އުމުރުން 44 އަހަރުގެ މުޝްރިފް އަލީ އަކީ އާ މޫނަކަށް ވެދާނެ އެވެ. ނަމަވެސް އައްޑޫ ހިތަދު އަށް އުފަން މުޝްރިފް ގަބޫލުކުރައްވަނީ މިއަދު އައްޑޫގައި ތިބި ސިޔާސީ މީހުންނެކޭ އެއްހަމައިގައި އޭނާއަށް ދަތުރު ކުރެވިދާނެ ކަމެވެ. ސިޔާސީ ދާއިރާއަށް ނުކުމެ ތިބި މީހުން އެ ހިސާބަށް އައީ ކޮންމެވެސް ހިސާބަކުން ފަށައިގެން ކަަމަށް ވާތީ މިއީ މުޝްރިފްގެ ސިޔާސީ ކެރިއަރު ފަށަންޖެހޭ ވަގުތު ކަމަށް ވިސްނުނީ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ފިޔަވައި އެންމެ ގިނަ މީހުންގެ ފޯކަސް ހުއްޓޭނީ އައްޑޫގެ މޭޔަރުގެ ގޮނޑި ކާމިޔާބު ކުރައްވާ ބޭފުޅަކަށެވެ. ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓު ހޯއްދަވަން މުޝްރިފް ވަނީ މަސައްކަތް ފައްޓަވައިފަ އެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕީއެންސީގެ ޕްރައިމަރީގައި އައްޑޫގެ މޭޔަރުގެ ޓިކެޓު ހޯއްދަވަން އޭނާ ނުކުންނެވީ އެ ސިޓީގެ މިހާރުގެ "ނިކަމެތި" ހާލަތު އެނގިވަޑައިގެން ހުންނަވައިގެންނެވެ. ފުރަތަމަ ފަހަރަށް އިންތިހާބީ މަގާމަކަށް ވާދަކުރައްވަނީ ތަފާތެއް ދެއްކިދާނެ ކަމަށް ގަބޫލުކުރެއްވޭތީ އެވެ.
އައްޑޫގެ ޓޫރިޒަމްގެ ތަރައްގީއޭ ކިޔާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެކަމަކު، ޓޫރިޒަމްގެ ބޭނުން އެންމެ ރަނގަޅަށް ހިފައިގެން، އައްޑޫ މީހުންގެ ޖީބަށް ފައިސާ ވަންނާނެ ގޮތެއް މިހާތަނަށް ބަޔަކަށް ހޯދައި ދެވިފައިވާ ތަނެއް މުޝްރިފަށް ފެނިވަޑައެއް ނުގަތެވެ. ސަރުކާރާ ގުޅިގެން މަސައްކަތްކުރާ ތަނެއް ނުފެނެ އެވެ. ސަރުކާރު ހިންގާ ޕާޓީގެ އިދިކޮޅު ފިކުރުގެ ބަޔަކު ކައުންސިލްގައި ތިބި ނަމަ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެވޭނެ ވިސްނުން ކުރިއަށް ނެރުއްވާ ކައުންސިލަރުންތަކެއް ނުފެނުނެވެ.
"އައްޑުއަކީ އައްޑޫ މީހުންނަށް ހިތްފަސޭހަ ސިޓީއަކަށް ބަދަލުވާން އެބަޖެހޭ. ހިތްފަސޭހަވާނެ އެއް ކަމަކީ މީހާގެ ޖީބަށް ފައިސާ ވަންނާނެ ގޮތެއް ހޯދައި ދިނުން. މި ސިޓީގައި ބައިވަރު ޒުވާނުން އެބަތިބި. އެކަމަކު އެ ޒުވާނުންނަށް ގޮތެއް ހޯދައިދޭން މަސައްކަތް ކުރީ ކޮން ބައެއް؟ އެއެއް ނުފެނޭ. އަޅުގަނޑުގެ އަމާޒަކީ ޒުވާނުން މެދުވެރިކޮށް އައްޑޫގެ ތަރައްގީ ސަރުކާރާ ގުޅިގެން ކުރިއަށް ގެންގޮސްދިނުން،" މުޝްރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އައްޑުއަކީ އިގްތިސާދީ ހަބެކޭ ކިޔުމުގެ ބަދަލުގައި މިހާރު އެންމެން ބޭނުންވަނީ ނަތީޖާ ކަމަށެވެ. އެކަމަކު، އައްޑޫގެ އެންމެ އިސް އިދާރާ އައްޑޫ ސިޓީ ކައުންސިލް ހިންގަވަން ތިއްބެވި އިސްވެރިންގެ ސަބަބުން އެކަން ވެސް ނުފެންނަ ކަމަށް މުޝްރިފް ވިދާޅުވި އެވެ.
"އެހެންވެ އައްޑޫގެ ރައްޔިތުން ތިބީ ބަދަލަކަށް ވަރަށް ބޮޑަށް ބޭނުންވެފައި. އެކަން ދެން ވަރަށް ސާފު. ކައުންސިލްގެ ހިދުމަތްތައް ވަރަށް ބޮޑަށް ލަސްވުން ފަދަ ކަންކަމާ ހެދި ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި،" އައްޑޫ ސިޓީ ކައުންސިލް އިދާރާގަ އާއި ގދ. ފިޔޯރީ ކައުންސިލްގެ ކައުންސިލް އެގްޒެކެޓިވް އަދި އައްޑޫގައި ހިންގާ ސަރުކާރުގެ އެކިއެކި އިދާރާތަކުގައި މަސައްކަތް ކުރައްވާފައިވާ މުޝްރިފް ވިދާޅުވި އެވެ.
"މިހާރުގެ މޭޔަރު ނިޒާރު ބަދަލުކުރަން އެމްޑީޕީގެ މެމްބަރުން ވެސް ބޭނުންވޭ. ވަރަށް ބޮޑު އުންމީދަކާ އެކު މީހަކު މި އިންތިހާބު ކުރަނީ. އެކަމަކު، ރައްޔިތުންނަށް ކަންކަން ކޮށްނުދެވުނީމާ ދެން ރައްޔިތުންގެ ފަރާތުން ބަދަލަކަށް އެދޭނެ. އެކަން އައްޑޫން މިހާރު އެބަފެނޭ."
މުޝްރިފަށް ފެނިވަޑައިގަންނަވާ އެންމެ ބޮޑު އެއް މައްސަލައަކީ ސަރުކާރާ އެކު، މަސައްކަތް ކުރެވޭނެ ގާބިލްކަން އައްޑޫގެ ބައެއް ވެރިންގެ ކިބައިގައި ނެތުމެވެ. އެންމެ އާދައިގެ ކަންތައްތަކަށް ބަލައިފި ނަމަ ޒުވާނުންނާއި ކުޑަކުދިން އެއްވެލާނެ ޒަމާނީ ފެންވަރުގެ ޕާކުތައް ނެތުމާއި ކުޅިވަރު ކުޅޭނެ ތަންތަން މަދުވުން ފަދަ ކަންކަން ހިމެނޭ ކަމަށް މުޝްރިފް ވިދާޅުވި އެވެ.
"މަޑުކޮށްލައިގެން ތިބޭނެ ރަނގަޅު ބަނދަރުތަކެއް ނެތް. ހަދާފައި ހުރި ބަނދަރުތަކެއް ވިއްޔާ ސާފުތާހިރުކަން އެހާ ކުޑަކަމުގެ ޝަކުވާ ބޮޑު. މި ހުންނަނީ އާދައިގެ ކަމެކޭ ބަޔަކު ހިތަށް އެރިޔަސް އައްޑޫ މީހުންނަށް ބޮޑެތި ކަންކަން. އައްޑޫ ހިންގަން ތިއްބެވި ބޭފުޅުންގެ ދުރުމުސްތަގުބަލުގެ ވިޝަނެއް ހުރި ނަމަ ކުރެވޭނެ ކަންކަން،" އޭނާ ވިދާޅުވި އެވެ.
މުޝްރިފް ވިދާޅުވި ގޮތުގައި، މިހާތަނަށް އައްޑޫ ސިޓީ ކައުންސިލުން ވެސް ކުރި ކަމަކީ އައްޑޫގެ އިގުތިސާދު ކުރިއަރުވަން އަމަލީ ގޮތުން މާ ބޮޑު މަސައްކަތްތަކެއް ނުކޮށް، "ހުސް ބަޔާން ނެރުން" ކަމަށެވެ. ސަރުކާރުގެ ދޮރުގައި "ޓަކިޖަހައި" އައްޑުއަށް ކަމެއް ކުރަން މަގުފަހި ކުރުމުގެ ސިކުނޑިތަކެއް މިހާތަނަށް ނުފެނުނު ކަމަށް ވިދާޅުވި އެވެ.
"އެންމެން ވެސް މި ކިޔަނީ ވަރަށް ބްރިލިއަންޓް މައިންޑުގެ ބައެކޭ އައްޑޫ މީހުންނަކީ. އެހެން ކިޔާފައި ޗިޕު ޖަހައިގެން މި ތިބެނީ. އެކަމަކު އަޅުގަނޑުމެން މި ތިބީ ކައުންސިލް ލެވެލްގައި ކުރަންޖެހޭ އެތައް ކަމެއް ނުކުރެވި. ވަރަށް ސިމްޕަލް ކަމެއް، އައްޑޫގައި ކޮންމެ އަހަރަކު ގިނަ މުބާރާތްތަކެއް ރާވަންވީ ނޫންތޯ؟ އައްޑޫ މީހުންގެ ޖީބަށް ނޫންތޯ ފައިސާ ވަންނާނީ. އެކަމަކު މިހާ އާދައިގެ ކަމެއް ކުރުމުގެ ސިކުނޑިއެއް ވެސް އައްޑޫ ސިޓީ ކައުންސިލްގެ ވެރިންގެ ނެތް،" މުޝްރިފް ވިދާޅުވި އެވެ.
އޭނާ ވަނީ އައްޑޫ ސިޓީ ކައުންސިލްގެ އެކިއެކި މަގާމުތައް އެކި މުއްދަތަށް ފުރުއްވައިފަ އެވެ. އަދި ފިޔޯރީ ކައުންސިލް އެގްޒެކެޓިވްއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އެވެ. ކޮމްޕިއުޓާ ސައިންސުން މާސްޓާސް ހައްދަވާފައިވާ މުޝްރިފް އައްޑޫ ހައި ސްކޫލްގެ ޓީޗަރެއްގެ ގޮތުގައި އަދި އެމްއެންޔޫގައި ލެކްޗަރާއެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި އެވެ.
"އައްޑޫ މީހުންގެ ޖީބަށް ފައިސާ ވައްދާނެ އަމަލީ ގޮތްތަކެއް މިހާރު ބޭނުންވަނީ. ވަރަށް ގިނަ ދުވަހު ވާހަކަތައް ދެއްކެވިއްޖެ. އެއީ ހުސް ވާހަކަ. ނަތީޖާ ދެން ބޭނުމީ. އެ ކަމަށް އަޅުގަނޑު މި ނުކުތީ،"--- މުޝްރިފް
އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ޑިވެލޮޕްމަންޓު ސާވިސް ސެންޓަރުގައި އައްޑޫގައި އެންމެ އިސްވެރިއަކަށް މަސައްކަތް ކުރެއްވި ދުވަސްވަރު ކުދިކުދި ގިނަ ޕްރޮޖެކްޓުތައް ހިންގަވައި އޭގެ ތަޖުރިބާ ހޯއްދެވި އެވެ. އޭގެ ތެރެއިން އެތައް ބަޔަކާ ގުޅުން ބަދަހިވެ، ތަޖުރިބާތައް ހޯއްދެވި އެވެ.
ޕީއެންސީން ކީއްވެ؟
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓުގައި އައްޑޫގެ މޭޔަރުގެ މަގާމަށް ވާދަކުރައްވަން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ މުޝްރިފް ވިދާޅުވި ގޮތުގައި، އެ ސިޓީގެ ތަރައްގީ އަށް ވީހާ ވެސް ބޮޑަށް ފޯކަސް ކުރުމެވެ. ތަރައްގީގެ ގިނަ ކަންކަން އައްޑޫގައި ހިންގަން ސަރުކާރުން ބޭނުންވާއިރު ޕީއެންސީއާ ގުޅިގެން އެކަން ހާސިލް ވެދާނެ ކަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"ޕީއެންސީގެ ފްރަންޓްލައިނަށް ނުނިކުތަސް އެ ޕާޓީ އުފެދުނީއްސުރެ ޕީއެންސީގެ ތެރޭގައި މިއުޅެނީ. ފަހަތުގައި ހުރެގެން ވަރަށް ގިނަ ކަންކަން ޕާޓީއަށް އެބަ ކޮށްދެވޭ. އެހެން ހުރެ ބަލާއިރު ޕީއެންސީއާ ގުޅިގެން ވަރަށް ގިނަ ކަންކަން އައްޑު އަަށް ކޮށްދެވޭނެ ކަން އެބަ އެނގޭ،" މުޝްރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރުން ގިނަ މަޝްރޫއުތަކެއް އައްޑު އަށް އަމާޒު ކޮށްފައިވާތީ އެ ސިޓީގެ މީހުންނަށް ކަމެއް ކޮށްދެވެން އޮތީ ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރައްވައިގެން ކަަމަށެވެ.
"އައްޑޫ މީހުންގެ ޖީބަށް ފައިސާ ވައްދާނެ އަމަލީ ގޮތްތަކެއް މިހާރު ބޭނުންވަނީ. ވަރަށް ގިނަ ދުވަހު ވާހަކަތައް ދެއްކެވިއްޖެ. އެއީ ހުސް ވާހަކަ. ނަތީޖާ ދެން ބޭނުމީ. އެ ކަމަށް އަޅުގަނޑު މި ނުކުތީ،" މުޝްރިފް ވިދާޅުވި އެވެ.
ނޯޓް: މިއީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް، ވިޔަފާރި އުސޫލުން ޝާއިއުކޮށްފައިވާ ލިޔުމެކެވެ