ހެއްވާ ޒާތުގެ ސަބަބުތަކަށް ސިޔާސީ މީހުން ހާޒިރުކޮށް ފުލުުހުން މިދިޔަ ހަފުތާގައި ރެކޯޑު ހެދި: އެމްޑީޕީ

ހެއްވާ ޒާތުގެ ސަބަބުތައް ބަޔާންކޮށް، ސިޔާސީ ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައި ފޯނު ހިފެހެއްޓުމުގައި މިދިޔަ ހަފުތާގައި ފުލުހުން ރެކޯޑު ހަދާފައިވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.


ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުކުރި ރޭ އޭނާއާ އެކު ފުލުސް އޮފީސް ކައިރި އަށް ދިއުމަށް ގޮވާލައި އެމްޑީޕީން ކުރި ޓުވީޓަކާ ގުޅިގެން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ހާޒިރުކޮށް ބަޔާން ނެގުން ކުށްވެރިކޮށް އެމްޑީޕީން ބުނީ ގާނޫނާ ހިލާފަށް ކުރާ އަމުރުތައް ތަންފީޒުކޮށް، ސިޔާސީ ކޯޅުންތަކުގައި ފުލުހުން ބައިވެރިވާތީ ކަންބޮޑުވާ ކަމަށެވެ. އެއީ، މުޅި މުއައްސަސާ އަށް އެކަމުގެ ހުތުރު ނަން ލިބި ރައްޔިތުންގެ އިތުބާރާއި އިހްތިރާމް ގެއްލިގެން ދާން މެދުވެރިވާ ސަބަބެއް ކަމަށް ބަޔާނުގައިވެ އެވެ.

މި ބަޔާނުގައި އިޝާރާތްކޮށްފައި ވަނީ އަނަސްގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނެގި މައްސަލަ އަށެވެ.

"ފުލުހުންގެ ވަގުތާއި ވަސީލަތްތައް މިފަދަ ހެއްވާ ޒާތުގެ ކަންކަން ކުރުމުގައި ބޭކާރުކޮށް، ނަހަމަ ގޮތުގައި ބޭނުން ކުރަމުން ދާކަމީ މި ޕާޓީން ހިތާމަކުރާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

"މިފަދަ ކަންކަމަކީ ރައްޔިތުންގެ ތާއީދު ނެތް ބޭފުޅަކު ވެރިކަމުގައި ހުންނެވުމުގެ ސަބަބުން ވެރިކަން ދިފާއު ކުރެވެން އޮތް ހަމައެކަނި ގޮތަކީ މިއީ ކަމުގައި ދެކެ ކުރަމުން ގެންދާ ގޮތް ހުސްވެފައިވާ އަމަލުތަކެކެވެ."

ބަޔާނުގައި ބުނިގޮތުގައި އަނަސް ހާޒިރުކޮށް ބަޔާން ނެގީ ވެސް ސިޔާސީ ނުފޫޒުގެ ދަށުންނެވެ. ޓުވީޓަކާ ގުޅިގެން ބަޔާން ނެގުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެމްޑީޕީން ބުންޏެވެ.

"ފުލުސް އޮފީސް ކައިރިއަށް ދިއުމާއި އެ އޮފީސް ކައިރީ މަޑު ކުރުމާއި ދުވުމާއި މިފަދަ ކަންކަމަކީ އެއްވެސް ގާނޫނަކުން މަނާކޮށްފައިވާ ކަން ކަމެއް ނޫނެވެ. އަދި އެ ޓްވީޓުގައި އެތަނަށް އެއްވެ، ޣައިރު ޤާނޫނީ ކަމެއް ކޮށް ނުވަތަ މުޒާހަރާއެއް ކުރުމަށް ގޮވާލާފައި ނުވާކަން ފާހަގަކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ގާނޫނާ ހިލާފު އަމަލުތަކަށް ތަބާވުން ހުއްޓާލައި ފުލުހުންގެ މުއައްސަސާގެ ވަގުތުތައް ހެއްވާ ޒާތުގެ ކަންކަމުގައި ބޭކާރު ނުކުރަން އެމްޑީޕީގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.