އަންނަ މަހު ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އިންޑޯ އެރީނާގެ ތަމްރީނުތަކަށް ގައުމީ ފިރިހެން ފުޓްސަލް ޓީމަށް ޗައިނާގެ ޓްރޭނިން ކޭމެޕެއް ހަމަޖައްސައިފި އެވެ.
ފުޓްސަލްއަކީ އިންޑޯ ގޭމެކެވެ. ރާއްޖޭގައި އެ ގޭމްގެ މަގުބޫލުކަން ބޮޑުވި ނަމަވެސް ފުޓްސަލް އަށް ހާއްސަ އެރީނާއެއް ރާއްޖޭގައި ނެތެވެ.
އުޒްބެކިސްތާނުގެ ކޯޗު ފާރޫކް ޒަކިރޯވްގެ ބެލުމުގެދަށުން ގައުމީ ފިރިހެން ޓީމުން ތަމްރީނު ހަދަނީ ހުޅުމާލޭ ރެހެންދި ސްކޫލާ ޖެހިގެން އޮންނަ މިނީ ޓާފް ދަނޑުގަ އެވެ.
ގައުމީ ޓީމުން ޗައިނާގެ ޓްރޭނިން ކޭމްޕަށް ދަނީ އެ ދަނޑުގައި ގާތްގަނޑަކަށް އެއްމަސްދުވަހު ޕްރެކްޓިސް ކުރުމަށް ފަހު އެވެ.
ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމަށް ޓްރޭނިން ކޭމްޕް ހަމަޖައްސައި ދިނުމުގައި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ އާއި އެ ގައުމުގެ ފުޓްބޯޅަ އިދާރާއިން އަދާކުރި ދައުރު އެފްއޭއެމުން ފާހަގަ ކުރި އެވެ. ޗައިނާ އެމަބަސީގެ ޗާޖްޑި އެފެއާޒް، ހީ ފެން ވަނީ ގައުމީ ފުޓްސަލް ޓީމާ ބައްދަލު ކުރައްވައިފަ އެވެ.
ޓީމު ޗައިނާ އަށް ދާން މާދަމާ ފުރާނެ އެވެ. ރާއްޖެ ނައިސް، ޓީމު ތައިލެންޑަށް ދާނީ ޗައިނާ މަގުންނެވެ. ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް މުބާރާތް ކުރިއަށް ގެންދާނީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގަ އެވެ.
ސާފް ފުޓްސަލް މުބާރާތް ކުރިއަށްދާނީ އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަން އެކުއެކީގަ އެވެ. ރާއްޖޭގެ އަންހެން ޓީމުން ވެސް މިހާރު ވަނީ މުބާރާތަށް ތައްޔާރުވާން ޕްރެކްޓިސް ފަށާފަ އެވެ. ގައުމީ އަންހެން ޓީމަށް ބޭރުގެ ޓްރޭނިން ކޭމްޕެއް އަދި މިހާތަނަށް އެފްއޭއެމުން ހަމަޖައްސާފައެއް ނުވެ އެވެ.
ޖެނުއަރީ 13-26 އަށް ކުރިއަށްގެންދާ މުބާރާތް ފަށާނީ ރާއްޖެ އާއި އިންޑިއާގެ އަންހެން ޓީމުގެ މެޗުންނެވެ. ފިރިހެން ޑިވިޝަނުގައި ރާއްޖޭން ފުރަތަމަ ނުކުންނަން ޖެހޭނީ ޕާކިސްތާނާ ދެކޮޅަށެވެ.
ސާފްގެ ފުޓްސަލް މުބާރާތް ތައިލެންޑްގައި، ކީއްވެ؟
ސާފް ސަރަހައްދުން ބޭރުގައި ބާއްވާތީ ސަރަހައްދުގެ މީޑީއާތަކުން އެ ސުވާލު ފެންމަތި ކުރި އެވެ. ސާފްގެ ސެކްރެޓަރީ ޖެނަރަލް ޕުރުތޯޝަމް ކަޓޭލް ވިދާޅުވެފައި ވަނީ ފުޓްސަލް އާއި ބީޗް ސޮކާ އަށް ދެކުނު އޭޝިއާގައި އެކަށީގެންވާ ވަސީލަތް ނެތް ކަމަށެވެ.
މި ދާއިރާތަކުން [ފުޓްސަލް އާއި ބީޗް ސޮކާގައި] ދެކުނު އޭޝިއާ ވަނީ އެހެން ސަރަހައްދުތަކަށް ވުރެ ފަހަތުގައި،" ޕުރުތޯޝަމް ކަޓޭލް ވިދާޅުވެފައި ވެއެވެ.
"އަޅުގަނޑުމެންނަށް ފާހަގަވެފައި ވަނީ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު ފުޓްސަލްގައި ހަރަކާތްތެރިވާ އޮފިޝަލުން މި ސަރަހައްދުން ލިބުމުގެ ދަތިކަމެއް ވެސް އުޅޭކަން، އެހެންވެ އަޅުގަނޑުމެންގެ ސަރަހައްދުގައި ފުޓްސަލް ތަރައްގީ ކުރަން ފެށުމަކީ ވަރަށް މުހިންމު ކަމެއް."