މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދި މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ފުލުހުންގެ ބުނީ މއ. ގުލްޝަންކިނާރާ، އަހުމަދު އިރުފާލް، މިދިޔަ ބުދަ ދުވަހު ހައްޔަރުކުރީ މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމަށް ކަމަށް ބުނެ ހުށަހަޅާފައިވާ ނުވަ މައްސަލައެއްގައި ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެ އެވެ.
ފުލުހުން ބުނީ މިދިޔަ މެއި މަހުން ފެށިގެން އެކި މީހުންގެ އަތުން އިރުފާލް 50،000 އަށްވުރެ ގިނަ ރުފިޔާ ހޯދައި، އޭނާގެ ނަމުގައި ދެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓްތަކަށް އެ ފައިސާ ޖަމާ ކުރުމަށްފަހު އެ ފައިސާތައް ނަގާފައިވާ ކަމަށެވެ. މި މައްސަލަ އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުގީގު ކުރަމުންނެވެ.
އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ނެގުމުގެ ގިނަ މައްސަލަތަކެއްގައި މީގެކުރިން ވެސް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.