އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމަށް މި އަހަރު ބޭއްވި ހަރަކާތުގެ ތެރެއިން: ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީ އަށް މިހާރު އަންނަނީ ތައްޔާރުވަމުން.
21 ޑިސެމްބަރ 2025 - 18:54
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީ އަަންނަ ޖެނުއަރީ 16 އަށް އަވަސްކޮށްފި އެވެ.
އެ ޕާޓީން ކުރިން ނިންމާފައި އޮތް ގޮތުން ނަމަ އެ ޕްރައިމަރީ އޮންނާނީ ޖެނުއަރީ 30 ގަ އެވެ.
ނަމަވެސް އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންނަ އަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފޯމު ހުށަހެޅުން ޖެނުއަރީ 17 ވަނަ ދުވަހު ހުޅުވާލައި އެ ކަމަށް ލިބޭނީ 14 ދުވަހުގެ މުއްދަތެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.
އެހެންވެ، އެމްޑީޕީން ބުނި ގޮތުގައި، އެ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީގެ ޓައިމްލައިން މިހާރު ވަނީ ބާތިލް ކޮށްފަ އެވެ. ޓައިމްލައިން ދެން އާންމު ކުރާނީ އިލެކްޝަންސް ކޮމިޝަނުން ދާއިމީ ރިޕޯޓު އާންމު ކުރުމުން ކަަމަށް އެމްޑީޕީން ބުންޏެވެ.
މިއަދު ގެނައި ބަދަލާ އެކު، އެމްޑީޕީން ނިންމާފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ ޕާޓީން ނުކުންނަ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީ ޖެނުއަރީ 16 ވާ ހުކުރު ދުވަހުގެ މެންދުރު 2:30 އިން ރޭގަނޑު 8 ޖަހަންދެން ބާއްވާށެވެ.
އެމްޑީޕީން ކުރިން އިއުލާންކުރި ޓައިމްލައިންގައިވާ ގޮތުން ޕްރައިމަރީ ބާއްވާ ދާއިރާތަކަށް ކުރިމަތިލި ކެންޑިޑޭޓުން ލިސްޓު މާދަމާ އާންމު ކުރާނެ އެވެ. އަދި ލިސްޓަށް ޝަކުވާ ހުށަހަޅަން 24 ގަޑިއިރުގެ މުހުލަތެއް ދޭނެ އެވެ. އޭގެ ފަހުން ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓުންގެ ލިސްޓު އާންމު ކުރާނެ ކަމަށް އެމްޑީޕީން އޭރު ބުނެފައި ވެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ފޯރިގަދަވަމުން އަންނައިރު މިހާރު އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންގެ އެންމެ ފޯރިގަދަކޮށް ކުރިއަށް ގެންދަނީ މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ދެ ބޭފުޅުންގެ މެދުގަ އެވެ. މާލޭގެ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމާއި ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްގެ ކެމްޕެއިން މާލޭގައި ވަރަށް ގަދައަށް މިހާރު ވަނީ ފަށައިފަ އެވެ.
އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 16 ގައި ބާއްވާއިރު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕްރައިމަރީ މި މަހުގެ 27 ގައި ބާއްވާނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފުއްޓައްޕު
21 December 2025
ހަދާނެނުހަދާނެގޮތެއް ނޭންގިގެންއުޅޭންޏާ މަހަށްދޭބަލަ.