ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި އުމުރަށް ޖަލަށްލި ދެ މީހުން ޖަލު ހުކުމް ބާތިލްކުރުމަކީ ދެވޭ ގޯސް މެސެޖެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފި އެވެ.
ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގައި އޭޕްރީލް 2017 ގައި ތޫނު އެއްޗެހިން އޭނާ އަށް ހަމަލާދީ، މަރާލި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި ހުޅުމާލޭ ނަމްބަރު 11399 އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.
އެ މައްސަލާގައި ޖެނުއަރީ 2022 ގައި ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވީ ހައިޝަމާއި ޒިހާންގެ މައްޗަށެވެ. އެ ދެ މީހުން އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި ނަމަވެސް ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ވަނީ ސަލާމަތްވެފަ އެވެ.
އެ މައްސަލާގައި ހައި ކޯޓުން މިއަދު ކުރި އަމުރުގައި ވަނީ ޔާމީން މަރާލި މައްސަލާގައި އުމުރަށް ޖަލަށްލި މީހުންގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލުކޮށް އެ ދެ މީހުންނާއި އެ މައްސަލާގައި ކުށް ސާބިތު ނުވެ ސަލާމަތްވި އިތުރު ދެ މީހެއްގެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފަ އެވެ.
އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް، އެމްޖޭއޭ އިން ބުނީ އަލުން ޝަރީއަތް ކުރުމަށް އަމުރުކޮށް ތުހުމަތު ކުރެވޭ މީހުން މިނިވަން ކުރުމުން ދެވެނީ ގޯސް މެސެޖެއް ކަމަށެވެ. އަދި އެއީ ނޫސްވެރިންގެ ފުރާނައިގެ އަގެއް ނެތް ކަމާއި އިންސާފަށް ހުރަސް އެޅޭ ކަމެއްގެ ގޮތުގައި އެ ޖަމިއްޔާ އިން ބުންޏެވެ.
އެހެންވެ، އެމްޖޭއޭ އިން ވަނީ ތުހުމަތު ކުރެވޭ މީހުން މިނިވަންކަމާ އެކު، ދޫކޮށްލާފައި ތިބުމުގެ ބަދަލުގައި އިންސާފުވެރި ހުކުމެއް ކަށަވަރު ކުރުމަށް ގޮވާލައިފަ އެވެ. އަދި އަދަބު ނުލިބުމުގެ ސަގާފަތް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވެސް ނޫސްވެރިންގެ ދިފާއުގައި ވަކާލާތުކުރާ އެމްޖޭއޭ އިން ބުންޏެވެ.
ޔާމީންގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވި މީހުންގެ ތެރެއިން އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރިއިރު، ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވި ހައިޝަމާއި ޒިހާންގެ ވެސް ވަނީ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެލުމަށް ފަހު، ތިން ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުން ހުކުމް ކުރެއްވީ ހައިޝަމާއި ޒިހާންގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމަށެވެ. އަދި އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ވެސް އަލުން ބަލަން ހައި ކޯޓުން އެންގި އެވެ.
ހައިޝަމާއި ޒިހާންގެ ޖަލު ހުކުމް ބާތިލް ކުރުމުން އެ މީހުން ބަންދުން މިނިވަން ވާނެތީ، އެ މައްސަލަ ނިމެންދެން އެ މީހުން ބަންދުކުރަން ދައުލަތުން އެދުނެވެ. ނަމަވެސް ފަނޑިޔާރުން މަޝްވަރާ ކުރުމަށް ފަހު ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.