ޕްރޮފެސަރު ގަމްބަރީނީ އައިޖީއެމްގައި ބޭއްވި ވޯކްޝޮޕްގައި ވާހަކަދައްކަވަނީ
04 ޑިސެމްބަރ 2025 - 13:40
ދަތުގެ ރޫޓްކެނަލްގެ ހާއްސަ ފަރުވާ އެންޑޯޑޮންޓިކްސްގެ ދާއިރާ އިން ދުނިޔޭގައި މަޝްހޫރުކަން ހޯއްދަވާފައިވާ ޕްރޮފެސަރު ޖިއަންލޫކާ ގަމްބަރީނީގެ ހާއްސަ ތަމްރީން ޕްރޮގްރާމެއް އައިޖީއެމްއެޗުގައި މިއަދު ފައްޓަވައިފި އެވެ.
އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ދަތުގެ ހާއްސަ ޑޮކްޓަރުން ތާޒާކުރަން ބާއްވާ އެ ތަމްރީން ޕްރޮގްރާމަކީ ޑިޕާޓްމަންޓް އޮފް ޑެންޓިސްޓްރީ އެެންޑް އޮރޮ ފޭޝަލް ސާޖަރީ އާއި ބަޔޯމެކްސް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ބަޔޯމެކްސް އަކީ ހެންރީ ޝައިން އާއި އެޖްއެންޑޯ، ރާއްޖޭގައި ތަމްސީލުކުރާ އަދި ރާއްޖެ އަށް ފުޅާދާއިރާއެއްގައި ދަތުގެ ސާމާނާއި ކޮންސިއުމަބަލްސް އެތެރެކުރާ ކުންފުންޏެކެވެ.
އެ ތަމްރީން ޕްރޮގްރާމް ފެށުން އިފުތިތާހު ކޮށްދެއްވީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ނައިބު ރައީސް ޑރ. އަލީ ނިޔާފެވެ.
ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ދަތުގެ ޑޮކްޓަރުންނާއި އެ ދާއިރާގެ ސްޕެޝަލިސްޓުން ބައިވެރިވެރި ކޮށްގެން ދެ ދުވަހަށް ކުރިއަށް ގެންދާ އެ ވޯކްޝޮޕްގައި ރޫޓްކެނަލް ޓްރީޓްމަންޓްގެ އެންމެ ފަހުގެ ކުރިއެރުންތަކާ ބެހޭ "އިންޓެންސިވް" އިރުޝާދު ދޭނެ އެވެ.
ޔުނިވާސިޓީ އޮފް ރޯމް، ލަ ސަޕިއެންޒާގެ ހެޑް އޮފް އެންޑޯޑޮޓިކްސްގެ ޕްރޮފެސަރު ގަމްބަރީނީ އަކީ އެންޑޯޑޮންޓިކްސްގެ ދާއިރާއިން 500 އަށް ވުރެ ގިނަ ކަރުދާސް ޝާއިއުކޮށް، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތަގުރީރު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ދާއިރާގައި ބޭނުންކުރާ އީޖާދީ އާލާތްތަކާއި ޕްރޮޓޮކޯލްތައް ތަރައްގީ ކުރުމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅުކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy