ރާއްޖެއަށް އެންމެ ގިނައިން ވޭޕް އެތެރެކުރަނީ މެލޭޝިއާ އިން ކަމަށާއި އެ ތަކެތި އެތެރެކޮށްގެން ކުރި ޖޫރިމަނާ 600 މިލިއަނަށް ވުރެ ގިނަ ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކައިފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ފޮނުވި ސުވާލުތަކަށް ކަސްޓަމްސް އިން އިއްޔެ ދިން ޖަވާބުގައި ބުނީ ވޭޕް މަނާކުރި ފަހުން މިދިޔަ އޮކްޓޯބަރު 31 ގެ ނިޔަލަށް 169 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި ކުރި ޖޫރިމަނާގެ އަދަދު 551،010،000ރ. އަށް އަރާފައިވާ ކަމަށް ބުންޏެވެ.
ކަސްޓަމްސް އިން މައުލޫމާތު ހިއްސާކުރި މުއްދަތުގެ ފަހުން، 100 މިލިއަނަށް ވުރެ ބޮޑު ޖޫރިމަނާއެއް އަރާ ވޭޕް ޝިޕްމަންޓެއް ހިފަހައްޓާފައި ވާތީ ޖުމްލަ ޖޫރިމަނާ 600 މިލިއަނަށްވުރެ އިތުރުވާނެ ކަމަށް، ކަސްޓަމްސް އިން ހާމަކޮށްފައިވާ މައުލޫމާތަށް ބެލުމުން އެނގެ އެވެ.
މިހާތަނަށް އެންމެ ގިނައިން ވޭޕް އަތުލައިގެންފައިވަނީ މެލޭޝިއާ އިން ރާއްޖެ އައި މީހުންގެ އަތުން ކަމަށް ވާއިރު 100 މިލިއަނަށް ވުރެ ބޮޑު ޖޫރިމަނާއެއް އަރާ ޝިޕްމަންޓަކީ 10،800 ވޭޕް ހިމެނޭ ޝިޕްމަންޓެކެވެ. މި މަހުގެ 10 ވަނަ ދުވަހު އެތެރެކުރި އެ ޝިޕްމަންޓުގެ އަގު 2.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ވޭޕް އެތެރެކުރުމާއި އެ ބޭނުންކުރުން މިދިޔަ ޑިސެމްބަރު 15 އިން ފެށިގެން ވަނީ މަނާވެފަ އެވެ.
ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.
އެ ރޭޓުން، ވޭޕްގެ އެންމެ ބޮޑު ޝިޕްމަންޓު ގެނައި "ސެރެނިޓީ ބްލޫ" ކުންފުންޏަށް 108،000،000ރ. ގެ ޖޫރިމަނާއެއް އަރާނެ އެވެ. އެހެންވެ، މިހާތަނަށް ކުރި ވޭޕްގެ ޖޫރިމަނާ 659،010،000ރ. އަށް އަރާނެ އެވެ.
ދެ ވަނައަށް އެންމެ ބޮޑު ޖޫރިމަނާއެއް ކޮށްފައިވަނީ 7،210 ވޭޕް ގެނައި މައްސަލައިގައި ހިމެނޭ މީހެކެވެ. އޭނާ ޖޫރިމަނާކޮށްފައިވަނީ 72.1 މިލިއަން ރުފިޔާއިންނެވެ.
ކަސްޓަމްސް އިން އެންމެ ފަހުން ހިއްސާކުރި މައުލޫމާތުތައް ދައްކާ ގޮތުން، މިދިޔަ އޮގަސްޓް މަހާ ހަމައަށް ވޭޕްގެ ޖޫރިމަނާ ހުރީ 400،460،000ރ. ގަ އެވެ. ނަމަވެސް، ހަތަރު މަސް ދުވަހުގެ ތެރޭގައި އެ އަދަދަށް ވަނީ 258،550،000ރ. އިތުރުވެފަ އެވެ.
ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރަން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ވިޔަފާރި ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް ވަނީ ކަނޑައަޅައިފަ އެވެ.