ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔަކު ކިއޫއެއްގައި: ގިނަ އަދަދެއްގެ ވަޒީފާތަކަށް ބިދޭސީން ގެނައުމުން މަނާވާ ގޮތަށް ގަވައިދު ވަނީ އިސްލާހުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
16 ޑިސެމްބަރ 2025 - 14:42
ނަރުހުންނާއި ޓީޗަރުންނާއި ބިއުޓީޝަނުން ހިމެނޭހެން އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރެވޭ ގޮތަށް، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.
ހޯމް މިނިސްޓްރީން ވަނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެެނެސް ސަރުކާރުގެ ގެޒެޓުގައި މިދިޔަ އާދިއްތަ ދުވަހު އާންމުކޮށްފަ އެވެ. އެ ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ބިދޭސީންނަށް ރާއްޖެއިން ވަޒީފާ ނުދެވޭނެ ދާއިރާތައް ކަމަށް ކެބިނެޓުން ކަނޑައަޅާފައިވާ ދާއިރާތައްް ބަޔާންކޮށް، އެ ދާއިރާތަކުން މިހާރު ދޫކޮށްފައިވާ ކޯޓާތައް ބާތިލުކުރަން ވަކި މުއްދަތެއް ދީފަ އެވެ.
ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެއަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކޮށް އަދި އަލުން ކޯޓާ ނުދެވޭނެ ވަޒީފާތައް؛
• ހެއާ ޑްރެސަރުން
• ބިއުޓީޝަނުން
• ބޭބީ ސިޓާސް
• ޕާސަނަލް ޓްރެއިނާސް
• އިލެކްޓްރީޝަނުން
• ގެސްޓް ރިލޭޝަން އޮފިސަރުން (އިންގްލިޝް)
• ޓުއާ ގައިޑުން
• އެކައުންޓެންޓުން
• އިމާމުން
ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެއަށް އަމަލުކުރަން ފަށާތާ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރަންޖެހޭ ވަޒީފާތައް؛
• ޑައިވަރުން
• ނަރުހުން
• ބިލްޑިން އިކްސްޕެކްޓަރުން
• ސާވޭޔަރުން
• ސައިޓް ސުޕަވައިޒަރުން
• ޕައިލެޓުން
ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެއަށް އަމަލުކުރަން ފަށާތާ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރާނެ ވަޒީފާތައް؛
• އިލެކްޓްރިކަލް އިންޖީނިއަރުން
• ޑައިވް އިންސްޓްރަކްޓަރުން
ގަވާއިދަށް އަމަލުކުރަން ފަށާތާ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރާނެ ވަޒީފާތައް؛
• ހައުސް ކީޕިން މެނޭޖަރުން
• ހިއުމަން ރިސޯސް މެނޭޖަރުން
• ޕްރަންޓް އޮފީސް މެނޭޖަރުން
• ޕްރައިމަރީ އަދި ސެކަންޑަރީ ޓީޗަރުން
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ އެކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓްކޮށް އަދި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި ރަޖިސްޓްރީކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. އަދި ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވަން ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
މި ސަރުކާރުން ފެށި އެ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 191،723 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ވިދާޅުވެފައިވެ އެވެ. ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކު މިހާރު ހުރި ނަމަ އެކަން އެނގޭ ހިސާބުން ޑީޕޯޓްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޫސީ
17 December 2025
ޖުމްލަކޮށް ބަލާލާއިރު ގައުމަށް ވަރަށް މަންފާ ކުރާނެ ކަމެއް ގޮތުގަ ފެންނަނީ. ވަޒީފާގެ ފުރުސަތު ވަރަށް ފަހި ވެގެން ދާ ތަން ކުލަވަނީ
ްއއ.ޝާއްޕެ
17 December 2025
މީގެން ކޮންމެވެސް ދާއިރާއަކުން ކިޔަވަން ވީ. ސެޓްފިކެޓް އޮތުމުން ވަޒީފާ ޔަގީން ވާނެއްނު
އެމްސް
17 December 2025
ބޯކޮށުން/ފެހުން/ވަޑާންކުރުން/ރޭނުން/މަހަށް ދިއުން ފަދަ ކަންކަމަކީ ރަސްމީ ތަޢުލީމަކާއި ނުލާވެސް ކުރެވޭނެ ކަންކަމެވެ!
އަހްމަދު އަނީސް
17 December 2025
މިފަދަ ލޭބަރ މާކެޓް އިސްލާހުތައް އެންމެ ރަނގަޅަށް މަސައްކަތް ކުރަނީ ސަރުކާރުން މިހާރުވެސް ތަންފީޒު ކުރަމުންދާ ބަޔޮމެޓްރިކް ރަޖިސްޓްރޭޝަން އަދި އެންފޯސްމަންޓާ ރަނގަޅަށް ޖޯޑުކޮށްގެން، ސަރުކާރުގެ މި ވިސްނުމަށް ވަރަށް ތާއީދު. ރަނގަޅަށް ރެގިއުލޭޓް ކޮށް ހެދިއްޖެއްޔާ ބިދޭސީންގެ ކަންތައް ހަމަޔަކަށް އެޅިގެން ދާނެކަން ހަމަ ކަށަވަރު
ޒަކީ ޒަކީ
17 December 2025
ބޭރުގެ ލޭބަރަށް މާބޮޑަށް ބަރޯސާވާ ގައުމުތައް ގިނަ ފަހަރަށް ހުނަރު ތަރައްގީކުރުމުގައި މަޑުޖެހިފައި ހުންނަނީ. މިދާ ރޭޓުގަ ދަންޏާ މި ގައުމުގަ ސްކިލްޑް މީހެއް ނޫޅޭނެ ދުވަސްކޮޅެއް ފަހުން. ބިދޭސީން ގިނަ ވެގެން ގޮސް އަހަރުން ކޮންމެ ދިވެއްސެއްގެ ބޮލަކަށް ހަތަރު ފަސް ބިދޭސީން ތިބޭނެ. މި ކުރީ ބައިގަ ވިސްނާލަން ޖެހޭ ކަންތައް
އެމްސް
17 December 2025
ވިޔަފާފިވެރިންނަކީ ޤައުމަށް ހެޔޮ އެދޭ ބަޔަކަށްވެސްވެ، ސީއެސްއާރު ގެ ދަށުން ނަމަވެސް މީހުން ބިނާކުރަން އިސްކަމެއްވެސް ދޭންވީއެވެ! ހުރިހާކަމެއް ސަރުކާރުގެ ބޮލަށް ނުޖަހާ، ބްލެކްމާކެޓަށް ޑޮލަރު ސަޕްލައިކުރުންވެސް ހުއްޓާލަންވީއެވެ!
ދާއިން
17 December 2025
އަހަރުތަކަށް ބަހަލައިގެން ކޯޓާ އުވާލާ ޕޮލިސީ އަކީ ބުއްދިވެރި ޕޮލިސީއެއް. އޭގެ ސަބަބުން ލޯކަލް ކެޕޭސިޓީ އިތުރުކުރުމަށް ވަރަށް ވަގުތު ލިބިގެން މި ދަނީ
މާނުު1234
17 December 2025
ދެން ކުރީ ސަރުކާރޭ ބުނީމަ ބުނާނެ ބުނެފިއޭ. ނުބުނާ ވަރެއް ނޫނެއްނު.. މި ހުރިހާ ކަމެއް ވާނުވާ ނޭގޭ ވަރަށް އަތުން ކައްސަލައިން ގޮސް ހުރީ މި ފައްޔާޒުމެންގެ ދޯހަޅި ކަމުން. އެއްވެސް ކަމެއް ރިގުއުލޭޓެއް ނުވޭ. ހުރިހާ ކަމެއް ހުރީ ބޮއްސުން ލާފަ. މި ސަރުކާރުން މި ޖެހެނީ މި މީހުން ހާވާފަ ހުރިއްޔާ ހުރިހާ ހަޑިއެއް ސާފު ކޮށްދޭން
އެމްސް
17 December 2025
އެކަން ކުރާމީހާ އެކަން ޙައްލުކޮށްފާނެތޯއެވެ؟ ޤާނޫނުހަދާ މަޖިލިހުގެ އަޣްލަބިއްޔަތު ވިޔަފާރިވެރިންނަށް އޮވެގެން އިސްލާޙުވާނީ . . !
ރިއްޕެ ރިއްޕެ
17 December 2025
ވޯ. ވޯ. ވޯ. ވަރަށް ސަޅި. ހަބޭސް. މި ބަންގާޅީންގެ އުދަގޫ މާ ބޮޑީ މިހާރު. ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކު މިހާރު ހުރި ނަމަ އެކަން އެނގޭ ހިސާބުން ޑީޕޯޓް ކުރުން ބަރާބަރު. ގަވައިދާ ހިލާފަށް އުޅޭ އެކަކުވެސް ބަހައްޓައިން ނުވާނެ
އެމްސް
17 December 2025
އަންސްކިލްޑް ލޭބަރުންނަށް އެއްގޮތަކަށްވެސް ވިސާ ނުދޭންވީއެވެ! ބޭރުމީހުނަށް ވިސާދިނުމުގަ، ބަހެއް އެނގޭތޯ އާއި/ހުނަރު ހުރިތޯ ބަލާ/ޗެކްވެސް ކުރަންވީއެވެ!
ފޫހި
17 December 2025
މައްސަލައުފެދެނީ ކޮންސްޓްރަކްޝަން ކުންފުނިތަކަށް 300 ކޯޓާ ދީފައި ގެންނަ އަންސްކިލްޑް މީހާ އެ ކުންފުނީގެ ޕްރޮޖެކްޓް ނިމުމުން މި ގައުމުގެ ބޯޑަރުން ބޭރުނުކޮށް މަގުމައްޗަށް ދޫކޮށްލަނީ. ދެން އެމީހުން އަމިއްލައަށް މިގައުމުގައި ހިތުހުރިކަމެއް ކޮށްގެން އުޅެނީ. އެހެންވީމާ އިމިގްރޭޝަން ހަރުދަނާކޮށް އެ ކުންފުންޏަކަށް ދޫކޮށްފައިވާ ކޯޓާއަށް ގެންނަމީހާ ހުރިތަން ބަލާފަ ކުންފުންޏަށް ފިޔަވަޅުއަޅާ. އެހެންނޫނީ ތިޔަކަމެއްނުވާނެ.
އެމްސް
17 December 2025
މިޤައުމުގަވެސް ތިބެވޭނީ އާބާދީގެ %15 ނުވަތަ %25 ކަމަށް ކަނޑައެޅީމަ ބޭރުމީހުންގެ ޢަދަދު ލިމިޓްކުރެވުނީއެވެ! ކޮންމެ މީހަކަށް ފިހާރައެއް/ކެފޭއެއް ހުޅުވަންވީމަ އެއްވެސް ވިޔަފާރިއަކުން ފައިދާއެއްވެސް ނުވާނެއެވެ!
މަސައްކަތްތެރި
17 December 2025
ބޭބީ ސިޓަރސްގެ ގޮތުގައި ކިތަންމެ ބޮޑު މުސާރައެއް ދީގެންވެސް މިއުޅެނީ ދިވެހިން ނުވެގެން. ދެ މީހުން ވަޒީފާއަށް ގޮސްގެން ނޫނީ އުޅެވެން އޮތީކީ ނޫން. ތި ހެދި ގޮތުން ދެން ވަޒީފާއަށް ވެސް ނުދެވުނީ. ނުގޮސް ވާކަށް ވެސް ނެތް.
އެމްސް
17 December 2025
މިޖިމަމް ވޭޖް އުވާލާ، ލިވިން ވޭޖެއް ލިބެނިކޮށް ދެމެފިރިން ރަސްމީ ވަޒީފާއަަކަށް ދާކަށް ނުޖެހޭނެއެވެ!
ލޯކަލް ޓީޗަރު
17 December 2025
ޓީޗަރުން ނުގެނެސް ކިހިނެއް ކިޔަވައިދެނީ. ސްކޫލް ނިންމާ ކުދިން ޓީޗަރަކަށް ވާކަށް ބޭނުމެއް ނުވޭ. މިހާރު ތިބި ޓީޗަރުންވެސް އުޅެނީ ބޮޑު މުސާރަ ލިބޭ ވަޒީފާއަކަށް ބަދަލު ވެވޭތޯ.
އެމްސް
17 December 2025
5 ހާހުގެ ލިވިންވޭޖަކުން އެއްވެސް މީހަކަށް ދެކޮޅެއް ނުޖެހޭނެއެވެ! މިޤައުމުގެ ލިވިންވޭޖަކީ ކިހާވަރެއްތޯ ބަލާ، ސަރުކާރުގެ އިދާރާތަކުން އެކަން އިޝްތިހާރުކުރުމުން، ޕްރައިވެޓް ސެކްޓަރަށްވެސް 10 ހާހަށްވުރެ ކުޑަ މުސާރައިގަ މީހުން ގެންގުޅެން ލަދުގަންނާނެއެވެ! ދެން މީހުން ދިރިއުޅޭ ރަަށްރަށުގަ: އާބާދީގެ %25 އަށްވުރެ ގިނައިން ބިދޭސީން އުޅުން މަނާ . . !