ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީގެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓަށް އެދި ހުށަހެޅި 700 އަށްވުރެ ގިނަ މީހުން ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު ފަލާހު "މިހާރު"އަށް ވިދާޅުވީ އެ ދެ އިންތިހާބަށް ޕާޓީގެ ޓިކެޓު ހޯދަން 706 މީހުން ކުރިމަތިލި ކަމަށެވެ. އެއީ ކައުންސިލް އިންތިހާބަށް 506 އަދި އަންހެނުންގެ ކޮމެޓީއަށް 196 މީހުންނެވެ.

އޭގެ ތެރެއިން، ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރަނީ 129 މީހުންނެވެ. އަންހެނުންގެ ކޮމެޓީތަކުން ޕްރައިމަރީގައި 23 މީހުން ވާދަކުރާނެ އެވެ. އަދި ދެން ބާކީ ތިބި ކެންޑިޑޭޓުންނަށް ޕްރައިމަރީއަކާ ނުލައި ވަނީ ޓިކެޓް ލިބިފަ އެވެ.

ނަމަވެސް އަންނަ އަހަރުގެ އޭޕްރީލް މަހު ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް ޖުމްލަ 1،362 މީހުން އިންތިހާބު ކުރަންޖެހެ އެވެ.

ފަލާހު ވިދާޅުވީ ސިޓީތައް ހިމެނޭ ގޮތަށް ބޮޑެތި ހުރިހާ ރަށަކުން މީހުން މަގާމުތަކަށް ކުރިމަތިލާފައިވާ ކަމަށެވެ. އަދި ކެންޑިޑޭޓުން ނުލިބޭ ރަށްރަށުން ވެސް، އިންތިހާބުގައި ވާދަކުރާނެ މީހުން ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފަލާހު ވިދާޅުވި އެވެ.

"އިންތިހާބުގައި ވާދަކުރަން ޝައުގުވެރިވާ މީހުން ހޯދައި ވާހަކަ ދައްކަމުން މި އަންނަނީ." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެ ހުރިހާ މަސައްކަތެއް ނިންމައި، ގިނަ ދާއިރާތަކަށް އެމްޑީޕީގެ ޓިކެޓުގައި ކެންޑިޑޭޓުން ވާދަކުރާނެ ކަމަށެވެ.

ވެރިކަން ކުރާ ޕާޓީ ޕީއެންސީން އަންނަނީ އަންނަ ހޮނިހިރު ދުވަހު ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެ ޕާޓީގެ ޕްރައިމަރީގައި 300 އެއްހާ ކެންޑިޑޭޓުން ވާދަކުރާނެ އެވެ.