ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނެގުމުގެ ގައުމީ ކެމްޕެއިން، "ކުރަނގި" ފެށުމަށް ފަހު، ހިންމަފުށީގައި މަސައްކަތްކުރާ ބިދޭސީންތަކެއްގެ މައުލޫމާތު ނެގުމަށް މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
16 ޑިސެމްބަރ 2025 - 14:49
ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް އާންމުކޮށްފި އެވެ.
މިދިޔަ އާދީއްތަ ދުވަހު އެ ގަވާއިދަށް ގެނައި ބަދަލުތަކުގެ ތެރޭގައި ނޮން-ޕްރޮފެޝަނަލް ކެޓަގަރީގައި ހިމެނޭ ބިދޭސީންގެ ތެރެއިން އެއްވެސް ހުނަރެއް ނެތް (އަން ސްކްލިޑް) ބިދޭސީންނަށް ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ވޯކް ޕާމިޓް ދެވޭނެ އެންމެ ދިގު މުއްދަތަކީ 10 އަހަރު ކަމަށް ހަމަޖެއްސުން ހިމެނެ އެވެ. ކުރިން އެ ހާލަތުގައި ވޯކް ޕާމިޓް ދެވެނީ ފަސް އަހަރު ދުވަހަށެވެ.
ވަޒީފާ ދޭ ފަރާތް ބަދަލުކުރެވޭނީ ވޯކް ޕާމިޓް ފީ ނުދައްކާތާ އެއް މަސްދުވަސްވެ، ވަޒީފާ ދޭ ފަރާތް ބަދަލުކުރުމުގައި ވަޒީފާ ދިން ފަރާތުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް ހުށަހެޅުމުންނެވެ.
ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން ވަޒީފާ ދޭ ފަރާތުން ބިދޭސީއަކު ގެއްލިގެން ރިޕޯޓްކޮށްފައިވާ ހާލަތުގައި މިނިސްޓްރީން އެކަން އާންމުކޮށް އަންގައި އިއުލާންކުރާ މުއްދަތުގެ ތެރޭގައި، ހާއްސަ ހާލަތްތަކެއްގައި އެ ބިދޭސީންނަށް ވަޒިފާ ދޭ ފަރާތް ބަދަލުކުރުމުގެ އިހުތިޔާރު ވެސް ދެން ދޭނެ އެވެ. އެ ހާލަތުގައި، ވަޒިފާ ދޭ ފަރާތް ބަދަލުކުރަން ހުށަހެޅީ ވަޒީފާ ދިން ފަރާތުން ބިދޭސީ މީހާއަށް އިހުމާލުވެފައިވާކަން ސާބިތުވާ ނަމަ އެވެ.
ވޯކް ޕާމިޓް ބާތިލުކުރެވޭ ހާލަތްތައް ވެސް ގަވާއިދަށް ވަނީ އިތުރުކޮށްފަ އެވެ. އިތުރު ކުރި ހާލަތްތަކުގެ ތެރޭގައި ހިމެނެނީ، ބިދޭސީ މީހާ ރާއްޖެއިން ފުރައިގެން ދިޔަ ކަމަށް އެކްސްޕަޓް ސިސްޓަމްގައި ވަޒީފާ ދިން ފަރާތުން އިގުރާރުވުމާއި ގެއްލިގެން އުޅޭ ބިދޭސީއަކު މަރުވި ކަމަށް ކަމާ ބެހޭ އިދާރާއަކުން ނިންމުމާއި ބިދޭސީއަކަށް ރާއްޖޭގެ ރަށްވެހިކަން ލިބުމެވެ.
ސިއްހީ ގޮތުން އަންފިޓް ބިދޭސީއަކު ރާއްޖެއިން ފުރަން އަންގާފައިވާ މުއްދަތުގެ ތެރޭގައި އޭނާ ފުރާފައި ނުވުމާއި ވޯކް ޕާމިޓް ހުއްދައިގެ ދަށުން މެދުނުކެނޑި ހަތަރު މަހަށް ވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ހުރުމާއި އިދާރީ ނުވަތަ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ވޯކް ޕާމިޓްގެ ޝަރުތު ހަމަނުވާ ބިދޭސީއަކަށް ވޯކް ޕާމިޓް ދޫކޮށްފައި ވިޔަސް، ވޯކް ޕާމިޓް ބާތިލުކުރެވޭނެ ކަމަށް ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.
• ބިދޭސީއަކު ގެއްލިގެން ހުށަހަޅާ ރިޕޯޓް އަނބުރާ ގެންދާ ހާލަތްތަކުގަ އާއި ބާތިލްކޮށްފައިވާ ވޯކް ޕާމިޓްތައް އަލުން ދޫކުރާ ހާލަތްތަކުގައި، އާ ވޯކް ޕާމިޓެއް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދޫކުރާނެ. އަދި އާ ވޯކް ޕާމިޓް ދޫކުރާނީ ކުރިން ދޫކޮށްފައިވާ ޕާމިޓްގެ ޑިޕޮޒިޓް، އާ ޕާމިޓަށް ޓްރާންސްފާކުރުމަށް ފަހުގައި.
• ތަހުގީގީ އިދާރާތަކުންނާއި މިނިސްޓްރީން ކުރާ ތަހުގީގުތަކަށް ބިދޭސީއަކު އެއްބާރުލުން ނުދިނުމުގެ ސަބަބުން އެ މައްސަލައިގެ ތަހުގީގު ކުރިއަށް ނުގެންދެވި 10 ދުވަސް ވެއްޖެ ނަމަ ވޯކް ޕާމިޓް ބާތިލުކުރެވޭނެ.
• ޖެނުއަރީ 1، 2023 ގެ ކުރީގެ ތާރީހެއްގައި ބިދޭސީއަކު ރާއްޖެއިން ފުރައިގެން ދިއުމުން އޭނާގެ ވޯކް ޕާމިޓް ވަޒީފާ ދޭ ފަރާތުން ބާތިލުކުރާ ނަމަ، އެ ވޯކް ޕާމިޓަކަށް ކޯޓާ ފީއެއް ނުނަގާނެ.
• އެކަމަކު، ވޯކް ޕާމިޓް ބާތިލުކޮށް، އެ ވޯކް ޕާމިޓްގެ ސްލޮޓް ބަދަލުކޮށްފައިވާ ނަމަ، އެ ސްލޮޓަށް ކޯޓާ ފީ ދައްކަން ޖެހޭނެ.
• ގަވާއިދުގެ 8 ވަނަ ބާބު ނުވަތަ ސައްހަ ހުއްދައެއް ނެތި ވަޒީފާ އަދާކުރާ ބިދޭސީން ގަވާއިދަށް ފެއްތުމުގެ ބާބު އެއްކޮށް އުނިކުރުން. އޭގެ ބަދަލުގައި ބިދޭސީން ވަޒީފާ އަދާކުރާ ވޯކް ސައިޓްތައް އިކްސްޕެކްޓްކުރުމާއި މޮނިޓާކުރުމުގެ ބާބެއް ވަނީ އިތުރުކޮށްފައި. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގާވައިދަށް ފެއްތުމާ ގުޅޭ މާއްދާއެއް ގަވާއިދަށް އިތުރުކޮށްފައިވޭ.
• ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައެޅުމާ ބެހޭ އިތުރު ބާބެއް ހިމަނާފައިވޭ.
• ބިދޭސީންނާ ގުޅޭ ފީތައް ދެއްކުމަށް ސަރުކާރުގެ ގެނެސްދީފައިވާ ލުއިތަކާ ބެހޭ އުސޫލު.
• އެކްސްޕެޓް ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވާ ހާލަތުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވޭ.
• ބިދޭސީންގެ ކޯޓާ ދޫނުކުރެވޭނެ މަގާމުތަކަށް ރައީސްގެ ކެބިނެޓުން ނިންމާފައިވާ މަގާމުތައް ގަވާއިދަށް އިތުރުކޮށްފައިވޭ.
އެ ގަވާއިދާ ހިލާފުވާ މީހުންނާ މެދުގައި ފިޔަވަޅު އެޅުމުގެ އުސޫލާއި ޖޫރިމަނާ ކުރާނެ އަދަދުތައް ވެސް ގަވާއިދަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. ބިދޭސީއަކާ މެދު އިހުމާލުވެއްޖެ ނަމަ، އެ ގަވާއިދާ ހިލާފު ވެއްޖެ ނަމަ 50،000ރ. އަށް ވުރެ މަތީ އަދަދުތަކުން ޖޫރިމަނާކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
15.42
16 December 2025
ގައުމު ހަލާކުވަނީ މިކަހަލަ ޑިޒިޝަންތައް ނަގާތީ.މަސައްކަތްތައް ހުއްޓުވާތީ އިގްތިސާދު އިނދަޖެހެނީ. ބިދޭސީން ހިންގަނީ ދިވެހިންގެ ހިޔާލާއި ފިކުރާއި މަސައްކަތްތަކެވެ. މިއީ ހަމަ ބައެއް ސެކްޓަރތައް ފޮހެލާނެ ކަމެއް.ވަޒީފާ އަދާކުރުމާ ކަންކަން ހިންގަންއެގުމާ މިއީ ދެކަމެއް.
ހުއްޅޭ
16 December 2025
ބޮޑު ޖޯކެއް...
ހޭބަލް
16 December 2025
ސަރުރުކާރަށް ގިނައިން އެމީހުންގެ ފަރާތުން ލާރި ވެއްދޭނެ މަގު ފަސޭހަކުރަން މިއުޅެނީ މީހުން މަދުކުރާކަށްނޫން!
އެމްޑީ ތުއްތު
16 December 2025
ބިދޭސިމީހާ ފިލައިގެން ދިއުމުން ވަޒީފާދޭފަރާތައް ލިބޭ ގެއްލުމުގެ ވާހަކައެއް މިއަކުނެތް، އެކަމަކު ބިދޭސިމީހާއަށް އިހުމާލުވެއްޖެއްޔާ 50ކޭ ޖުރިމާނާކުރެވޭ!!