ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހަދަން ފެށި މަޝްރޫއުގައި ޖުމްހޫރީމައިދާން ކައިރިން ހެދި ބައި ނިންމައި މިއަދު ހުޅުވާލައިފި އެވެ.
މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު ތާރު އަޅައިގެން އަލުން ހަދައި ހުޅުވީ ފަޅުތެރެއިން ބައެއް ހިއްކައި، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށްފަ އެވެ. އެ މަސައްކަތް ކުރުމަށް މަގުގެ އެ ސަރަހައްދު ބަންދުކުުރީ މިދިޔަ އޯގަސްޓް މަހު އެވެ.
މިއީ ބޭރު މަގު ހެދުމުގެ ފުރަތަމަ ސެގްމަންޓް ކަމަށް ވާއިރު ދެން ފަށާ ދެ ވަނަ ސެގްމެންޓުގައި ހަދާނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދެވެ. އެ ސަރަހައްދުގެ ވެސް މަގު ފުޅާކޮށް، ތާރު އަޅާނެ އެވެ.
އެކަމަކު މިއީ ބޭރު މަގުގެ އެންމެ ބާރު ބޮޑުވާ ސަރަހައްދަށް ވާތީ ކޮންސްޓްރަކްޝަން މިނިސްޓްރީން ކަނޑައަޅާފައި ވަނީ ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ރޯދަމަހުގެ ކުރިއަށް އަންނަ އަހަރުގެ ފެބްރުއަރީ 13 އަށް ނިންމާ ގޮތަށެވެ.
ކަލަންޑަރުގައިވާ ގޮތުން ރޯދަމަސް ފެށޭނީ ފެބްރުއަރީ 18 ގަ އެވެ.
މަގު ހެދުމުގެ ދެވަނަ ފިޔަވަހި ފެށުމުގެ ކުރިން އާންމުންގެ ހިޔާލަށް މިދިޔަ ހަފުތާގައި ވަނީ ހުޅުވާލައިފަ އެވެ.
މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މިދިޔަ ބުރާސްފަތިދުވަހު ބުނީ އެ މަޝްރޫއުއަކީ އާންމުންގެ އުއްމީދުތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރެވޭ ގޮތަށް ކުރިއަށް ގެންދެވޭ މަޝްރޫއުއެއްކަން ޔަގީންކުރުމުގެ ގޮތުން އާންމުންގެ ހިޔާލަށް ހުޅުވާލާ ކަމަށެވެ.
އެެހެންވެ، އެކަމާ ގުޅިގެން އާންމުން ދެކޭ ގޮތް ހޯދުމަށް ކުރިއަށް ގެންދާ އެ ސާވޭގައި އަހަނީ މަސައްކަތުން ލިބޭނެ ފައިދާ އާއި މަގު ބަންދުކުރުމުން ދިމާވާނެ، ދަތިތައް ކުޑަކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ އެވެ. އަދި މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ސަރަހައްދު ބޭނުންކުރަނީ ކޮން ބޭނުމެއްގައިތޯ އަހާފައިވެ އެވެ.
ބޭރު މަގު ހެދުމުގެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. މިއީ 455 ދުވަސް ތެރޭ ނިންމަންޖެހޭ މަޝްރޫއުއެކެވެ.