ރާއްޖޭގައި ކުޑަކުދިން ބަލާނެ ކާޓޫނު ފިލްމާއި ގައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުމުން އެ ކަންބޮޑުވުމަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް ކުޑަކުދިންނަށް ހާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް އަންނަ އަހަރު ބާއްވަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސްގެ އެ ނިންމެވުން އިއުލާން ކުރެއްވީ ދިވެހިބަހާ ބެހޭ މިނިސްޓްރީން މި އަހަރު ބޭއްވި އަދަބީ މުބާރާތްތަކާއި އަތުލިޔުން މުބާރާތުގެ އިނާމު ދިނުމަށް ހުޅުމާލެ 2 ގައި ހުންނަ ސަލާހުއްދީން ސްކޫލް ހޯލުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ދިވެހިބަހާ ބެހޭ މިނިސްޓްރީން މި އަހަރު ކުރިއަށް ގެންދިޔަ އަދަބީ މުބާރާތްތަކާއި އަތުލިޔުން މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ދިވެހިބަހާ ބެހޭ މިނިސްޓްރީން މި އަހަރު ކުރިއަށް ގެންދިޔަ އަދަބީ މުބާރާތްތަކާއި އަތުލިޔުން މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ދިވެހިބަހާއި ސަގާފަތާއި ތަރިކަ އާއި ތާރީހު ކުޑަކުދިންނަށް އުނގަންނައި ދިނުމުގައި ޒަމާނީ ގޮތްތައް ލިބިގަތުން މުހިންމު ކަމަށެވެ. ބަސް ދަސްކޮށްދިނުމަކީ ހަމައެކަނި ލިޔެފައިވާ ފިލާވަޅުތަކަކަށް ހަނިކުރެވިފައި އޮތުމުގެ ބަދަލުގައި، ދުނިޔޭގެ އެހެނިހެން ބަސްތައް ދަސްކޮށްދޭން ވެސް ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ގޮތްތައް އުފައްދަމުން އަންނަ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެ ގޮތުން ބަލާއިރު ރާއްޖޭގައި ކުޑަކުދިން ބަލާނެ ކާޓޫނު ފިލްމު، ގައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުން އެއީ ބައެއް ބޭފުޅުން ފާހަގަކުރައްވާ ކަމެއް. ވަކިން ހާއްސަކޮށް ރާއްޖޭން ބޭރުގައި އުޅުއްވާ ދިވެހި އާއިލާތަކާއި ރާއްޖޭގައި ވެސް ބެލެނިވެރީން އޮފީހުގައި ގިނަ ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާ ހާލަތްތަކުގައި ކުޑަކުދިންނަށް ފައިދާހުރި ވަގުތުތަކަށް އެ ވަގުތުތައް ބަދަލު ކޮށްލައްވަން ބެލެނިވެރީން ބޭނުންފުޅުވޭ،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް، އެފަދަ ވަގުތަކު ވެސް ކުޑަކުއްޖަކަށް ދައްކާލެވޭނެ ވީޑިއޯ ނުވަތަ ގޭމް ކަހަލަ ތަކެތި ނެތް ކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ބެލެނިވެރިން ފާޅުކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ މި ބޮޑު ގައުމީ އުދާސްތަކަށް ހައްލެއް ގެންނަން. އެހެންވީމާ، އަންނަ އަހަރު ބަހާއި ސަގާފަތާއި ތާރީހާއި ތަރިކައިގެ ދާއިރާއިން ކުޑަކުދީންނަށް ހާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާ އެކު ހުޅުވާލާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ދިވެހިބަހާ ބެހޭ މިނިސްޓްރީން މި އަހަރު ކުރިއަށް ގެންދިޔަ އަދަބީ މުބާރާތްތަކާއި އަތުލިޔުން މުބާރާތުގެ އިނާމުދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ދިވެހިބަހާ ބެހޭ މިނިސްޓްރީން މި އަހަރު ކުރިއަށް ގެންދިޔަ އަދަބީ މުބާރާތްތަކާއި އަތުލިޔުން މުބާރާތުގެ އިނާމުދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ އެ މަނިކުފާނު ގަބޫލުފުކުރައްވާ ގޮތުގައި، ދިވެހި ތާނައަކީ ދިވެހީންގެ ފަހުރެކެވެ. ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮންނަ ފަދައިން ދިވެހީންގެ އަމިއްލަ އަކުރެއް އޮތުމަކީ އެއީ ވަރަށް ބޮޑު ޝަރަފެކެވެ. އަދި ގައުމެއްގެ ނިސްބަތުން ބަލާއިރު، އަމިއްލަ އަކުރެއް އޮތުމަކީ އެ ގައުމެއްގެ ސަގާފީ ސިޔާދަތު އެތައް ގުނަޔަކަށް މަތިވެގެންދާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ސަބަބަށްޓަކާ އަންނަ އަހަރުން ފެށިގެން ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތަކީ ގައުމީ ފެންވަރުގައި ވަޒަން ކުރެވޭ، ގައުމީ މުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދަން ކަނޑައަޅުއްވާފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.