ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އާއްމުކޮށް، ޝަކުވާއަށް މިރޭ ހުޅުވާލައިފި އެވެ.

ވެރިކަން ކުރާ ޕާޓީން ނެރުނު އިއުލާނެއްގައިވާ ގޮތުން، އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރާނެ އެވެ. އެއީ ކައުންސިލްތަކަށް 183 އަދި އަންހެނުންގެ ކޮމިޓީތަކަށް 121 މީހުންނެވެ.

ޕީއެންސީން ވަނީ ޕްރައިމަރީއާ ގުޅޭ ޝަކުވާއެއް އޮތް ނަމަ، އެކަމަށް ހާއްސަ ކޮށްފައިވާ ނަމްބަރު 9323686 އަށް ގުޅައި އެކަން ހިއްސާކުރަން އެދިފަ އެވެ.

އިންތިހާބަށް ޕީއެންސީން ކަނޑައަޅާފައިވާ މެނޭޖަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު "މިހާރު" އަށް ވިދާޅުވީ، ހުރިހާ ދާއިރާއަކަށް އެ ޕާޓީގެ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށެވެ. އަދި ޕްރައިމަރީއަކަށް ނުގޮސް، ޓިކެޓު ލިބުނު ކެންޑިޑޭޓުންނަށް ޕޯޓަލް އިން އެކަން ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެެވެ.

ޕީއެންސީން މި ފަހަރު ނިންމާފައި ވަނީ އެ މީހަކު ނިސްބަތްވާ ރަށެއްގައި ޕްރައިމަރީގެ ވޯޓުލުން ބާއްވާށެވެ.

"އެހެންވެ، ވަކި އެހެން ރަށެއްގެ ވޯޓުފޮއްޓެއް މާލެއަކު މި ފަހަރު ނުހުންނާނެ. އެ ބޭފުޅަކު ނިސްބަތްވާ ރަށަކަށް ވަޑައިގެންފައި ޕްރައިމަރީގައި ވޯޓުލާނީ،" ފަލާހު ވިދާޅުވި އެވެ.

ހުރިހާ ދާއިރާއަކަށް ޕީއެންސީން ކެންޑިޑޭޓުން ނެރޭއިރު 26،000 މީހުން ޕްރައިމަރީގައި ވޯޓުލާނެ ކަމަށް ޕީއެންސީން ލަފާކުރެ އެވެ.

އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލު އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބުކުރާނީ، ކޮންމެ ތަނަކަށް 681 މީހުންނެވެ. އެއީ، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުންނެވެ.

އިދިކޮޅު އެމްޑީޕީން ވެސް ވަނީ ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އަންނަ މަހުގެ 16 ގައި ބާއްވަން ތައްޔާރުވަމުންނެވެ. އެ ޕާޓީގެ ޕްރައިމަރީގައި 125 ކެންޑިޑޭޓުން ވާދަކުރާނެ އެވެ.