މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓު ދޭއިރު، އެޕްލިކޭޝަން ހުށަހަޅާ މީހާގެ ދިރިއުޅުމުގެ ހާލަތަށް ބަލައި ޝަރުތު ހަމަވަނީ ކިތައް ކޮޓަރީގެ ފްލެޓަށް ކަން ނިންމާނީ ހައުސިން މިނިސްޓްރީން ކަމަށް، މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދޫކުރުމުގެ އުސޫލުގައި ބުނެފި އެވެ.

ހައުސިން މިނިސްްޓްރީން މިއަދު އާންމުކުރި މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދޫކުރުމުގެ އުސޫލުގައި ބުނީ އެޕްލިކޭޝަން ހުށަހަޅާއިރު ދޭއް ނުވަތަ ތިން ކޮޓަރީގެ ފްލެޓުގެ ތެރެއިން ބޭނުންވަނީ ކިތައް ކޮޓަރީގެ ފްލެޓެއް ކަން ބަޔާންކުރުމުގެ ފުރުސަތު އެޕްލިކަންޓަށް ލިބޭނެ ކަމަށެވެ.

ނަމަވެސް، އެޕްލިކަންޓަށް ލިބޭނީ ކިތައް ކޮޓަރީގެ ފްލެޓެއް ކަން ނިންމާނީ އިވެލުއޭޝަން މަރުހަލާ ނިންމުމަށް ފަހު މިނިސްޓްރީން ކަމަށް އެ އުސޫލުގައި ބުންޏެވެ.

އުސޫލް މިފަހަރު އެކުލަވާލާފައި އޮތީ، މާލޭގައި ދިރިއުޅޭތާ ގިނަ އަހަރުވީ މީހުންނަށް ޕޮއިންޓް ގިނަވާ ގޮތަށެވެ. އަދި ދެ ޖިންސުގެ ދަރިން ތިބި ނަމަ ޕޮއިންޓް ދިނުމުގައި އިސްލާހުތަކެއް ވަނީ ގެނެސްފަ އެވެ. އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރުވާ ގޮތަށް ހުޅުވާލާ މި ސްކީމްގައި، ކުރިމަތިލެވޭނީ ވެސް އެއްވެސް ބޯހިޔާވަހިކަމެއް ނެތް މީހުންނަށެވެ. އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަ ވެސް ކުރިމައްޗެއް ނުލެވޭނެ އެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުގައި 7،500 ފްލެޓު އަޅަން ވަނީ ނިންމައިފަ އެވެ.

މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓް ދިނުމަށް މި ސަރުކާރުން ކަނޑައެޅި އުސޫލުގައި ފްލެޓް ދިނުމަށް ދެ ކެޓަގަރީއެއް ކަނޑައަޅާފައިވެ އެވެ. އެއީ، މާލެ ރަށްވެހިންގެ ކެޓަގަރީ އާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީ އެވެ.

ފްލެޓަށް އެދޭ މީހުންގެ އަސާސީ ޝަރުތުތައް

• ދިވެއްސަކަށް ވުން

• އުމުރުން 18 އަހަރު ވެފައި ވުން

• 400 އަކަ ފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯތިގެދޮރު މިލްކުވެފައި ނުވުން

• ރިއަލް އެސްޓޭޓް މާކެޓުން ހައުސިން ޔުނިޓެއް ގަނެފައި ނުވުން

• ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ ފައިސާ ދައްކަމުން ނުދިއުން

• ސަރުކާރުން ކުރިން ހިންގާފައިވާ ސްކީމަކުން ބޯހިޔާވަހިކަމެއް ތިމާއަށް ނުވަތަ ފިރިމީހާ/އަނބިމީހާއަށް ކުރިން ލިބިފައި ނެތުން.

މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓް ދޭނެ ދެ މޮޑެލްއެއް ވެސް އުސޫލުގައި ކަނޑައަޅާފައިވެ އެވެ. އެއީ، މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ތައާރަފުކޮށްފައިވާ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ދަށުން ދެ ގޮތަކަށް ދޭ ފްލެޓެވެ.

މޮޑެލް 1: އެފޯޑެބަލް ހޯމް އޯނާޝިޕް މޮޑެލް

މިއީ ޑިވެލޮޕަރުން/އިންވެސްޓަރުން ފައިނޭންސް ކޮށްގެން ބޭންކުތައް މެދުވެރިކޮށް ހިންގާ ހައުސިން މަޝްރޫއުތަކުގެ މޮޑެލް އެވެ. މި މޮޑެލްގެ ދަށުން ފްލެޓަށް ލިބޭނެ މީހުންނަކީ؛

• ފްލެޓަށް އެދި ހުށަހަޅާ މީހަކީ މާލީ އިދާރާއަކުން ދޫކުރާ ހައުސިން ފައިނޭންސް ފެސިލިޓީއަށް ޝަރުތު ހަމަވާ މީހުން

• ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ނުވަތަ މިލްކުކުރުމަށް އެދޭ މީހުން

މޮޑެލް 2: ރެންޓު-ޓު-އޯން މޮޑެލް

މިއީ، ބޭންކުތަކުން ފައިނޭންސް ކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކުގެ މޮޑެލް އެވެ. މި މޮޑެލްގެ ދަށުން ފްލެޓް ލިބޭނެ މީހުންނަކީ؛

• މަހަކު 60،000 އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުން

މި ސަރުކާރުގެ ހައުސިން ސްކީމް، މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ އިއުލާންކުރައްވައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވި ގޮތުގައި، 7،500 ފްލެޓް ދޭނީ "ރެންޓު-ޓު-އޯން މޮޑެލް"ގެ ދަށުންނެވެ.

މިނިސްޓްރީން ކުރިން ބުނި ގޮތުގައި، ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި ޕޮއިންޓް ދޭނީ ވީހާ ވެސް ބޮޑަކަށް ވެރިފައި ކުރެވޭނެ ގޮތަށެވެ. އަދި މައިގަނޑު ގޮތެއްގައި ޕޮއިންޓް ދޭނީ މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުނު މުއްދަތާއި އެ އާއިލާގެ ގެދޮރުވެރިކަމުގެ މިލްކުވެރިކަމާއި އުމުރުފުރާ އާއި އާއިލާގެ ހާލަތު ބަލައިގެންނެވެ. އާއިލާގެ ހާލަތު ބެލުމުގައި ދަރިންގެ އަދަދާއި ސިއްހީ ސަބަބުތަކާ ހެދި ދަރިން ނުލިބޭ ނަމަ އެކަމަށް ވެސް ބަލާނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ ގޮތުގައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 15،000 ގޯއްޗާއި 7،500 ފްލެޓް ދޫކުރާނެ އެވެ.

ސަރުކާރުން މިހާރު ވަނީ މި ސްކީމްގެ ދަށުން ގޯތި ދިނުމަށް 3،000 ފްލެޓް އަޅަން ގައުމީ ބޭންކް، ބީއެމްއެލްއަށް ހުޅުމާލެ 1 އާއި 2 އަދި ވިލިމާލެއިން ބިން ހަމަޖައްސައި ދީފަ އެވެ.