މާލޭ ސިޓީ ކައުންސިލުން މާލޭގައި މީދާ މަރާ ހަރަކާތެއް މިއަދު ފަށައިފި އެވެ.
ސިޓީ ކައުންސިލްގެ ވެބްސައިޓުގައި ބުނީ އެ ހަރަކާތް ފެށީ މާލޭގައި މީދާ ގިނަވުމުގެ ސަބަބުން އާންމުންނަށް ކުރިމަތިވަމުންދާ އުނދަގޫތައް ހައްލުކުރުމަށް ކަމަށެވެ. އެކަމާ ގުޅޭ ވަރަށް ގިނަ ޝަކުވާތައް އާންމުންގެ ފަރާތުން ސިޓީ ކައުންސިލަށް ލިބިފައިވާ ކަމަށް ބުންޏެވެ.
މިއަދު ހެނދުނު ލޯކަލް މާރުކޭޓު ސަރަހައްދުގައި ބޭއްވި އިވެންޓެއްގައި އެ ހަރަކާތް ރަފައްޓަވައިދެއްވީ މޭޔަރު އާދަމް އާޒިމެވެ.
ސިޓީ ކައުންސިލުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އެކި ސަރަހައްދުތަކުގައި އެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށެވެ.
އެ ހަރަކާތް ހިންގަނީ ކައުންސިލްގެ މުވައްޒަފުން ކަމަށާއި މީދާ މަރާނީ މީދާ މަރާ ބޭސް އެކި ތަންތަނަށް އަޅައިގެން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ ބޭސް އަޅައިގެން މަރާ މީދާތައް ތަންތަނުން ނެގުމުގެ މަސައްކަތް ވެސް އެ މުވައްޒަފުން ކުރާނެ ކަމަށެވެ.