އަދާލަތު ޕާޓީގައި މިހާރު އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން މީޑިއާ ބްރީފިންއެއްގައި.
06 ޑިސެމްބަރ 2025 - 11:31
އަދާލަތު ޕާޓީގެ މެމްބަރުންގެ އަދަދު 10،000 އަށް ވުރެ ދަށަށް ގޮސް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ފައިސާ ލިބޭ ލިސްޓުން އެ ޕާޓީގެ ނަން ފުރަތަމަ ފަހަރަށް އުނިވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހުން ފާސްކުރި ދުވަސް ކަމަށްވާ މިދިޔަ ނޮވެމްބަރު 25 ގެ ނިޔަލަށް 10،000 މެމްބަރުން ހަމަވަނީ ހަތަރު ޕާޓީއެއްގައި ކަމަށެވެ.
އެއީ؛
- މިހާރު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ (68،665 މެމްބަރުން)
- އިދިކޮޅު އެމްޑީޕީ (43،765 މެމްބަރުން)
- ޖުމްހޫރީ ޕާޓީ (13،456 މެމްބަރުން)
- އެމްޑީއޭ 10،300 (މެމްބަރުން)
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެ އެވެ. އެ ފައިސާ ބަހާނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކުގެ މެދުގައި، އެ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދަށް ބަލައިގެން ކަމަށް ގާނޫނުގައި ވެ އެވެ.
ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުގައި މި އަހަރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް އަދާލަތު ޕާޓީ އޮތް ނަމަވެސް މިއަދު އީސީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން އެ ފައިސާ ލިބޭ ލިސްޓުގައި އެ ޕާޓީ ނުހިމެނެ އެވެ. މި ސަރުކާރުގެ ސިޔާސަތަށް ފާޑުކިޔާ އަދި އެންމެ ފަހުން ވެރިކަން ކުރި އެމްޑީޕީއާ އެކު އޭރުގައި އޮތް އަދާލަތު ޕާޓީގައި މިހާރު ތިބީ 8،844 މެމްބަރުންނެވެ.
އީސީގެ ވެބްސައިޓުގައިވާ ގޮތުން ރާއްޖޭގައި މިވަގުތު ނުވަ ޕާޓީއެއް ރަޖިސްޓަރީ ކޮށްފައި ވެ އެވެ.
އެއީ 10،000 މީހުންނަށް ވުރެ ގިނައިން މެމްބަރުން ހަމަވާ ހަތަރު ޕާޓީގެ އިތުރުން 8،844 މެމްބަރުން ތިބި އަދާލަތު ޕާޓީ އާއި 1،874 މެމްބަރުން ހަމަވާ މޯލްޑިވްސް ލޭބާ އެންޑް ޑިމޮކްރެޓިކް ޕާޓީ އާއި 5،836 މެމްބަރުންނާ އެކު، މޯލްޑިވްސް ނޭޝަނަލް ޕާޓީ އާއި 3،547 މެމްބަރުން ތިބި ދަ ޑިމޮކްރެޓްސް އަދި 3،046 މެމްބަރުން ހިމެނޭ ޕީޕަލްސް ނޭޝަނަލް ފްރޮންޓް އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުން ފަސް ސިޔާސީ ޕާޓީއަކަށް 27 މިލިއަން ރުފިޔާ ދޫކުރި އެވެ. އެއީ އެންމެ މެމްބަރުން ގިނަ ޕީއެންސީ އަށް 13.31 މިލިއަން ރުފިޔާ، ދެވަނަ އަށް އެންމެ ގިނަ މެމްބަރުން ތިބި އެމްޑީޕީ އަށް 8.45 މިލިއަން ރުފިޔާ، ޖުމްހޫރީ ޕާޓީ އަށް 2.65 މިލިއަން ރުފިޔާ އަދި އަދާލަތު ޕާޓީ އާއި އެމްޑީއޭގެ ތެރެއިން ކޮންމެ ޕާޓީއަކަށް 1.7 މިލިއަން ރުފިޔާ އެވެ.
އީސީން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ ފައިސާ ދޫކުރަންޖެހޭ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހުން ފާސްކުރި ދުވަހާ ހަމައަށް ތިބި މެމްބަރުންގެ އަދަދަށް ބަލައިގެންނެވެ.
އެ ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުން ވަކިވާން ބޭނުންވާ އާންމު މެމްބަރުންނަށް އެ ކޮމިޝަންގެ ހާއްސަ ޕޯޓަލް މެދުވެރިކޮށް އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ވަގުތުން އެކަން ކުރެވޭ ގޮތް ފަހިކޮށްދީފަ އެވެ. އެހެންވެ، ގާނޫނީ ގޮތުން މަގާމުތަކުގައި ނެތް އެންމެންނަށް ޕާޓީތަކުން ވަކިވުމުގެ ފުރުސަތު އެ މީހެއްގެ އަމިއްލަ އިހުތިޔާރުގެ ދަށުން އަންނަ ޖެނުއަރީ 1 އިން ފެށިގެން ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޭކާރުޕާޓީތަކެއްހަދައިގެންބލއއ
06 December 2025
އެއްވެސް ޕާޓީއަކަށް ދޭނެ ކަމެއްނެތް.
ޛާބެ
06 December 2025
ޢިވާލަން ވީ ތިޕާޓީ އޭރުން ތިޔައީ އެމް.ޑީ.ޕީގެ މެންބަރުންކޮޅު ގުންވާނެ
1206
06 December 2025
މި ފައިސާ ދެނީ ސަރުކާރުންތަ؟
ލަކީ
06 December 2025
މަށައް ޔަގީން ޖުމްހޫރީޕާޓީގަވެސް ނުތިބޭނެ 10000މީހުނެ އަދިތިކިޔާ އެމްޑީއޭ އެކުވެސް ނުތިބޭނެ 10000މީހުނެ މިބުނަނީ ހަމަ ފިސާރިތެދެއް މިހާރުވެސް ރަނގަޅައްޗެކުކުރޭ
ރާވެރިބެ
06 December 2025
މިހާރު އަދާލަތު ޕާޓީއަކީ ސިޔާސީ ގޮތުން މުހިންމު ޕާޓީއެއް ނޫން. އެއްވެސް އިންތިޚާބެއްގަ މަޖިލިސްއިން ގޮޑިއެއް ނުލިބޭ. އެހެންވީމަ މެމްބަރުން ދާނީ މަދުވަމުން ކަމަށް ލަފާ ކުރެވެނީ.
އަކަ
06 December 2025
ދައުލަތުގެ ބަޖެޓްގެ 0.1 އާ 0.2 ދޭތެރޭގެ % ބަހަން އޮތުމަކީ ރަނގަޅު ގޮތެއްނޫން. އެގޮތަށް އޮންނާތީ މަޖިލީހުން ހިތުހުރި އަދަދެއްގެ ބަޖެޓް އެއް ފާސްކުރަނީ. ބަޖެޓްގައި އާމްދަނީ ލިބޭނެ ކަމަށް އޮންނަ އެއްޗަކާ ކައިރިއަށްވެސް ނުލިބޭ. އެކަމަކު މިއަންނަ އަހަރަށް ފާސްކުރި 64 ބިލިއަން ރުފިޔާގެ ބަޖެޓުގެ 0.15 % އަށް 90 މިލިއަން ރުފިޔާ ޕާރޓީ ތަކަށް ބަހަން ޖެހޭ. ޕީއެންސީ އަށް އެކަނިވެސް 48 މިލިއަން ދޭން ޖެހޭނެ. ކަމަކުނުދޭ!
ތަރަހަ
06 December 2025
ތިޔައީ ޕާޓީ ލިސްޓުންވެސް ވަކިކުރަންޖެހޭ ޕާޓީއެކެވެ. ދުވަހަކު ރައްޔިތަކު ބޭނުން ކަމެއް ކޮށްދެވުނު ޕާޓީއެއް ނޫނެވެ. ރައްޔިތުން މަގުއޮޅުވާ ޖާހިލަކު ބޮޑަކަށް ބަހައްޓައިގެން އުޅުނު އަޅުގަނޑުމެންގެ ޓެކްސް ފައިސާ ކާން ހަދާފަ އޮތް ޕާޓީއެކެވެ. ތިޔަ ޕާޓީ ދަފުތަރުންވެސް ވަކިކުރަންޖެހެއެވެ.
މަބުނީ
06 December 2025
ލޮލް.. ސޭހު އިމްރާނު ވާނެ މުޒާހަރާކުރަން ނިކުންނަން މިފަހަރު.. ސަރުކާރަށް ވާނެ ސައިޒު ދައްކާލަން.. ލޮލް..
ފާމުލަދޭރި ކިލެގެފާނު
06 December 2025
ޝެއިޚް އިމްރާން އާއި އެމަނިކުފާނުގެ ޓީމުގެ ނާގާބިލުކަން ހާމަވެގެން ތި ދިޔައީ. ޢަދާލަތު ޕާޓީ އުފެއްދި މަގުސަދާއި ޚިލާފަށް ވިޔަފާރި ކުންފުންޏަކަށް ބަދަލު ކޮށްލުމުން ރައްޔިތުން ތިއޮތީ ނޫނެކޭ ބުނެފަ. ސިޔާސީ މަގާމުތަކުގެ ދަހިވެތިކަމުގެ މަސްތުގައި ޖެހި ޣަރަގު ވީމަ ވާނެއެތި ތިޔަވީ. މިހާރު ޢަދާލަތުގެ އިސްސަފުގައި ތި ތިއްބެވި ބޭފުޅުން ފަހަތަށް ވަޑައިގެން ނޫން ގޮތަކަށް ދެން ޢަދާލަތު އިހުގެ ހާލަތަށް ނުގެންދެވޭނެ.
ޝޮކްތެރަޕީ
06 December 2025
އެމްޑީޕީޔަ ބަޔަތު ހިފައިގެން ލިބޭނެ ކުރިއެރުމެއް ނޯންނާނެ.