ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯން ހެދުމަށް ބިން ހިއްކުމާއި ގޮނޑޮދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ ޑްރެޖިން މަސައްކަތުގެ ގާތްގަނޑަކަށް 40 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފި އެވެ.

ގދ. ތިނަދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ. -- ފޮޓޯ: އެމްޓީސީސީ
ގދ. ތިނަދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ. -- ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން އެ ރަށުގެ އިންޑަސްޓްރިއަލް ޒޯންގެ 3 ހެކްޓަރުގެ ސަރަހައްދެއްގައި ބިންހިއްކުމުގެ މަސައްކަތާއި 32,647 ކިއުބިކް މީޓަރުގެ ވެލި ރިވެޓްމެންޓަށް ބަރުކުރުމާއި 254 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ. އަދި 89 މީޓަރުގެ ޕްރީކާސްޓް އާރްސީ ރީޓެއިނިން ފާރެއް ލުމާއި ބަނދަރު ބައްތި ހަރުކުރުމާއި ނެރު ބައްތި ހަރުކުރުމާއި 47 މީޓަރު ދިގު 3 މީޓަރު ފުޅާ ޓިމްބާ ޖެޓީއެއް ހެދުން ހިމެނެ އެވެ.

އޭގެ އިތުރުން ޕިކްނިކް އައިލެންޑްގެ 2 ހެކްޓަރުގެ ސަރަހައްދެއްގައި ބިން ހިއްކުމާއި ޕިކްނިކް އައިލެންޑްގެ 474 މީޓަރުގެ ސަރަހެއްދެއްގައި ރިވެޓްމެންޓް ޖެހުމާއި ޕިކްނިކް އައިލެންޑްގެ 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

ގދ. ތިނަދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ. -- ފޮޓޯ: އެމްޓީސީސީ
ގދ. ތިނަދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ. -- ފޮޓޯ: އެމްޓީސީސީ

ގދ. ތިނަދުއަކީ 10,000އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށުގެ އިންޑަސްޓްރިއަލް ޒޯނަކީ އިގްތިސާދީ ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ތަނަކަށް ވުމުން މިތަނުގެ ބިން ހިއްކައި ނިމުމުން އިތުރު ފެކްޓްރީތައް ގާއިމްވެގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއަކީ 53.41 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭ ނިންމަން އެމްޓީސީސީއާ 2023 ވަނަ އަހަރުގެ ޖޫން މަހު ހަވާލުކޮށްފައިވާ މަސައްކަތެކެވެ.