އާއިލީ ބޯހިޔާވަހިކަމުގެ ކޮންސެޕްޓުގައި އަޅުގަނޑު ވައުދުވީ ގޮތަށް ހުޅުވާލަނަން،" ރައީސް ވިދާޅުވި އެވެ.
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ އެ 15،000 ގޯތި ދޭނީ މިހާރު ހިއްކަމުން އަންނަ ރަސްމާލެއިން ކަމަށާއި ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި އެކަމަށް ބޭނުންވާ ބިން ހިއްކާ ނިމޭނެ ކަމަށެވެ.
"އެ 15،000 ގޯތި ދޭނީ މާލޭ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ މީހުންނާއި މާލޭގެ ދަފްތަރުގައި ތިބި މީހުންނާއި ލާޖައްސައިގެން ގޯތި ބޭނުންވާ މީހުންނަށް،" ރައީސް ވިދާޅުވި އެވެ.
"ބިން ހިއްކުން ކުރިއަށް ދާތީ، އަޅުގަނޑުމެން އިސާހިތަކު މި ހުޅުވާލަނީ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އިއުލާންކުރާނަން ތަފްސީލުތަކާ އެކީގައި ގޯތިތަކަށް ކުރިމަތިލާން."
ރައީސް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ ސްޕީޑް އަންނަ މަހު ތިން ގުނަ އަވަސްވާނެ ކަމަށެވެ. އޭގެ ސަބަބަކީ، ބިން ހިއްކަން ބޭނުންވާ ޑްރެޖަރުތައް ގެނައުމަށް ސަރުކާރުން މިހާރު ފައިސާ ދައްކާފައި ވާތީ ކަމަށާއި އަންނަ މަހު އެ ޑްރެޖަރުތައް ރާއްޖެ ގެންނާނެތީ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލޭ މީހުންނަށް ގޯތި ދިނުމަށް ހިއްކަން ޖެހޭ ހުޅުމާލެ 3 ގެ ބާކީ ބައި ހިއްކަން އިއްޔެ ފަށާފައިވާ ކަމަށެވެ. ގިރާވަރު ފަޅުގެ ބާކީ އޮތް ބައި ހިއްކަން ވެސް އިއްޔެ އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ޑްރެޖަރު ވެސް މި މަހު ގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި އަހަރު ނިމުމުގެ ކުރިން އުތުރު ތިލަފަޅު ހިއްކުމުގެ މަސައްކަތް ވެސް އަލުން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ގޯތި ދިނުމުގެ އިތުރުން ފްލެޓް އެޅުމުގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ތަފުސީލަށް ވަޑައިނުގެން ރައީސް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން 3،000 ފްލެޓް އެޅުމުގެ އާ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށެވެ. އަދި ބޭރު ގައުމުތަކުގެ އެހީގައި ހިންގާ ހައުސިންގެ އެހެން ބައެއް މަޝްރޫއުތައް ވެސް ފަށާނެ ކަމަށް ވިދާޅުވިި އެވެ.
"އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން 4،000 ހައުސިން ޔުނިޓެއް ވެސް ހަމަޖެހިފައި އޮތީ. އޭގެ މަސައްކަތްތައް ވެސް އެބަ ހިނގާ،" ރައީސް ވިދާޅުވި އެވެ.
"ގާތްގަނޑަކަށް 7،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ."
އިންޑިއާގެ އެގްޒިމް ބޭންކުން ކުރިން ދީފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ބޭނުން ކޮށްގެން އިތުރު 4،000 ފްލެޓް އެޅުމުގެ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަން ސަރުކާރުން ހާމަކުރީ މިދިޔަ އަހަރު އޯގަސްޓުގަ އެވެ.
އިންޑިއާ ސަރުކާރުން 2018 ވަނަ އަހަރު ވަނީ ރާއްޖޭގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށް 878 މިލިއަން ޑޮލަރު (13.5 ބިލިއަން ރުފިޔާ)ގެ ލައިން އޮފް ކްރެޑިޓް ދީފަ އެވެ. މި ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، އިތުރު 4،000 ފްލެޓުގެ މަސައްކަތް ކުރާނީ އެ ފެސިލިޓީގެ ދަށުންނެވެ. އެ ފެސިލިޓީގެ ދަށުން މިހާރު ވެސް ހުޅުމާލޭގައި ވަނީ 4،000 ފްލެޓް އިމާރާތްކޮށްފަ އެވެ. އަދި އެ ތަންތަނުގެ މަސައްކަތް ނިމޭވަރަކުން މީހުން ދިރިއުޅެން މިދިޔަ މަހު ވަނީ ފަށައިފަ އެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ ޖުލައި މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ 565 މިލިއަން ޑޮލަރު (8.6 ބިލިއަން ރުފިޔާ)ގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް ވެސް ރާއްޖެއަށް ހަމަޖައްސަަވާ ދެއްވައިފަ އެވެ. އެ ފެސިލިޓީގެ ދަށުން ހަރަދުކުރަނީ ޑިފެންސާއި ކުޅިވަރާއި ސިއްހީ އަދި ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޮޅިން
12 November 2025
ބިއްލޫރި ހޮޅީގަ ދާ ރަށްތަ އެއީ؟
ހާމަ33
12 November 2025
މާލެއަކީ ތިހެން ހިލޭ ސާބަހަށް ގޯތިދޭންޖެހޭތަނެއް ނޫން...ތިއީކީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެވޭ އިންސާފެއްނޫން...ދިރިއުޅުން މިއޮންނަނީ މާލެ ނުގޮސް ޟަރޫރީ ހިދުމަތެއް ވެސް ލިބޭގޮތަކަށް ނޫން...މާލެއަށް ގޮސް ބޮޑުއަގުގަ ކުއްޔަށް ރާއްޖޭގަ ބާކީ ތިބިހާ ރައްޔިތުން އުޅެން މިޖެހެނީ...ލާމަރުކަޒީ އެއްކޮޅަށްލާފަ އަނެއްކޮޅުގަ މާލެ ސަރަހައްދު ގްރޭޓާއޭ ކިޔާ މޮޅުނަންތައް ހަދާ ތޮތްޖެއްސުމުގެ ކޮންސެޕްޓު މި ގެންގުޅެނީ... ތީތި ކަޑަ.
އަލީ އާދަންކޮ
12 November 2025
ރައްޔިތުންނަށް މިހާރު ބަހާފަ ހުރި ގޯތިތަކާއި ފުލެޓު ދެވޭތޯ ބަލާބަލަ ފުރަތަމަ، ފަށާފަހުރި ކަންކަންވެސް ނިމުނީއަކީ ނޫން. މިހާރު އަނެއްކާ އަނެއްވާހަކަ؟
ޖުލައި2021
12 November 2025
ހިލޭ ގޯތިދޭނަމަ ހިލޭ ފުލެޓްވެސް ދޭންޖެހޭ. ފުލެޓް ތަކަކީ 50އަހަރު ވާއިރު ފަނާވެ ދާ ތަންތަން. ބިން އެއީ ދާއިމަށް އޮންނާނެ ތަން. އަދި މާލެ ސަރަހައްދުގެ 1200އަކަފޫޓު ބިން އެއީ 15މިލިޔަން ރުފިޔާ . 15 މިލިޔަން ހިލޭ ދޭން އޯކޭ 2.5 މިލޔަން ފުލެޓެއް ދޭންވީމަ ކަމަކުނުދޭ. ދެކޮޅުޖެހޭ ސިޔާސަތެއް ނެރެން އެބަ ޖެހޭ
ފޫހި
12 November 2025
ގޯތި ދިނުމަށް ތިޔަގެންގުޅޭ ވިޔާނުދާ ކެޓަގަރީތައް އުވާލަބަލަ. އެކަނިވެރި މައިންނާއި ބަފައިންނަކީވެސް ހަމަ ދިވެހިން އެމީހުންނަށް ހަމަ އާއްމުކެޓަގަރީއެއް ލެވޭނެ. އެމީހުންގެވެސް އުޅޭނެތަނެއް ނެތްނަމަ ޝަރުޠުހަމަވާނެ. އޮންނަންޖެހޭނީ އެއްކެޓަގަރީ އެއީ ދިވެއްސަކަށްވީތީ އޮންނަ ކެޓަގަރީ. ދެން ބަލަންޖެހޭނީ އެމީހެއްގެ މިލްކިއްޔާތުގައި ހުރި ހިޔާވަހިކަމަށާއި، ވާރުތައިން ލިބެންއޮތް ހިޔާވަހިކަމަށް. އޭރުން އެނިމުނީ. މިހާރު މިހަދާގޮތަކަށް ކައިވެނި ރޫޅުން މާރަނގަޅު
ހީހީ ސުލީހް
12 November 2025
ބޯހިޔާވަހިކަމުގެ މާނަ ރައީސްއަށް އިނގޭބަ
ރާވެރިބެ
12 November 2025
ރަސްމާލެ އިން ގޯތި ލިބޭ އެންމެން ގޯތިހަވާލު ކުރާތާ ދެ އަހަރުތެރޭ އެރަށަށް ދިރި އުޅުން ބަދަލު ކުރަން ޝަރުތު ކުރަން ޖެހޭނެ. އެތާ ހޮލިޑޭ ހޯމް ހަދައިގެން މާލޭގަ އާއި ދެރަށުގަ އުޅެވިގެން ނުވާނެ. މާލެއަށް ކަމަކު ދޭތެރެއަކުން އަޔަސް މާލޭގަ އަމިއްލަ އިންޖީނުލީ ދުއްވާ އެއްޗެއް މަނާވާން ޖެހޭ. ޓެކްސީ ހުންނާނެ. ބަސް ވެސް ހުންނާނެ. މާލޭގަ ނޭވާ ލެވޭ ވަރު ކުރަން އެބަޖެހޭ.
ބަޑިތަކުރު
12 November 2025
މީހަކަށް ލިބޭ އަކަފޫޓް ހަމަނުވިޔަސް އެތައް ބަޔަކަށް ލިބޭތަން އެކުގައި ދިހަބާރަ ބުރިޔަށްހަދައިގެން އުޅެމުންދާ މީހުންނަށް ޝަރުޠުހަމަވެގެން ގޯއްޗާއި ފްލެޓް ދިނަސް އެވެރިން އެތަންތާކަށް ނުދެއެވެ. ހުންނަނީ ކުއްޔަށް ދީފައެވެ. އޭގެ ބަދަލުގައި ދުރާލާ އިއުލާނުކޮށްގެން ކުރިމަތިލާ އެންމެންގެ މައުލޫމާތު އެމީހުން އުޅޭ ތަންތަނަށް ގޮސްގެން ޗެކްކޮށްފައި ހަމަ ހަގީގަތުގައިވެސް ދިރިއުޅޭނެތަނެއް ނެތިގެން އުޅެނީތޯ ބަލާފައި ދީގެން ނޫނީ ކުއްޔަށް ދިނުމެއް ނުހުއްޓޭނެއެވެ
ހކޖޖގފ
12 November 2025
ތިޔަތަނެއް ނިމިގެން ވަދެވޭވަރެއް ވާނީ ކޮން ޒަމާނަކުންބާ؟ ދިވެހިރާއްޖޭގެ އެއްވެސް ހިސާބެއްގަ ގޯއްޗެއް ފުލެޓެއްވެސް ކޮޓަރިގަނޑެއްވެސް ނެތް ދަރިން ގޮވައިގެން ކުޑަކުޑަ ތަންތަންކޮޅުގަ އެއްތަނުން އަނެއްތަނަކަށް ބަދަލުވެވެ އުޅެންޖެހިފަ ކިތައް ދިވެހި އާއިލާ. މިވެސްހަމަ ދިވެހީން.
ދޮންހުސޭނު
12 November 2025
މާލޭގައި ދިރިއުޅޭ ކޮންމެ މީހަކަށް ފަނަރަހާސްތަ ނޫނީ އެންމެންނަށް މީހަކަށް ގޯއްޗެއްތަ. މިހާރުވެސް ތިއޮތީ ކުރިން ބުނި އެތި ކެންސަލް ވެފަ. ނިމޭއިރު ދެއްކި ފޮޓޯއަކާއި ކެއްކި ފޮޓޯއަކާއި ލިބުނު ފޮޓޯ ވެސް ދިމާނުވާނެ