ވައްކަމެއް ކުރި ކަމަށް ތުހުމަތު ކުރެވުނު މީހަކަށް ބަޔަކު އަނިޔާކޮށް މޫދަށް އެއްލައިލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފި އެވެ.
ރޭ އާއްމުކޮށްފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި ގިނަ ބައެއްގެ އަތްދަށުވެ، އަމިއްލަ ދިފާއުގައި މާބޮޑު ކަމެއް ނުކޮށް ހުރި އެމީހާ ބިންމައްޗަށް ވައްޓާލައިގެން ބައެއް މީހުން ތެޅި އެވެ. ސޭފްޓީ ބޫޓަކަށް އަރައިގެން ހުރި މީހަކު، ވައްކަންކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާގެ އަތަށް އަރައި ފިއްތާލާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ.
ހުސްގަޔާ ހުރި އެ ދިވެހި މީހާ މޫދަށް ވައްޓާލަން ގެންދިޔައީ ވީޑިއޯ އިން ފެންނަ ގޮތުގައި ބިންމަތީގައި ދަމައިފަ އެވެ.
ފުލުހުން ރޭ ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް ފުލުހުންގެ ސަމާލުކަމަށް އައުމުން އެކަން ބަލަމުން އަންނަ ކަމަށެވެ.