ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި އުމުރަށް ޖަލަށްލި ދެ މީހުންގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލުކުރުމުން އެ މީހުން މިނިވަންވެފައިވަނިކޮށް އެ ދެ މީހުން އަލުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ޔާމީން މަރާލީ ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި އޭޕްރީލް، 2017 ގައި ތޫނު އެއްޗެހިން އޭނާއަށް ހަމަލާދީގެންނެވެ.

އެ މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި ހުޅުމާލޭ ނަމްބަރު 11399 އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

އޭގެ ތެރެއިން 2022 ގައި ކުށް ސާބިތުވީ ހައިޝަމާއި ޒިހާންގެ މައްޗަށެވެ. އެ ދެ މީހުން އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި ނަމަވެސް ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ވަނީ ސަލާމަތްވެފަ އެވެ.

ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވި ހައިޝަމާއި ޒިހާންގެ ފަރާތުން އެ މީހުންގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކުރިއިރު އެ މައްސަލާގައި މިއަދު ކޯޓުން ކުރި އަމުރުގައި ވަނީ އެ މީހުންގެ ހުކުމް ބާތިލުކޮށް، އެ ދެ މީހުންނާއި އެ މައްސަލާގައި ކުށް ސާބިތު ނުވެ ސަލާމަތްވި މީހުންގެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފަ އެވެ.

އެ މީހުންގެ ޖަލު ހުކުމް ބާތިލުކުރުމުން އެ މީހުން ބަންދުން މިނިވަންވާނެތީ އެ މައްސަލަ ނިމެންދެން އެ މީހުން ބަންދުކުރުމަށް ދައުލަތުން އަޑުއެހުމުގައި އެދުނު ނަމަވެސް ފަނޑިޔާރުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުން އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ހައި ކޯޓުން އެ މީހުންގެ ހުކުމް ބާތިލުކުރަން ނިންމި މައްސަލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް، އެމްޖޭއޭ އިން ބުނީ އަލުން ޝަރީއަތް ކުރުމަށް އަމުރުކޮށް ތުހުމަތު ކުރެވޭ މީހުން މިނިވަން ކުރުމުން ދެވެނީ ގޯސް މެސެޖެއް ކަމަށެވެ. އަދި އެއީ ނޫސްވެރިންގެ ފުރާނައިގެ އަގެއް ނެތް ކަމާއި އިންސާފަށް ހުރަސް އެޅޭ ކަމެއްގެ ގޮތުގައި އެ ޖަމިއްޔާ އިން ބުންޏެވެ.