އެމްޑީޕީގައި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުންނަކީ ވަކި ސިޔާސީ ލީޑަރެއްގެ ފަހަތުގައި ތިބި ބައެއް ނޫން ކަމަށާއި މަސައްކަތްކުރާނީ ޕާޓީގެ މަސްލަހަތަަށް ކަަމަށް، ވަގުތީ ޗެއާޕާސަން ކަމާ ރޭ ހަވާލުވެވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަތުމަށް ފަހު އެ ޕާޓީގެ އިސް އެހެން ބޭފުޅުންނާ އެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣަފޫރު ވިދާޅުވީ ޕާޓީގެ މެންބަރުން ޕާޓީގައި ދެމިތިބުން މުހިއްމު ކަމަށާއި ވަކި ލީޑަރެއްގެ ފަހަތުން ޕާޓީ ދޫކޮށް ދިއުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ. ކޮންމެ ބޭފުޅަކަށް ވެސް [ސިޔާސީ ގޮތުން] ލިބޭ ފުރުސަތެއް ލިބެނީ ޕާޓީން ކަމަށާއި އެއީ ޕާޓީގެ މެންބަރުން ކުރާ މަސައްކަތުން ލިބޭ ފުުރުސަތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެކަން އަޅުގަނޑުމެން އެންމެން ވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ. އޭރުން އަޅުގަނޑުމެންގެ ޕާޓީ އަަބަދުވެސް ގަދަކޮށް، އެންމެން އެއްކޮށް އޮންނާނީ. އެނޫން އެހެން ވިސްނުމެއްގައެއް އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން. އަޅުގަނޑުމެން މިތިބީކީއެއް ވަކި ލީޑަރެއްގެ ފަހަތުގައެއް ނޫން، އަޅުގަނޑުމެން މިތިބީ އެމްޑީޕީގައި،" ޣަފޫރު ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ އިންސާފުން ކަމަށާއި އެއްވެސް މެންބަރަކު މާޔޫސްވާން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމްޑީޕީގެ ތެރޭގައި ބައިބައިވުން އޮތް ކަމަށް ދެކެވޭ ވާހަކަ ދޮގުކުރައްވަމުން ޣަފޫރު ވިދާޅުވީ އޮތީ ހިޔާލުތަފާތުވުންތަކެއް ކަމަށާއި އެކަމަށް އެމްޑީޕީގައި އަަބަދުވެސް ޖާގަ އޮންނާނެ ކަމަށެވެ.

"އެއީ ޕާޓީ ބައިބައިވުމެއް ނޫން. އެމްޑީޕީއަކީ އަބަދުވެސް، ފެށުނީއްސުރެ މި ހިޔާލުތަފާތުވުމާ އެއްކޮށް، ދިރިދެމި އޮންނަ ޕާޓީއެއް. އެހެންވީމާ އެކަން އެގޮތުގައި ދެމި އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވަން އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީން ކުރާ މަސައްކަތް މަދުކަމަށް ބުނެ، އެޕާޓީގެ ބައެއް އާއްމު މެންބަރުން ދައްކާ ވާހަކަައަށް ވެސް ޣަފޫރު މިއަދު ޖަވާބުދެއްވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު އެމްޑީޕީ އޮތީ ރައްޔިތުންނަށް ރަނގަޅު ކަންތައްތަކެއް ކޮށްދޭތޯ ސަރުކާރަށް ފުރުސަތު ދީގެން ކަމަށެވެ.

ނަމަވެސް މިހާރު ފެންނަނީ ކަންތައްތައް "ގޯހުން ނުބަޔަށް" ދާތަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކަންތައްތައް ބަދަލުކޮށްގެން ސަރުކާރުން "ހިތުހުރިހާ ގޮތަކަށް" މަސައްކަތްކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެ ފުރުސަތު ދޭކަށެއް ނޫން އަޅުގަނޑުމެން މިތިބީކީ. އެހެންވީމާ އެކަންތަައްތައް ހުއްޓުވުމަށްޓަކައި ޕާޓީގެ ހަރަކާތްތައް އަޅުގަނޑުމެން ހަމަ ބޮޑުކޮށް ކުރިއަށް ގެންދާނަން،" ޣަފޫރު ވިދާޅުވި އެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ޣަފޫރު އިންތިހާބުކުރީ އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމުގަ އެވެ. އެ މަގާމަށް ޣަފޫރު އިންތިހާބުކުރީ ރޭ ނެގި ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓުންނެވެ.