ރައީސް މުއިއްޒު ހުޅުމާލޭ 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
21 ޑިސެމްބަރ 2025 - 23:20
ހުޅުމާލޭގެ އެކަކާއި ދެއަކުން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކޮށް، އެ އިމާރާތެއްގެ އެންމެ ތިރީ ފްލޯ ޕާކިން އަށް ހާއްސަަ ކުރަންޖެހޭ ގޮތަށް ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ 1 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން ރެހެންދި ސްކޫލްގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ރައީސް ވިދާޅުވީ، ގޯތީގައި އިމާރާތް ކުރެވޭ އުސްމިނަކީ ޕްލޭނާއި އިންފްރާސްޓްރަކްޗާގެ އިތުރުން އެއީ ފެނާއި ނަރުދަމާ އާއި އެ ތަނުގެ ލޭންޑް ޔޫސް ޕްލޭނާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން އެ ކަމަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެހެންވެ، އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް ހުޅުމާލޭގެ އެކަކާއި ދެއަކުން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭނެ އުސްމިނަކީ 10 ބުރި ކަމަށް ކަނޑައަޅަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
މިހާރު އޮންނަ ގޮތުން ހުޅުމާލޭ އެކެއްގައި އެންމެ އުސްކޮށް އިމާރާތް ކުރެވެނީ 8 ބުރިއަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ހުއްދަ ދޭނީ ޝަރުތުތަކަކާ އެކު އެވެ. އޭގެ ތެރޭގައި އިމާރާތުގެ އެންމެ ތިރީ ފްލޯއަކީ އެ އިމާރާތުގައި ދިރިއުޅޭ މީހުންގެ ވެހިކަލްތައް ޕާކުކުރުމަށް ހާއްސަ ފްލޯއަކަށް ހަދަން މަޖުބޫރުކުރުން ހިމެނެ އެވެ. އަދި ފުރަތަމަ ފްލޯ ހާއްސަ ކުރަންޖެހެނީ ނޮން ރެޒިޑެންޝަލް ޔޫސް އަށް ނުވަތަ ދިރިއުޅުން ނޫން އެހެން ބޭނުމަކަށް ނުވަތަ ވިޔަފާރިއެއް ކުރާ ތަނެއްގެ ގޮތުގައި ބޭނުން ކުރުމަށެވެ.
ރައީސް މުއިއްޒު ހުޅުމާލޭ 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިހާރު ކުރިއަށް ގެންދާ ބައްދަލުވުމަށް ދިޔަ ބައެއް މީހުން.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެ މަނިކުފާނު ވިދާޅުވީ ވިޔަފާރީގެ ބޭނުމަކަށް ނުވަތަ އާމްދަނީ ހޯދޭނެ ކޮންމެވެސް ކަމެެއް ކުރުމަށް އެ ފްލޯ ހާއްސަ ކުރަންޖެހޭނެ ކަމަށެވެ.
އެ ޝަރުތުތަކާ އެކު 10 ބުރިއަށް އިމާރާތް ކުރުމަށް ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލެ 1 ގައި ސޯޝަލް ކެޓަގަރީގެ ދަށުން ގުރުނަގައިގެން ގޯތި ދޫކޮށްފައިވެ އެވެ.
ފައިސާ ދައްކައިގެން އެ ބިން މިލްކު ކުރެވޭ ގޮތަށް ދޫކޮށްފައިވާ އެ ތަންތަނަށް މިހާތަނަށް އެއްވެސް މާލީ ލުޔެއް ދީފައި ނުވާތީ ރައީސް ވިދާޅުވީ ގޯތިތައް ލިބިފައިވާ މީހުންގެ އެގްރީމަންޓުގެ ޖުމްލަ އަގުގެ 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމަވާފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ހުޅުމާލޭ 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ބިމުގެ އަގުގެ ބޮޑު ބައެއް ބައެއް ފަރާތްތަކުން މިހާރު ވަނީ ދައްކައިފަ އެވެ. އެހެންވިޔަސް ބާކީ ދައްކަން އޮތް އަގުގެ ތެރެއިން އެ ބައި ކެނޑިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ގޯތިތަކަށް އެއްވެސް ކަހަލަ ލުޔެއް މާލީ ގޮތުން ސަރުކާރުތަކުން ދީފައެއް ނެތް. މި ކިޔަނީ ބިޑުކޮށް ގަނެފައި ހުރި ގޯތިތަކުގެ ވާހަކައެއް ނޫން. ގުރުއަތުލައިގެން ޕޮއިންޓް ސްކީމުން ގޯތި ލިބިފައި ހުރި ފަރާތްތަކަށް ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކުގެ އެގްރީމަންޓުގެ ޖުމްލަ އަގުގެ 10 ޕަސެންޓްގެ ޑިސްކައުންޓެއް ސަރުކާރުން ދޭނެ،" ހުޅުމާލޭ 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވި އެވެ.
އެ ގޯތިތަކަށް ދައްކަން ޖެހޭ އަގަށް ލުޔެއް ދިން އިރު މި ފަހުން އެ މަނިކުފާނު ވަނީ 4،000 ފްލެޓުގެ ކުއްޔާއި ޑިޕޮސިޓު ވެސް ވަރަށް ބޮޑަށް ކުޑަކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
22 December 2025
ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށް އޮތްއިރު އެއިން އެއްވެސްރަށެއްގެ ރައްޔިތަކަށް ފުރުސަތުނުދީ އަދި މަޖުބޫރީޙާލަތް ތަކުގެސަބަބުން ކ.މާލޭގައިދިރިއުޅޭ އެތައްހާސް ރައްޔިތުނާއި ޤާނޫނުއަސާސީން ލިބިދޭ ޙައްޤުގެ ދަށުން ކ.މާލޭ ދަފުތަރުގައި ޖެހިގެން "ޤާނޫނީގޮތުން މާލޭގެ ރަށްވެހިންނަށް ވެފައިވާ އެތައްހާސް ރައްޔިތުންވެސް ބާކީކޮށް" ހަމަ އެކަނި ކ.މާލޭ މީހުނަށް ރައީސް ތިޔަ ފުރުސަތު ދެއްވުމުން ރާއްޖޭގެ ރައްޔިތުންގެ މައްޗަށް މާލޭ މީހުން ޙާއްސަ ކުރެވުނީ ނޫންތޯ؟
ހުސެންބެ675
22 December 2025
މިގައުމު ނުވާނެ ރަގަޅެއް..އޭރަކު އޮންނަ ސަރުކާރަކުން ކަމަކައް ދޫދިނީމާ..ގިނަ ރައްޔިތުން އޭގެ ނާޖައިޒް ފައިދާ ނަގާނީ...ބަލާތި ތިޕާކިންވެސް ދެން ހިންހާނީ ފިހާރަ
އޮނަރަބްލް އަފީފު ދީދީ
22 December 2025
ތުރާކުނުން އައްޑުއަށް ހިމެނޭ ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންނަކީ ކ.އަތޮޅު މާލޭމީހުނަށް ކުލިދައްކާ "ކުލީ އަޅުންނަށް ނަހަދާ" ކެލާ، ފިއްލަދޫ، އުލިގަމު، މޮޅަދޫ، ހޯރަފުށި، ވަށަފަރު، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ.ގުޅިފައިވާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، މަޑަވެލި، ހޯޑެއްދޫ، ގަން، ވިލިގިލި، ފަރެސްމާތޮޑާ، ފުވައްމުލައް އަދި އައްޑޫސިޓީ ތަރައްޤީކޮށް އަސާސީ ޙިދުމަތްތައް ޤާއިމް ކޮށްދޭންވީ ނޫންތޯ.
ބަބޫ
22 December 2025
ތިރި ޕާކިންއަށް މަޖުބޫރު ކުރަންޔާ 10 ބުރި އޯކޭހަމަ. ވަރަށް ސަޅި ނިންމުމެއް.
އާދޭސް
22 December 2025
ރަނގަޅު ފެންވަރުގެ ލައިބްރަރީއެއް ފޭސް1 ގައި ހުންނަން ވާނެ. ވިޔަފާރީގެ ބޭނުމަށް ކޮންކްރީޓް އިމާރާތްތައް އަޅަމުން ދާއިރު މިސްކިތެއްގެ މަލަ ހުޅުމާލޭގައި ފެންނަން ނެތް ކަމީ ވަރަށް ދެރަ ކަމެއް. އަދި މާލޭގައި މައުމޫނު އެޅި ކަހަލަ ހޮސްޕިޓަލާ ދަރުބާރުގެއެއް ފޭސް 1 ގަ ހުންނަން ވާނެ. ސެންޓްރަލް ޕާކަކީ ހިތް އުފާ ކޮއްަލަން އޮންނަ ތަނެއް. ނަމަވެސް ދަރުބާރުގޭގައި ކުރި ހުރިހާ ކަމެއް މިހާރު މި ކުރަނީ މި ޕާކުގައި. ރައީސް މުއިއްޒު މި ކަންކަން ބަދަލު ކޮއްދެއްވާ.
އާދޭސް
21 December 2025
ހުޅުމާލެ ފޭސް 1 ފުރާލަމުން އެ ދަނީ ވިޔަފާރިވެރިންގެ މަންފާއަށް ލަގްޒަރީ ފްލެޓް އަޅާ ފުރާލަމުން. ގަސްތައް ކަނޑަމުން ކޮންކްރީޓް ޖަންގައްޔަކަށް ބަދަލު ކުރަމުން ދާއިރު އޮފީސް އިމާރާތް ހުންނަން ވާނެ. ރައީސް މައުމޫންގެ ވެރިކަމުގައި މާލޭގައި އަޅާފައި ހުރި ކަހަލަ އިސްލާމީ މަރުކަޒެއް ފޭސް1 ގައި އަޅަން ޖެހޭ.
ސޭޑް ސޭޑް
21 December 2025
ދިސް އިޒް ސޯ ސޭޑް. ވަޓް އިސް ހެޕަނިން ޓު ހުޅުމާލެ. އަނަދަރ ކޮންކްރީޓް ޖަންގަލް؟
މޯލްޑިވްސް 2.0-
22 December 2025
ކުލީގެ އަޅަކަށް އެ ހަދާލަނީ