ރާއްޖޭގައި ދަރިވަރުންގެ ޔުނިފޯމު ހުންނަންވާނީ ގައުމުގެ މާހައުލާ ގުޅޭ ގޮތަށް ކަމަށާއި އެ ކުދިންގެ ކަރު ބެދޭ ގޮތަށް ޓައީ އެޅުމާއި ހެދުމުގެ މަތިން ކޯޓުލުމަކީ އެ ކުދިންނަށް ދެވޭ އަނިޔާއެއް ކަމަށް ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމަށް 2027 އިން ފެށިގެން ބަދަލު ގެންނަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. ޔުނިފޯމަށް ގެންނަ ބަދަލުގެ ދަށުން، ރަސްމީ ޔުނިފޯމުގެ މަތީބައި ނުވަތަ ގަމީސް ހުންނަން ޖެހޭނީ ހުދު، މަޑު ނޫ، ގަދަ ފެހި (ޓީލް ގްރީން) ނުވަތަ މަޑު ރަތް ކުލައިގަ އެވެ. ރަސްމީ ޔުނީފޯމުގެ ފަޓުލޫނު/ސްކާޓް/ސޯޓު ހުންނަން ޖެހޭނީ ކަޅު ނުވަތަ ގަދަ ނޫ ކުލައިން ކަމަށް އުސޫލުގައިވެ އެވެ.
އުސޫލުގައިވާ ގޮތުން ކީ ސްޓޭޖް 3 އަދި 4 ގެ ދަރިވަރުން ޔުނިފޯމާ އެކު ޓައީ އަޅާނީ ސްކޫލުން ބޭނުން ނަމަ އެވެެ. އެކަމަކު ކީ ސްޓޭޖް 5 ގެ ދަރިވަރުންނަށް ޓައީ އަކީ ޔުނިފޯމުގެ ބައެއްގެ ގޮތުގައި ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި ޓައީގައި އެ ސްކޫލެއްގެ ބެޖު ޖަހަން ޖެހެ އެވެ.
ކަރު ބެދޭ ގޮތަށް ޓައީ އެޅުމާއި ހެދުމުގެ މަތިން ސަދުރިޔާ (ވެސްޓް) އާއި ކޯޓުލުމަކީ ބޭރު ގައުމުތަކުގެ ފިނި ހިސާބުގައި ހެދުން އަޅާ ގޮތެކެވެ. މިރި ނުވެ ގަބުޅިއަށް ވާގޮތަށް، ނުވަތަ ޔަގީނުން ވެސް މާޔޫސްވާނޭ އުއްމީދުތަކެއް އުދަވާގޮތަށް، ކުޑަކުދީންނާ މެދު އަމަލުކުރުމަކީ އެ ކުދީންނަށް ދެވޭ އަނިޔާއެކެވެ
އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ހަސަން އޭނާގެ ބްލޮގުގައި ލިޔުއްވި ގޮތުގައި ވޭތުވެދިޔަ ދެތިން އަހަރު ތައުލީމަށް އައިސްފައިވާ އެންމެ ބޮޑު ކުރިއެރުމެއް އައީ ސްކޫލުތަކުގެ ޔުނިފޯމަށެވެ.
ހަސަން ވިދާޅުވީ ރާއްޖެއަކީ ހޫނު އަދި ޖައްވުގެ ތެތްކަން ބޮޑު ގައުމެއް ކަމަށާއި ރާއްޖޭގައި ދިރިއުޅޭ ދަރިވަރުންގެ ޔުނިފޯމު މި މާހައުލާ ގުޅެންޖެހޭނެ ކަމަށެެވެ.
"ކަރު ބެދޭ ގޮތަށް ޓައީ އެޅުމާއި ހެދުމުގެ މަތިން ސަދުރިޔާ (ވެސްޓް) އާއި ކޯޓުލުމަކީ ބޭރު ގައުމުތަކުގެ ފިނި ހިސާބުގައި ހެދުން އަޅާ ގޮތެކެވެ. މިރި ނުވެ ގަބުޅިއަށް ވާގޮތަށް، ނުވަތަ ޔަގީނުން ވެސް މާޔޫސްވާނޭ އުއްމީދުތަކެއް އުދަވާގޮތަށް، ކުޑަކުދީންނާ މެދު އަމަލުކުރުމަކީ އެ ކުދީންނަށް ދެވޭ އަނިޔާއެކެވެ،" ޔުނިފޯމަކީ ދަރިވަރުންގެ މެދުގައި ތަފާތުކުރުން ނައްތާލައި ހަމަހަމަ ބައެއްގެ ގޮތުގައި ރަމްޒުކުރުމަށް ލާ އެއްޗެއްކަން ފާހަގަކުރައްވާ ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި ޓައީ އެޅުމަކީ ޔުނިފޯމުގެ ސިޔާސަތުގެ މާއްދާއާ ފުށުއަރައި އޭގެ ރޫހާ ހިލާފުކަމެކެވެ. ގަވާއިދުގައިވާ ގޮތުން ޔުނިފޯމަށް ބަދަލު ގެންނަނީ ފަސޭހަކަމާ އެކު ހެލިފެލިވެ ގަޔަށް ފަސޭހަ ހެދުމެއް ހަމަޖެއްސުމެވެ. އެކަމަކު ކަރުގައި "މާނިޔަ މަހެއް" އައްސައިގެން ސްކޫލުގައި އުޅޭއިރު އެ މަގުސަދު ހާސިލުވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހަސަން ވިދާޅުވި އެވެ.
އަނެއް ކަމަކީ އާ އު ޔުނިފޯމުގެ އެއް ބޭނުމަކީ އަގުހެޔޮކޮށް ފަސޭހައިން ޔުނިފޯމު ލިބޭނޭ ގޮތް ހަމަޖެއްސުން ކަމަށް ގަވާއިދުގައި ވިޔަސް ޓައީއެއް އަޅާނަމަ، އަދި ޓައީގައި މަދަރުސާގެ ބެޖު ޖަހާ ނަމަ، ޓައި ނޭޅުމަށް ވުރެ ކުރަންޖެހޭ ހަރަދު ބޮޑުވާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
ޓައީއާ ދެކޮޅު އަނެއް ކަމެއްގެ ގޮތުގައި ހަސަން ފާހަގަކުރެއްވީ އިސްލާމީ ނަޒަރަކުން ފިރިހެނުންގެ ހެދުމާއި އަންހެނުންގެ ހެދުން ތަފާތުވާން ޖެހޭއިރު ގާތްގަނޑަކަށް މައްޗާއި ތިރި އެއްގޮތަކަށް ހުންނަ އަދި ފިރިހެނުން އަޅާ ކަހަލަ ޓައި އަންހެން ކުދިން އެޅުމަކީ ފާސިދު ކަމެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށް ލިޔުއްވި އެވެ. އަދި އަންހެން ކުދިން ޓައީ އަޅުވާ ނަމަ ޖަޕާނު ކަހަލަ ގައުމުތަކުގައި އަންހެން ކުދިން އަޅާ ކަހަލަ ޓައީ އަޅަން ފެންނަ ކަމަށް ވިދާޅުވި އެވެ.
ޓައީއާ މެދު އިންކާރު ކުރައްވާ އަނެއް ސަބަބުގެ ގޮތުގައި ހަސަން ވިދާޅުވީ ރާއްޖޭގެ މަދަރުސާތަކުގެ ކުދީންގެ ތެރެއިން ވަރަށް މަދު ބަޔަކަށް ނޫނީ ޓައީ އަޅައިގެން ވަޒީފާ އަދާކުރަން ފުރުސަތު ނުލިބުމެވެ. އަދި ޓައީ އެޅުމުގެ ސަބަބުން ބޮޑަށް ދާހިއްލައި، ކިޔެވުމަށް ދޭ ސަމާލުކަން ކުޑަވެ، އޭސީ ކުރުމަށްދާ ހަރަދު ބޮޑުވާނެ ކަމަށް ބުންޏެވެ.
ކުޑަކުދިންނަކީ ވަރަށް އަވަހަށް ބޮޑުވާ ބައެއް ކަމަށާއި އާންމުކޮށް ކުދީންނަށް މަދުވެގެން ތިން ޔުނިފޯމު އަހަރަކު ބޭނުންވާ ކަމަށެވެ. އެހެންވެ، އެންމެ ދަށް މުސާރަ ލިބޭ މީހަކަށް ވެސް އަސާސީ ހަރަދުތައް ކޮށްފައި ދަރިންނަށް ތިން މަހުން ޔުނިފޯމެއް ގަނެވޭހާ އޭގެ އަގު ހެޔޮވާން ޖެހޭނެކަމަށް ހަސަން ވިދާޅުވި އެވެ.
ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި ހަމީދު ވަނީ އާ ސިޔާސަތަށް އަމަލުކުރަން ފެށުމުން 81 އަހަރުވީ އަމީނިއްޔާގެ ޔުނިފޯމު އަދި ގިނަ އެހެން ސްކޫލުތަކުގެ ޔުނިފޯމު ބަދަލު ކުރަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ގައުމިއްޔަތާއި އާދަކާދައިގެ ގޮތުން އެދެވޭކަމެއް ނޫން ކަމަށައި އެ ޔުނިފޯމަކީ ވަރަށް ގިނަ މުސްކުޅި ދަރިވަރުންގެ ޝުއޫރުތަކާއި ޖަޒުބާތާ ގުޅިފައިވާ އަގުހެޔޮ ޔުނިފޯމެއް ކަމަށެވެ.
އެހެންވެ، އެ ޔުނިފޯމު އެ ގަވާއިދުގެ ތެރޭގައި އިސްތިސްނާއެއްގެ ގޮތުގައި ހިމެނުމަކީ ގިނަ ބަޔަކު އެދޭ ކަމެއްގެ ގޮތުގައި ފެންނަ ކަމަށާއި އާ ސިޔާސަތުގެ ދަށުން ހަދާ ޔުނިފޯމުގެ މައްޗާއި ތިރި ހުންނާނީ ވަކިން ކަމުން، ހެދުމުގެ ފަސްބައި ހަލާކުވިޔަސް މުޅި ޔުނިފޯމު އެއްކޮށް ބާނުވާތީ އެއީ އާ ބާވަތުގެ ޔުނިފޯމުގެ އުފަކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އިސްލާމީ ނަޒަރަކުން ބަލާއިރު އަންހެނުންނާއި ފިރިހެނުންގެ ހެދުން ތަފާތު ކުރުމަކީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި ހަސަން ވިދާޅުވީ ދެ ޖިންސުގެ ހެދުމުގެ މަތީކޮޅު އެއްގޮތްވުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.
ސަރުކާރު ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ސާކިއުލާގައި ބުނީ ޔުނީފޯމަށް ބަދަލު ގެންނަން ނިންމީ، ސްކޫލްތަކުގެ އިސް ވެރިންނާ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި ޔުނީފޯމަށް ބޮޑު ބަދަލެއް ގެންނަން ނިންމީ، އެކަމުގައި ސްކޫލުތަކާއި ބެލެނިވެރިންގެ ޝަކުވާ ބޮޑުވުމުންނެވެ. އެ އުސޫލަށް އަމަލުކުރަން ފެށުމުން ޔުނީފޯމް އަގުހެޔޮވެ، އޭގެ މޮނޮޕޮލައިޒްކުރުން ހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ