ހުޅުމާލޭގައި އަލަށް އިމާރާތްކުރި ފްލެޓެއްގައި ރެނދުލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
17 ނޮވެމްބަރ 2025 - 08:56
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އަލަށް އިމާރާތްކޮށް މިހާރު ހަވާލު ކުރަމުން އަންނަ ފްލެޓްތަކުގައި ރެނދުލައި އެކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރަން ފަށައިފި އެވެ.
އެފްޑީސީން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓުގެ ތެރެއިން މިވަގުތު މީހުން ދިރިއުޅެނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުގެ ވަރަށް މަދު އެޕާޓްމަންޓްތަކެއްގަ އެވެ.
މީގެ ދެ މަހެއްހާ ކުރިން އެ ފްލެޓަށް ބަދަލުވެ، އުޅެން ފެށި ބައެއް މީހުން "މިހާރު" އަށް ކިޔައިދިން ގޮތުގައި އިމާރާތްތަކުގެ ބޭރުގެ އިތުރުން އެތެރޭގައި ވެސް ރެނދުލާފައި އެބަހުއްޓެވެ.
ފްލެޓެއްގެ ކުޑަދޮރު ކައިރީގައި ރެނދުލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެތަނުގައި އުޅޭ ބައެއް މީހުން ބުނި ގޮތަށް، މީހުން ދިރިއުޅެން ނުފަށާ ބައެއް ޓަވަރުތަކުގައި ވެސް އެކި ދިމަދިމާލުން ރެނދުލާފައި ހުއްޓާ ފެނެ އެވެ. އޭގެ ތެރޭގައި އަމާން އުދަރެސްގެ 12، 13 އާއި 14 ހިމެނެ އެވެ. މި ތަންތަނުގެ މަސައްކަތް އަދި އެއްކޮށް ނުވެސް ނިމެ އެވެ.
ބައެއް މީހުން ބުނި އިމާރާތުގެ އެތެރޭގައި ރެނދު ހުރުމުގެ ސަބަބުން އެ މައްސަލަ އެފްޑީސީގެ ސަމާލުކަމަށް ވެސް ގެނެސްފައި ވާނެ އެވެ.
ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެޅި ފްލެޓެއްގައި ރެނދުލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެކަމާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް، "މިހާރު" އަށް ވިދާޅުވީ ހަމްދާން ވިދާޅުވީ ކޮންމެ އާ އިމާރާތެއްގައި ވެސް ކުދި ރެނދުލުމާއި އެކި މައްސަލަތައް ދިމާވާނެ ކަމަށާއި ވަކިން ހާއްސަކޮށް ޔުޓިލިޓީސް ގުޅައި މީހުން ބަދަލުވެ އުޅެން ފެށުމުން އެފަދަ ކަންކަން ފާހަގަވާނެ ކަމަށެވެ.
ކޮންޓްރެކްޓަރުންނަށް ދީފައި އޮންނަ ޑިފެކްޓް ލަޔަބިލިޓީ ޕީރިއަޑް (ޑީއެލްޕީ) ނުވަތަ އިމާރާތް ނިންމުމަށް ފަހު، ފާހަގަވާ މައްސަލަތައް ހައްލުކުރުމުގެ މުއްދަތުގައި އެ ކަންކަން ރަނގަޅުކުރާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
އާ ފްލެޓުގައި ރެނދެއް ލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ހަމްދާން ވިދާޅުވީ ކުދި ރެނދުތައް އެހެން ހުރި ކަމުގައި ވިޔަސް ތަނުގެ ސްޓްރެކްޗާގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
"ސްޓްރެކްޗަރަލީ އެއްވެސް ނުރައްކަލެއް ނޯންނާނެ. އެކަމަކު އަޅުގަނޑު އެދެނީ އެތަނުގައި އުޅޭ ފަރާތްތަކަށް ވެސް މައްސަލައެއް ފާހަގަވެއްޖެ ނަމަ ރިޕޯޓުކުރުމަށް. އޭރުން އަޅުގަނޑުމެންނަށް ވެސް އެޓެންޑް ކުރެވޭނީ." ހަމްދާން ވިދާޅުވި އެވެ.
އެފްޑީސީގެ އިންޖީނިއަރިން ޑިޕާޓްމަންޓުގެ ހެޑް، ޗީފް ޑިވެލޮޕްމަންޓް އޮފިސަރު، ހަސަން މާނިހް އުމަރު ވިދާޅުވި ގޮތުގައި އެއީ އެޖް، ޕްލާސްޓާ އަދި ފިނިޝިން ކްރެކްތަކެކެވެ. އެކަން ދިމާވަނީ ފިނިހޫނުމިނަށް އަންނަ ބަދަލުތަކާއި އިމާރާތް ގުދުރަތީ ގޮތުން ސެޓްލް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އެކަންކަން ވީ އެންމެ އަވަހަކަށް ރަނގަޅުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމާން އުދަރެސްގެ ޓަވަރެއް-- ފޮޓޯ: ނިޝާން އަލީ | މިހާރު
އަމާން އުދަރެސްގެ 11، 12 އަދި 13 ވަނަ ޓަވަރަށް މިދިޔަ މަހުގެ 26ގެ ނިޔަލަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީ ވަނީ ނިމިފަ އެވެ. އެ ތިން ޓަވަރަށް ވެސް ފެނުގެ ހިދުމަތްދީ ނިންމާލުމަށް ފަހު، ފްލެޓުތަކުގެ ތަޅުދަނޑި މީހުންނަށް ހަވާލުކުރަން ފަށާނެ އެވެ.
މި 4000 ފްލެޓުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ. އެ މަޝްރޫއުގައި ހިމެނޭ 17-18 ބުރީގެ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތެވެ. އެތަން ޑިސެމްބަރުގެ ނިޔަލަށް އެންމެނަށް ހަވާލުކޮށް ނިމޭނެ ކަމަށް ކުރިން އެފްޑީސީން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮން
17 November 2025
އިންޑިޔާ މީހުންގެ މަސައްކަތުގެ ފެންވަރު ތިފެންނަނީ ކުރީ ނާޒީ ހުރިތަނުގައި އަޅާފަހުރި ބިލްޑިންގުގައި ހުރީ 10 އެމް އެމް ދަގަޑު ލާފައި ކިތައް މީހުންތޯ ފޮޓޯތައްލީ އޭރު ސަރުކާރުން އަޅާވެސް ނުލީ ތީ އެމް ޑީ ޕީ ސަރުކާރުން ރައްޔިތުންނަށްދިން ހަދިޔާ ރެދުލީ ފުލެޓް
އަކްމެޑް
17 November 2025
ސެޓްލްމެންޓް ކްރެކް އޯކޭ. ދަބަރު ދިޔަ ނިކުންނަ ކްރެކް - ނޮޓް އޯކޭ.
ޒުވާރި
17 November 2025
ރާއްޖޭގައި ބޭނުންކުރަންޖެހޭ މެޓިރިއަލްއަކީ ލޮނުވަޔާ ގަދައަވިންރައްކާތެރި ރާއްޖޭގެ މާހައުލާގުޅޭ މެޓިީރިއަލްއަށްވާނޖެހޭނެ.މިތާކު އިންޑިއާގެ މާހައުލާގުޅޭ މެޓީރިއަލްއަގުހެޔޮކޮންގެނެސް ބޭނުންކުރީމަ ހުރިހާ ނުރައްކަލެއް އޮންނާނީއެތާކުދިރިއުޅެބަޔަކަށް.ޗައިނާމީހުން ތަންތަންހަދާއިރު ރައްޖޭގެމާހައުލާގުޅޭމެޓީރިއަލްބޭނުންކުރަނީ.އަދިވެސް އަގުހެޔޮވާނީ އިންޑިޔާ ލޯނުސްކީމޭކިޔާފަ އިންޑިއާމީހުންނަށް ތަންތަންހަދަންދީ. ތިޔަހަދާ ބުރިޖުގެ ރައްކާތެރިކަމާމެދުބެސް ޝައްކު.
ރާއްޖެ
17 November 2025
ތިއީ އިންޑިއާ ކޮލިޓީގަ ހަދާފަ ހުރީމަ.
ސަހަރޯއި
17 November 2025
އަނެއްކާ އިންޑިއާމީހުން ތިޔައަޅާ ބުރިޖު ހުޅުވާދުވަހު ނުވެއްޓުނިއްޔާ ކިތައްމެހާވެސް ރަނގަޅު.
ހާނޖީ
17 November 2025
އަދި ހަޔެއްކަ އަހަރު ހިފަހައްޓާނެ. އޯކޭވާނެ.
ނާބައި
17 November 2025
ޢިންޑިއާމީހުން ހަދާ ތަން ތަނުގަ. ޣެރެންޓީ އެއް ނޯންނާނެ ހަދާ ނިމޭ ތަނުން ވެއްޓޭނީ ބޮލައް
މުރާސިލް
17 November 2025
އެމްޑީޕީން ކޮންމެކަމެއް ކުރިއަސް ކުރާނީ އަމާބުނީތީ ފަރަށްދާ އުސޫލުންނެވެ. ފުލެޓް އެޅީތީ، ފުލެޓްތައް ނުނިމެނީސް ރެނދުލާ ތަން ފުނޑުފުނޑުވަނީއެވެ. ގޯތި ދިނީތީ، އެގޯތިތައް ދީފައިހުރީ ފަޅުފަޅާއި ހާހަލާ ގިރިގިންނެވެ. ދިވެހި ޤައުމުގެ މާލީ ޙާލަތު މިއަދު ތަހައްމަލުކުރަމުންދާ ދަތި އުނދަގޫ ހުރިހާ ކަމެއް މެދުވެރިކުރުވީ ހަމަ މިމީހުންނެވެ. މިފެންވަރުގައި ކަންކަންކުރާ ނާޤާބިލް ޕާޓީން އަދިވެސް ވެރިކަމަށް އަންނަން މަރުފަލި ޖަހަނީއެވެ. އަޖާއިބު އަންތަރީސް ވެއެވެ.
ޑރ ވާންޗޯ
17 November 2025
ތިޔަތަނުގަ ތިހިރަ ގިނަ ރެނދުތަކަކީ ކޮންކްރީޓް ކުރުމަށްޓަކާ ދަބަރުޖަހާފަހުރި ދަގަނޑު ބޭނުންކުރުމުގެ ސަބަބުން ދަގަނޑުތައް އޮކްސިޑައިޒްވެގެން ބޮޑަށް ދަބަރަށްވަމުންދާތި ސިމެންތިގަނޑުގަ އަޅާރެނދުތަކެއް. ތިޔައިމާރާތް ގިނަދުވަސްތަކަކު ބޭނުންކުރެވުމަކީ ވުމަށްވުރެ ނުވުންގާތްކަމެއް. ތިޔައިމާރާތްކުރަމުންދިޔައިރު ކޮލިޓީކޮންޓްރޯލް ކުރަން ބަލާނެބަޔަކު ނެތުމުގެސަބަބުން ތިއޮތީ ގޮވާފަ.
ރަދީފްއޮފިޝަލް / ކޮންސްޓްރަކްޝަން
17 November 2025
ފޮޓޯތަކުން ފެންނަ ކްރެކްތައް ވޯޓަރޕްރޫފިން ކެމިކަލް ސިމެންތިން މަރާމާތުކުރެވިދާނެ.ނަމަވެސް އަބަދު އަތްވާއި ވާރޭގަ ހުންނަ ތަނެއް ކިހާ ދުވަހަކަށް މައްސަލަ ނުޖެހި ހުރެދާނެ ތޯ އެއީ ސުވާލެއް.ސުޕަވިޝަން ލެވެލްގަ ގިނަ ގޯސްތަކެއް ހެދިގެން އިމާރާތުގެ މި އުމުރުގަ މިފަދަ ކަންކަން މެދުވެރިވާނީ.ކޮންޓްރެކްޓަރ ޒިންމާކުރުވުން ނުހަނު ބޭނުންތެރި.ވ.ވެދުން