ލޯކަލް ކައުންސިލާއި އަންހެނުން ކޮމެޓީގެ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގައި ދަތިތައް ދިމާވާތީ މެނުއަލްކޮށް ވެސް ފޯމު ބަލައިގަންނަން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ އިންތިހާބަށް އިދިކޮޅު ޕާޓީން ކަނޑައަޅާފައިވާ ތަރުޖަމާނު، ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައި ވިއަސް އެކަން ކުރަން ލިބިފައިވަނީ ކުޑަ ވަގުތުކޮޅެއް ކަމަށެވެ.

އެހެންވެ އަންނަ ހަފުތާގެ އާދިއްތަ ދުވަހުގެ ކުރިން ގިނަ އަދަދެއްގެ ކެންޑިޑޭޓުންގެ ފޯމު ހުށަހަޅަން ޖެހޭއިރު ބޮޑެތި ދަތިތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އީސީން ހަމަޖައްސާފައިވާ ގޮތުން ޕޯޓަލް އިން ރަސްމީ ދުވަސްތަކާއި ހޮނިހިރު ދުވަހު ފޯމު ބަލައިގަންނާނީ ހެނދުނު 8:30 އިން މެންދުރު ފަހު 3:30 އަށެވެ. އަދި ހުކުރު ދުވަހު މެންދުރު ފަހު 3:30 އިން އިރުއޮއްސި 6 ޖަހަންދެންނެވެ. 

ވަހީދު ވިދާޅުވީ ޕޯޓަލް އިން ފޯމުތައް ހުށަހަޅާއިރު އައިޑީކާޑު ސާފު ނޫން ކަމަށް ބުނެ ނުވަތަ ކުދިކުދި ކަންކަމާ ހެދި ފޯމުތައް ރިޖެކްޓުވާ ކަމަށެވެ. ނަމަވެސް، އެ ފޯމުތަކަށް ޖަވާބު ދިނުމަށް ކަނޑައަޅާފައިވަނީ ފަސް ދުވަސް ކަމަށް ވާތީ، އެތައް ވަގުތެއް ހޭދަވާކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެ ފަދަ ދަތިތަކާ ހެދި އެމްޑީޕީން ވަނީ މެނުއަލްކޮށް ވެސް ފޯމު ބަލައިގަތުމަށް ގޮވާލައިފަ އެވެ. 

"ލިބިގެން އުޅޭ ވަގުތު އެންމެ މައްސަލައަކީ. ސާދަ ދުވަސް ދިނީ. ކުރިން 45 ދުވަސް ދޭންޖެހޭ އިންތިހާބަށް ކުރިމަތިލާން. ގިނަ ކެންޑިޑޭޓުންގެ ހައްގާ ގުޅިފައިވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރީގެ އިންތިހާބުތަކުގައި ފޯމު ބަލައިގަނެފައިވަނީ ހަމައެކަނި މެނުއަލްކޮށެވެ. މިއީ، އޮންލައިންކޮށް ފޯމު ބަލައިގަނެ، އިންތިހާބު ބާއްވާ ފުރަތަމަ ފަހަރެވެ.