ދުނިޔޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު ޗައިނާގެ ހުޅަނގު ސަރަހައްދުގައި އޮންނަ ސިޗުއާން ޕްރޮވިންސްގެ ވެރިރަށް ޗެންގްޑޫއަކީ 20 މިލިއަނަށް ވުރެ ގިނަ މީހުންގެ ދިރިއުޅޭ އަވަށެކެވެ. ގަދީމީ ތާރީހާއި މުއްސަނދި ސަގާފަތަކާއި ޒަމާނީ ޓެކްނޮލޮޖީގައި ދުނިޔޭގައި ވެސް ފާހަގަ ކޮށްލެވޭ ޗެންގްޑޫއަކީ ހިމާޔަތް ކޮށްފައިވާ ސާރިދޯޅު އާއިލާގެ ޕެންޑާގެ އުފަން ގެ ވެސް މެ އެވެ.
އެތައް ހާސް އަހަރެއްގެ ތާރީހު އޮތް ޗެންގްޑޫގެ ތަފާތު ފެންނަ އަނެއް ކަމަކީ ކެއިންބުއިމުގެ ރަހަތަކުންނާއި ގަދީމީ ބިނާތަކެވެ. ކުރިން އެއީ ގަދީމީ ކަންކަމާއި ކެއިންބުއިމުގެ ސިޓީއަކަސް ޓެކްނޮލޮޖީއާ ގުޅިގެން ހޯދި ކުރިއެރުންތަކުގެ ސަބަބުން މިއަދު ޗެންގްޑޫ މަޝްހޫރު ވެފައި ވަނީ ޗައިނާގެ ހުޅަނގުގެ އެންމެ ބޮޑު އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ސޮފްޓްވެއާ ޑިވެލޮޕްމެންޓް ހަބުގެ ގޮތުގައި އެވެ.
ޗައިނާގެ މިހާރުގެ ލެވެލްއަކީ 5G ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައިގެ އިތުރުން ސްޕޭސް އެކްސްޕްލޮރޭޝަނާއި އީ-ކޮމާސް އާއި ހައި-ސްޕީޑް ރެއިލް ފަދަ ދާއިރާތަކުން ދުނިޔެ ހައިރާންކޮށްލުމެވެ.
ސައިންސާއި ޓެކްނޮލޮޖީގައި ދުނިޔޭގެ އެންމެ ކުރީގައި
އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގެ އެކި ސްކޫލުތަކުން ގްރޭޑް 12 ގައި އުޅޭ ނުވަ ދަރިވަރުން ޗެންގްޑޫގެ ޔުނިވާސިޓީތަކަށް ތަޖުރިބާ ދަތުރެއް ކުރީ މިދިޔަ މަހު 16 ގަ އެވެ. ފަސް ދުވަހުގެ އެ ދަތުރުގައި ބައިވެރިވާން ލިބުނު ފުރުސަތުގައި ފުރަތަމަ އަހަރެމެން ދިޔައީ ޗައިނާގެ ޔުނިވާސިޓީ އޮފް އިލެކްޓްރޯނިކް ސައިންސް އެންޑް ޓެކްނޮލޮޖީ (ޔޫއީއެސްޓީސީ) އަށެވެ. ދުނިޔޭގެ އެންމެ ރަނގަޅު އެއް ޔުނިވާސިޓީގެ ގޮތުގައި ހިމެނޭ ޔޫއީއެސްޓީސީ މަޝްހޫރު ވެފައި ވަނީ ކޮމްޕިއުޓާ ސައިންސާއި އިންޖިނިއަރިންގެ ދާއިރާއިންނެވެ.
އެ ޔުނިވާސިޓީގެ ކަންކަން ސާފުކޮށްދެއްވީ ވެސް އެ ތަނުގެ އެންމެ އިސް ވެރިންނެވެ. ދިވެހި ދަރިވަރުނާ އެ ޔުނިވާސިޓީގައި ކޮމްޕިއުޓާ ސައިންސް ކިޔަވަމުން އަންނަ އާމިރް ހަސަންއާ ދިމާވެ އޭނާގެ ތަޖުރިބާ ވެސް ދަރިވަރުންނަށް ކިޔައިދިނެވެ.
"އެއްވެސް ކަމެއް ކުރާކަށް ޔުނިވާސިޓީން ބޭރަށް ނިކުންނާކަށް ނުޖެހޭ. އެކްސްޕްލޯ ކުރަން ބޭނުމިއްޔާ އެ ފުރުސަތު އޮންނާނެ. އެކަމަކު ޔުނިވާސިޓީ އެތެރޭގައި ކެއުމާއި ނިދުމާއި ހުރިހާ ކަމެއް ހަމަޖެހިފައި ހުރޭ. ހަލާލް ކާ އެއްޗެހި ވަކިން ހުރޭ މުސްލިމު ކުދިންނަށް،" ޗެންގްޑޫގައި މިހާރު ދެވަނަ އަހަރު ކިޔަވަމުން އަންނަ އާމިރު ދަރިވަރުންނަށް ކިޔައިދިނެވެ.
އެ ޔުނިވާސިޓީގެ އިސް ވެރިން ވަނީ ދިވެހި ދަރިވަރުންނަށް ހުރި ފުރުސަތުތައް ހިއްސާ ކޮށްދެއްވައިފަ އެވެ. ކޯސްތަކަށް އެޕްލައި ކުރާނެ ގޮތްތަކާ ބެހޭގޮތުން ވެސް މައުލޫމާތު ދެއްވި އެވެ. އަދި ޗައިނާގެ ސަރުކާރުންނާއި ޔުނިވާސިޓީން އެހެން ގައުމުތަކުގެ ދަރިވަރުންނަށް ދޭ ސްކޮލާޝިޕްގެ ފުރުސަތުތަކުގެ މައުލޫމާތު ވެސް ހިއްސާ ކުރެއްވި އެވެ.
އެތަނުން ނިކުމެ އަހަރުމެން ދެން ހިނގަމުން ދިޔައީ އެ ޔުނިވާސިޓީގައި ރޮބޮޓްސް އަށް ހާއްސަ ވެފައި އޮންނަ ސްކޫލް އޮފް މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިން އަށެވެ.
ހިނގަމުން ދިޔައިރު އެންމެ ފާހަގަ ކުރެވުނީ އެ ގައުމުގައި ތަރައްގީ އަށް ލޯބިކުރި ނަމަވެސް އެ މީހުންގެ ކާބަފައިން އުޅެމުން ދިޔަ ގޮތް ހަނދާން ނައްތާލަން ބޭނުން ނުވާ ކަމެވެ. އޭގެ އެއް ހެއްކަކީ އެ ޔުނިވާސިޓީގެ އެތެރޭގައި އެ ގައުމުގެ ގައުމީ ގަހުގެ ގޮތުގައި ބޭނުންކުރާ "ގިންކޯ ބިލޯބާ"ގެ ގަސްތައް އިންދުމަށް ކުރާ މަސައްކަތެވެ. ވަށައިގެން ފެންނަ ރީތި މަންޒަރުތަކާ އެކު ބަހާރު މޫސުމުގެ ރީނދޫ ފަތްތަކަކީ ހަނދާން ނައްތާނުލެވޭނެހާ ރީތި ކަމެކެވެ.
ސްކޫލް އޮފް މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިންގައި ހަދާ ރޮބޮޓްސްތަކާއި އެ ތަނުގައި ކިޔަވާ ބައެއް ދަރިވަރުންގެ އުފެއްދުންތައް މަސައްކަތްކުރާ ގޮތާއި 3D ޕްރިންޓަރުން ހަދާ އެއްޗިއްސާއި އޭގެ މެޝިންތައް ދައްކާލި އެވެ. އެންމެ ފާހަގަ ކޮށްލެވުނީ ގޭތެރެ ސާފު ކުރުމަށް ބޭނުން ކުރެވިދާނެ ރޮބޮޓެކެވެ. ކުއްތާއެއްގެ ސިފައަށް ހަދާފައިވާ އެ ރޮބޮޓް ހެދި ދަރިވަރު ބުނީ މިހާރު މަސައްކަތް ކުރަނީ އެ އަށް އިތުރު ކަންކަން ގެނެވޭތޯ ކަމަށެވެ.
"އެ ލެބޯރެޓަރީން އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތުތަކުގެ ސަބަބުން ރޮބޮޓްތަކާއި އޭއައި ސިސްޓަމްތަކުން އިންސާނުންގެ ހަރަކާތްތަކާއި އުޅޭގޮތް ދެނެގަނެވުނު. އެފަދަ މެޝިންތައް މަސައްކަތްކުރާތަން ހަމަ ލޮލަށް ފެނި އޭގެ ބޭނުން ކޮށްލުމަށް ލިބުމުން ވަރަށް އުފާވި. ޓެކްނޮލަޖީ ދާއިރާއިން ކިޔެވުމުގެ ޝައުގުވެރިކަން އިތުރުވި،" އައްޑޫ ހައި ސްކޫލުގެ ދަރިވަރު އަހުމަދު ފާލިހް ބުންޏެވެ.
އޭވިއޭޝަން ދާއިރާގައި ޓެކްނޮލޮޖީން ޗައިނާ ކުރިއަރާފައިވާ މިންވަރު އެރޯފޯޖިއާ ޓެކްނޮލޮޖީ އަށް ކުރި ޒިޔާރަތުން ވެސް ވަރަށް ބޮޑަށް ފާހަގަވި އެވެ.
ވިޔަފާރީގެ ގޮތުން "ޓްރާންސިޝަން" ގެ ނަމުން މަޝްހޫރުވެފައިވާ TF-1 އާއި މަގުމަތިން ދުއްވޭ މަތިންދާބޯޓެއް ކައިރިން ފެނުމަކީ ދިވެހި ދަރިވަރުން ހައިރާންކޮށްލި ކަމެކެވެ. އުދުހޭ ކާރުތަކުގެ ކުރީކޮޅާއި މީހުންނާއެކު އުދުހޭ ކަރަންޓުން ދުއްވާ eVTOL މަތިންދާބޯޓާއި ބޭސްފަރުވާއާ ގުޅުން ހުރި ކުއްލި ހާލަތްތަކުގައި ސްޓްރެޗާގައި މީހުން އުފުލުމަށް ބޭނުން ކުރާ މަތިންދާބޯޓު ވީ ދަރިވަރުން ވެސް ވަރަށް ޝައުގުވެރިވި ބައިތަކަށެވެ.
ހުރިހާ ދަރިވަރުންނަށް ވެސް ވަނީ އެ ތަނަށްދާ މީހުންނަށް ދައްކާލުމަށް ބަހައްޓާފައި ހުރި މޮޑެލް މަތިންދާބޯޓުތަކަށް އަރާލުމުގެ ފުރުސަތު ދީފަ އެވެ.
ޗައިނާގެ ބޭސްވެރިކަމާއި ހުނަރުވެރިކަމުގައި ވެސް މިވަރެތް ނެތް
ދުނިޔޭގެ އެންމެ ދުވަސްވީ އެއް ތާރީހީ ގައުމު، ޗައިނާއަކީ އެ ގައުމުގެ މުއްސަނދި ސަގާފަތާއި އިލްމީ ގޮތުން ފުޅާ ދާއިރާއެއްގައި ބޭސްވެރިކަމުގެ ހުނަރުތަކުން ފެށިގެން އާޓްސްގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ގައުމެކެވެ.
މި ދަތުރުގައި އަހަރެމެންނަށް ޗެންގްޑޫ ޔުނިވަސިޓީ އޮފް ޓްރެޑިޝަނަލް ޗައިނީޒް މެޑިސިން (ޓީސީއެމް) އަށް ޒިޔާރަތްކޮށް އެ ތަނުގައި ބޭނުންކުރާ ބޭސްވެރިކަމާއި ބޭސްވެރިކަމުގައި ބޭނުންކުރާ ގަސްތައް ބަލާލުމުގެ ފުރުސަތު ލިބުނެވެ.
އެ ޔުނިވާސިޓީން ޗެންގްޑޫގެ ޒަމާންވީ ސައިފޮދުގެ ރަސްމިއްޔާތެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބުނެވެ. އެ ތަނުން ވެސް މިހާރު ވަނީ ގްރޭޑް 12 ނިމޭ ދަރިވަރުންނަށް ޗައިނާގައި ޑޮކްޓަރުކަން ނުވަތަ މެޑިސިންގެ ދާއިރާއިން ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. ދިވެހި ދަރިވަރުންނަށް ވެސް އެ ފުރުސަތު އެބައޮތެވެ.
ޗެންގްޑޫގައި ދިރިއުޅޭ އެހެން ގައުމެއްގެ ދަރިވަރަކު ޗައިނާގައި މެޑިސިން ކިޔެވުމުގެ އަމިއްލަ ތަޖުރިބާތައް ދިވެހިންނަށް ކިޔައިދިނެވެ. އެގޮތުން އިންޓަނޭޝަނަލް ދަރިވަރުންނަށް ލިބެން ހުރި ފުރުސަތުތަކާއި އެތަނުގައި ތައުލީމު ހާސިލުކުރުމުގެ ފައިދާތައް ހިއްސާކުރި އެވެ.
"މިއީ ވަރަށް ފައިދާހުރި އަދި މައުލޫމާތު ލިބުނު ބައްދަލުވުމެއް. ސަބަބަކީ މި ބައްދަލުވުމުން ޓީސީއެމްއަކީ އެންމެ ރަނގަޅު ޗޮއިސްކަން އެނގުނު. ޗައިނާގައި ދިރިއުޅުމާއި ތައުލީމު ހާސިލުކުރުމުގެ ގިނަ ފައިދާތައް ވެސް އެނގުނު،" ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރު ކައިލީން މިރުސާން ބުންޏެވެ.
"ދަރިވަރުންގެ ގޮތުގައި އަހަރެމެންނަށް ބައިވެރިވެވޭނެ ގިނަ ކަންކަމާއި އާސާރީތަކެތި ހިމެނޭ ޔުނިވާސިޓީ މިއުޒިއަމް ބަލައިލުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވި."
ޗައިނާގެ ސަގާފަތުގައި ކެލިގްރަފީ އަކީ ވަރަށް މުހިންމު ބައެކެވެ. އެއީ ހަމައެކަނި ދެލިން ލިޔުމެއް ނޫނެވެ. އެއީ އާޓެކެވެ.
"މި ދަތުރުގައި އެންމެ ހިތްހަމަ ޖެހ ކަމަކަށް އަޅުގަނޑަށްވީ، ޗައިނީޒް ކެލިގްރަފީގެ ކުރު ފިލާވަޅު. އަޅުގަނޑުމެން ފުރަތަމަ ފެށީ އެކަމަށް ބޭނުންކުރާ ތަކެއްޗާއި އާލާތްތަކުގެ ބައެއް ބޭސިކް މައުލޫމާތު ދަސްކުރުމުން. އެ އަށް ފަހު އަމިއްލަ އަށް ބަހެއް ލިޔެލަން އެނގުން ވެގެން ދިޔައީ އެންމެ އުފާވި މަސައްކަތަށް،" މާލޭ ސީއެޗްއެސްއީގެ ދަރިވަރު ހައްވާ ޒާއިން ޒަމީލް ބުންޏެވެ.
އެ ޔުނިވާސިޓީ ދަރިވަރުން އެކިއެކި ހުނަރުތައް ވެސް ދައްކާލި އެވެ. ދަރިވަރުންނަށް ލިބިފައިވާ އެކިއެކި ފުރުސަތުތަކާ ގުޅޭގޮތުން، އެއީ ކިޔެވުމުގެ ގޮތުންނާއި މިޔުޒިކާއި އަތްތެރި އެތައް މަސައްކަތެއް ދަސްކުރުމުގެ ފުރުސަތު ނުވަތަ އެ ތަނުން ކިޔެވުމުގެ ފުރުސަތު އޮތް ކަމެވެ. އޭގެ އިތުރުން އެ ކޮލެޖުން ކިޔަވައި ނިމިފައިވާ ދަރިވަރުން ކޮށްފައިވާ ބައެއް މަސައްކަތްތައް ވެސް ދައްކާލި އެވެ.
ސަގާފަތާއި ތިމާވެށްޓާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތް ކުރުމުގައި ނަމޫނާއެއް
ޗައިނާ އަށް ކިޔަވަންދާ އެހެން ގައުމުތަކުގެ ދަރިވަރުން އެ ގައުމުގެ ބަސް ދަސްކުރުމަކީ މަޖުބޫރު ކަމެކެވެ. ޗައިނާގެ ކޮންމެ ޔުނިވާސިޓީއެއްގައި ނުވަތަ ކޮލެޖަކަށް ކިޔަވަން ދިޔަޔަސް، އެ ދަރިވަރަކު ފުރަތަމަ އަހަރުގެ ބަސް ކޯހުގައި ޗައިނާ ބަސް ކިޔަވަން ޖެހެ އެވެ.
އެހެން ގޮތަކަށް ބުނާ ނަމަ ޗައިނާ ބަހަކީ ހަމައެކަނި އެ ގައުމުގެ ރައްޔިތުން ވާހަކަ ދެއްކުމަށް ބޭނުންކުރާ ބަހެއް ކަމުގައި އެ މީހުން ނުދެކެ އެވެ. އެ މީހުން ދެކެނީ އެ ގައުމުގެ ބަހުން ވާހަކަ ދެއްކުމަކީ އެ މީހުންގެ ސަގާފަތާއި ދިރިއުޅުމާއި މުޖުތަމައާ ގުޅިގެން އުޅުމަށް ކުރެވޭ ކަމެކެވެ.
ރާއްޖޭގެ ދަރިވަރުން ޗައިނާ އަށް ކިޔަވަން ނުދާ އެއް ސަބަބެއް ކަމަށް ގިނަ ދަރިވަރުން ފާހަގަކުރީ އެ ގައުމުގެ ބަސް ދަސްކުރަން ޖެހޭތީ އާއި ބަސް ދަސްކުރަން އުނދަގޫވުމެވެ.
ބަސް ކުރިއަރުވަން އެ ގައުމުގައި ކިޔަވާ ދަރިވަރުންނަށް މަޖުބޫރުވާއިރު ފުޅާވެފައިވާ ޓޫރިޒަމްގެ ސަބަބުން ތަރައްގީ އާއި އިންފްރާސްޓްރަކްޗާގައި ޗެންގްޑޫއަކީ ކުރިއަރާގައިވާ އަވަށެކެވެ. ނަމަވެސް އެ މީހުންގެ ގުދުރަތީ ވަސީލަތްތަކާއި ތިމާވެށްޓަށް އެ މީހުން ދޭ ސަމާލުކަން ހުރިހާ ދިމާލަކުން ފެނެ އެވެ.
އޭގެ އެއް ތަނަކީ ސިޗުއާން ޕްރޮވިންސްގައި ހުންނަ ޑުޖިޔަންޔަން ފެން ހިންދާ ނިޒާމު ހިމާޔަތްކޮށްފައިވާ ގޮތެވެ. ދެހާސއް އަހަރަށް ވުރެ ގިނަ ދުވަސްކުރިން ބިނާކޮށްފައިވާ އެ އިންޖިނިއަރިން މަޝްރޫއު މިހާރު ވެސް އެއިރެކޭ އެއްގޮތަށް މަސައްކަތް ކުރަމުންދެ އެވެ. ފެން ހިންދާ އެ ނިޒާމު "ލީ ބިންގް" ނަމަކަށް ކިޔާ ވައިނާ މީހަކު ކޯރު ހެދީ ކޯރުގައި ފެންބޮޑުވާ މައްސަލަ ކޮންޓްރޯލް ކުރުމަށެވެ. ކޯރުގެ ފެނުގެ ދުވުމާ އެކު ގުދުރަތީ ގޮތެއްގައި މަސައްކަތްކުރާ ކެނަލްތަކެއް އޭނަ އެ ތަނުގައި ހެދި އެވެ.
މިއަދާ ހަމައަށް ވެސް އެ ތަނަށް އެއްވެސް ގެއްލުމެއް ނުލިބި އަދިވެސް ބޭނުން ކުރަނީ ހިމާޔަތް ކުރުމުގައި ގެންގުޅޭ ރީތި ގޮތްތަކުންނެވެ. އެތައް ޖީލެއް ފަހުން ވެސް ރަނގަޅަށް ރޭވިފައިވާ އިންޖިނިއަރިން މަސައްކަތްތަކުން މުޖުތަމައުތަކަށް ފައިދާކުރާނެ ގޮތަށް ބެލެހެއްޓިދާނެކަން އެނގެ އެވެ.
އެކި ކަހަލަ ބޭސް އުފެއްދުމަށް ބޭނުންކުރާ އެތައް ހާސް ވައްތަރެއްގެ ގުދުރަތީ ގަސްގަހާގެއްސާ އެކު އެ ތަކެތި ހިމާޔަތްކުރަން ބޮޑު އިސްކަމެއް ވެސް ދެ އެވެ. ހާއްސަކޮށް ޗައިނާގެ ބޭސްވެރިކަމުގައި އެންމެ މުހިންމު އެއް ގަސް "ގިންކޯ ބިލޯބާ" ގަސް ފާހަގަކޮށްލެވެ އެވެ.
ޗައިނާގެ ކެއުމަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކެއުންތަކުގެ ތެރޭގައި ހިމެނޭ ކެއުމެކެވެ. ޗައިނާގެ އެތެރޭގައި ވެސް ސަރަހައްދުތަކަށް ބަލާފައި ކެއުމުގެ ތަފާތު ރަހަތައް ހުރެ އެވެ. އެގޮތުން ޗެންގްޑޫއަކީ ދުނިޔޭގެ ވެސް މަޝްހޫރު ކެއުންތަކެއް ހުންނަ ސިޓީއެކެވެ. ޗެންގްޑޫ ކެއުމަކީ އެ ގައުމުގެ އެހެން ސިޓީތަކަށް ވުރެ މުއްސަނދި ކެއުމެކެވެ. އޭގެ ރަހަތައް އެ މީހުން މިހާރު ވެސް ބޭނުންކުރަނީ އެންމެ ކުރީގެ ގޮތަށެވެ.
ޗައިނާގެ ހާއްސަކޮށް ޗެންގްޑޫގެ ގައުމީ ރަމްޒު ކަމަށް އެ މީހުން ދެކޭ ޕެންޑާ ރައްކާތެރިކޮށް އެސޮރުމެންގެ ނަސްލު އިތުރުކުރުމަށް ޗައިނާ ސަރުކާރުން ވެސް ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އެސޮރުމެން ދިރިއުޅޭ މާހައުލު ރައްކާތެރި ކުރުމަށް ވެސް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވެ އެވެ.
ނަތީޖާއެއްގެ ގޮތުން، އެއީ ނެތިދާން ކައިރިވެފައިވާ ޖަނަވާރެއްގެ ގޮތުގައި ބެލެވުނު ނަމަވެސް މިހާރު ޕެންޑާ އަކީ ނިސްބަތުން ރައްކާތެރި ޖަނަވާރަކަށް ވެ މުޅި ދުނިޔޭގައި އޭގެ އާބާދީ ވަނީ 2،500 އަށް ވުރެ އިތުރު ވެފައި އެވެ.
އޭރު ވެސް މިހާރު ވެސް ޗައިނާ އަކީ ދުނިޔޭގެ އެންމެ ބޮޑު މެނުފެކްޗަރިން ހަބެވެ. އޭރު ވެސް އަގު ދަށް އެއްޗެހި ނުވަތަ ކޮލިޓީއެއް ނުހުންނަ އެއްޗިއްސާއި އެންމެ ކޮލިޓީ އެއްޗެހި މިހާރެކޭ އެއްގޮތަށް އެ ގައުމުގައު އުފެއްދި އެވެ. އެ ގައުމުގައި އުފައްދަނީ އެ ގައުމުގެ ތަކެއްޗެވެ.
ޗައިނާގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުން ކިޔަވައިދީ ދަރިވަރުން ތައްޔާރު ކުރަނީ ވެސް އެ ގައުމަށް ފައިދާ ކޮށްދިނުމަށެވެ. ހަމައެކަނި އެ ގައުމެއް ނޫނެވެ. ޗައިނާގެ ދަރިވަރަކު ކޮންމެ ގައުމަކަށް ދިޔަޔަސް ޗައިނާގެ ރީތި ސަގާފަތާއި އާދަކާދައިގެ އިތުރުން އަމިއްލަ އަށް ކިޔަވައިގެން އަމިއްލަ ގައުމަށް ފައިދާވާނެ ކަންކަން ކުރަން ޖެހޭނެކަން ވެސް ކިޔަވައިދޭ ތަންތަނުން ބުނެދެ އެވެ.
ޗައިނާއަކީ ޓެކްނޮލޮޖީ އާއި އީޖާދީ ގާބިލުކަމުގައި ދުނިޔޭގެ އެންމެ ކުރީގައި އޮތް ގައުމެއްކަން އެނގި، އެ ގައުމަށް އެކަން ތަޖުރިބާކޮށް ކިޔަވަން ދިއުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށް ވެސް އެބަ އޮތެވެ. ހަމަައެކަނި ޗެންޑޫ އަށް އަހަރެމެން ކުރި ދަތުރުން ވެސް އެކަން ސާފުކޮށް ފެނުނެވެ. އަމިއްލަ ތާރީހާއި ސަގާފަތާއި އަދި އެންމެ ފަހުގެ ޓެކްނޮލޮޖީ އަށް އަހުލުވެރިވެފައިވާ ވުމެވެ. ޗައިނާއަކީ އެއީ އެވެ.