ހއ. ހޯރަފުށީ އެއާޕޯޓުގައި ހުންނަ ގައުމީ އެއާލައިން މޯލްޑިވިއަންގެ އޮފީސް ފަޅާލައި އެ ތަނުން މިއަދު ވައްކަން ކޮށްފި އެވެ.

ފުލުހުން ބުނީ ހޯރަފުށީގެ މޯލްޑިވިއަން އެއާލައިންގެ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، އެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލައެއްގެ ރިޕޯޓު ރޭ ފަތިހު ހަތަރެއް ޖަހަނިކޮށް ލިބިފައިވާ ކަމަށެވެ.

"މިހާތަނަށް ބެލިބެލުމުން އެ އޮފީހުން ވަގަށް ނަގާފައި ވަނީ ކާގޯ ދެ ފޮށިގަނޑުކަން އެނގިފައިވޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހޯރަފުށިން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށުގެ އެއާޕޯޓުގައި ހުންނަ މޯލްޑިވިއަން އެއާލައިންގެ އޮފީސް ފަޅާލައި ވައްކަން ކުރި މީހާ ހުރީ މޫނު ނިވާކޮށްގެން ކަމަށެވެ. ނަމަވެސް، އޭނާ ވަގަށް ގެންދިޔަ ފޮށިގަނޑުތަކުގައި ހުރީ ކޯޗެއްކަން އަދި ޔަގީން ނުވާ ކަމަށް ބުންޏެވެ.