ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ފަރާތުން އައްޑޫގެ މޭޔަރު ކަމަށް ކުރިމަތިލާން އެ ޕާޓީގެ ޓިކެޓު ހޯދަން ޕްރައިމަރީގައި ވާދަކުރަން ހުށަހެޅުއްވި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު އަދީލް ނަސީރު އޭނާގެ ނަން އަނބުރާ މިއަދު ގެންދަވައިފި އެވެ.

ޕީއެންސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އަދީލް އަމިއްލަ އަށް ބޭނުންވެގެން އޭނާގެ ނަން މިއަދު ހަވީރު އަނބުރާ ގެންދަވާފައިވާ ކަމަށެވެ. ނަމަވެސް އަދީލްގެ ގާތް މީހުން ބުނި ގޮތުގައި، ޕްރައިމަރީގައި ކެމްޕެއިންތަކެއް ކުރެއްވުމަށް ފަހު، ނަން އަނބުރާ ނެންގެވީ ޕާޓީގެ ބައެއް އިސްވެރިންގެ އެދިވަޑައިގަތުމަކަށެވެ.

އަދީލްގެ ނަން އަނބުރާ ގެންދެވުމާ އެކު، ޕީއެންސީގެ ޓިކެޓުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އައްޑޫގެ މޭޔަރުކަމަށް ވާދަކުރުމުގެ ޓިކެޓު ދެން ހުންނެވި ކެންޑިޑޭޓް މުޝްރިފް އަލީ އަށް ވަނީ ލިބިފަ އެވެ. އެހެންވެ، ޕީއެންސީގެ އައްޑޫގެ މޭޔަރުގެ ޕްރައިމަރީއެއް މާދަމާ ނޯންނާނެ އެވެ.

އައްޑޫ ޝަރަފުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އަދީލް އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ، އައްޑޫގެ ހާލަތު ބަދަލު ކުރުމަށްޓަކައި ޕީއެންސީގެ ތެރެއިން އެ ފުރުސަތު ހޯދުމަށް ކުރެއްވި މަސައްކަތުން އެނގިވަޑައިގަތީ އެ ޕާޓީގެ އައްޑޫގެ މެންބަރުން ވެސް ތިބީ އެ ފުރުސަތު ދިނުމަށް ކެތްމަދުވެފައިކަން ކަަމަށެވެ.

"ނަމަވެސް ކީރިތި ﷲ މިވަގުތު އަޅުގަނޑަށް މިންވަރު ކުރެއްވި ގޮތާ މެދު އެ އިލާހަށް އިންތިހާ އަށް ހަމްދު ކުރާ ހާލު، އަޅުގަނޑަށް ތާއީދު ކުރައްވާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. އަދި އެންމެހާ ރައްޔިތުންނާ އެކު އައްޑޫގެ ތަރައްގީގެ މަސައްކަތުގައި އަޒުމު ވަރުގަދަކޮށް އަޅުގަނޑު ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވަން،" އަދީލް ވިދާޅުވި އެވެ.

އަދީލް ވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންމޭޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އަދި އޭގެ ކުރިން 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރެއްވި އެވެ. އެކަމަކު، އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ނާޒިލް އެވެ.

ޕީއެންސީން ބުނި ގޮތުގައި، އެ ޕާޓީގެ ޕްރައިމަރީގައި 300 އެއްހާ ކެންޑިޑޭޓުން ވާދަކުރެ އެވެ.

އިންތިހާބަށް ޕީއެންސީން ކަނޑައަޅާފައިވާ މެނޭޖަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު "މިހާރު" އަށް ކުރިން ވިދާޅުވި ގޮތުގައި، ހުރިހާ ދާއިރާއަކަށް އެ ޕާޓީގެ ކެންޑިޑޭޓުން ވާދަކުރެ އެވެ. އަދި ޕްރައިމަރީއަކަށް ނުގޮސް، ޓިކެޓު ލިބުނު ކެންޑިޑޭޓުންނަށް ޕޯޓަލްއިން އެކަން އެނގޭނެ އެވެ.

ޕީއެންސީން މި ފަހަރު ނިންމާފައި ވަނީ އެ މީހަކު ނިސްބަތްވާ ރަށެއްގައި އެކަނި ޕްރައިމަރީގެ ވޯޓުލުން ބާއްވާށެވެ.

ހުރިހާ ދާއިރާއަކަށް ޕީއެންސީން ކެންޑިޑޭޓުން ނެރޭއިރު 26،000 މީހުން ޕްރައިމަރީގައި ވޯޓުލާނެ ކަމަށް ޕީއެންސީން ލަފާކުރެ އެވެ.

އަންނަ އަހަރު އޭޕްރީލް ހަތަރެއްގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުން ޖުމްލަ 1،362 މީހަކު މަގާމުތަކަށް އިންތިހާބުކުރާނެ އެވެ.