ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭޝިއާ ޔޫތު އިންޓަނޭޝަނަލް މޮޑެލް، ޔުނައިޓެޑް ނޭޝަން ކޮންފަރެންސް (އޭވައިއައިއެމްޔޫއެން) ބާއްވަން ނިންމައިފި އެވެ. 

މެލޭޝިއާ އާއި ތައިލެންޑާއި ސިންގަޕޫރާއި އިންޑޮނީޝިއާ އާއި ވިއެޓްނާމް ފަދަ ގައުމުތަކުގައި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ގްލޯބަލް ނެޓްވޯކް އިން ބާއްވަމުން އަންނަ ކޮންފަރެންސް ރާއްޖޭގައި އޮންނާނީ އަންނަ މެއި މަހުގެ 15-16 އަށް ކުރުނބާ މޯލްޑިވްސް ރިސޯޓުގައި އެވެ. މި ރަސްމިއްޔާތުގެ ނިންމުން ބާއްވަން ހަމަޖައްސާފައި ވަނީ ކްރޮސްރޯޑްސްގަ އެވެ.

ޔޫއެންގެ ބަހުސްތަކާއި މަޝްވަރާތައް އަދި ގަރާރުތައް ކުރިއަށް ގެންދާ ގޮތުގެ ނަމޫނާއާ އެއްގޮތަށް ބާއްވާ އެ ކޮންފަރެންސްގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އެހެން ގައުތަކުގެ ދަރިވަރުންނަށް ވެސް ފުރުސަތު ހުޅުވާލައިގެން ރާއްޖޭގައި ބާއްވާ މި ކޮންފަރެންސްގައި ދިވެހި 50 ދަރިވަރަކަށް ފުރުސަތު ލިބޭނެ އެވެ.

މެލޭޝިއާގައި މިދިޔަ އަހަރު ބޭއްވި އޭޝިއާ އިންޓަނޭޝަނަލް މޮޑެލް، ޔުނައިޓެޑް ނޭޝަން ކޮންފަރެންސް (އެމްޔޫއެން) ކޮންފަރެންސް ރާއްޖޭގައި ސަލީމް ބައިވެރިވަނީ.--
މެލޭޝިއާގައި މިދިޔަ އަހަރު ބޭއްވި އޭޝިއާ އިންޓަނޭޝަނަލް މޮޑެލް، ޔުނައިޓެޑް ނޭޝަން ކޮންފަރެންސް (އެމްޔޫއެން) ކޮންފަރެންސް ރާއްޖޭގައި ސަލީމް ބައިވެރިވަނީ.--

މި ކޮންފަރެންސް ރާއްޖޭގައި ބާއްވަން އެމްޔޫއެން އިން ކަނޑައަޅާފައިވާ ކޯޑިނޭޓަރު މުހައްމަދު ސަލީމް "މިހާރު" އަށް ވިދާޅުވީ ރާއްޖޭގައި ބާއްވާ ކޮންފަރެންސްގައި 250 ދަރިވަރުން ބައިވެރިކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެކި ގައުމުތަކުގެ ދަރިވަރުން ހިމެނޭނެ އެވެ. 

"މި ކޮންފަރެންސް ބޭއްވުމާ ގުޅޭ ގޮތުން އައިޖީއެންގެ ރައީސާއެކު ވަފުދެއް ރާއްޖެ އައި. އެ މީހުން ފުރީ ސަރުކާރާއި މަޓީ އާއި އިންޑަސްޓްރީން ބައްދަލުކުރަން ބޭނުންވި ބޭފުޅުންނާއި ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ވެސް ބައްދަލު ކޮށްފައި. ކޮންފަރެންސް ބާއްވާނެ ތަނަކާއި ދުވަހާއި ކޮޓަރިތަކާއި ކޭޓަރިންގެ ރޭޓުތަކާބެހޭ ގޮތުން ވެސް މަޝްވަރާކުރި،" ސަލީމް ވިދާޅުވި އެވެ.

އެ ހުރިހާ ކަމެއް ނިމި، އެންމެ ފަހުން ރާއްޖޭގައި އެ ކޮންފަރެންސް ބާއްވާނެކަން އިއުލާނު ކުރީ މިދިޔަ ބުދަ ދުވަހު އެވެ. މީގެ ކުރިން ރާއްޖެ އިން އެ ކޮންފަރެންސްގައި ބައިވެރިވާން ދަރިވަރުން ދާން ޖެހެނީ އެކި ގައުމުތަކަށެވެ. 

ސަލީމް ވިދާޅުވި ގޮތުގައި އެ ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވާ ދަރިވަރުންނަށް ހާއްސަ އަގެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ދަރިވަރަކަށް 799 ޑޮލަރެވެ. ރާއްޖެއިން ބައިވެރިވާ ކުދިންނަށް އެ ކޮންފަރެންސް ފެށުމުގެ ކުރިން ހާއްސަ ތަމްރީނެއް ހިންގުމަށް ވެސް އެއްބަސްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭޝިއާގެ ގިނަ ގައުމުތަކުގައި މިހާތަނަށް އެ ކޮންފަރެންސް ބާއްވާފައިވާކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު މިހާތަނަށް ނުލިބި އޮތީ އެފަދަ ކަމެއް ކުރެވޭ ވަރުގެ ޖާގައެއް ނެތުމުން ކަމަށެވެ.

"އެކަމުގައި އުޅެދޭނެ މީހަކު ނެތުން އެއީ އެއް ކަމަކީ. އަނެއް ކަމަކީ ރާއްޖޭގައި ނެތީ މިކަހަލަ ބޮޑެތި ކޮންފަރެންސް ބޭއްވޭ ވަރުގެ ފެސިލިޓީސް. މެލޭޝިއާގައި އެ ބޭއްވީ 1500 މީހުން ޖާގައިގެ ކޮންފަރެންސެއް. އޭގައި ތިބޭނީ ވަށް މޭޒެއްގައި، ރާއްޖޭގައި ނަސަންދުރާ، ނޫނީ އެންމެ ގިނަ އެކަހަލަ ކަންކަން ބާއްވާ ކުރުނބާގަ ވެސް ނެތް އެވަރުގެ ކެޕޭސިޓީއެއް،" ސަލީމް ވިދާޅުވި އެވެ.

"ރާއްޖެ ތައްޔާރުވެފައި އޮތީ މިކަހަލަ ކޮންސްރެންސް ޓޫރިޒަމަކަށް ނޫން. ރާއްޖޭގައި ވަރަށް މަދުން ފެންނަ ކަމެއް މިއީ ޖާގަ ނެތުމުން މިކަހަލަ ކޮންފަރެންސްތައް ބޭއްވުން."

ރާއްޖޭގައި އަންނަ މޭ މަހު ބާއްވަން ނިންމި އޭޝިއާ އިންޓަނޭޝަނަލް މޮޑެލް، ޔުނައިޓެޑް ނޭޝަން ކޮންފަރެންސް (އެމްޔޫއެން) ކޮންފަރެންސް ރާއްޖޭގައި ބޭއްވުމަށް، ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި ސަލީމް ބައިވެރިވަނީ.--
ރާއްޖޭގައި އަންނަ މޭ މަހު ބާއްވަން ނިންމި އޭޝިއާ އިންޓަނޭޝަނަލް މޮޑެލް، ޔުނައިޓެޑް ނޭޝަން ކޮންފަރެންސް (އެމްޔޫއެން) ކޮންފަރެންސް ރާއްޖޭގައި ބޭއްވުމަށް، ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި ސަލީމް ބައިވެރިވަނީ.--

ސަލީމް ވިދާޅުވި ގޮތުގައި މި ކޮންފަރެންސް ރާއްޖޭގައި ބޭއްވުމާ ގުޅޭ ގޮތުން ރާއްޖޭގެ ވަރަށް ގިނަ ދާއިރާތަކުގެ މީހުންނާ ވާހަކަ ދެއްކި އެވެ. އޭގެތެރޭގައި ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުންނާއި ސަރުކާރުގެ އޮފިޝަލުން ވެސް ހިމެނެ އެވެ. 

އެ ކޮންފަރެންސްގައި ބައިވެރިވާ ދަރިވަރުންގެ އުމުރުފުރާތަކާ އެކު ކައުންސިލްތަކަށް ވަނީ ކަނޑައަޅައިފަ އެވެ.

އުމުރުން 14 އަހަރާއި 16 އަހަރާ ދެމެދު ކުދިންނަށް ޑައބްލިޔުއެޗްއޯގެ ކައުންސިލްގައި ބައިވެރިވެވޭއިރު އެ ކުދިންނަށް ދީފައިވާ މައުލޫއަކީ އާންމު ތަންތަނުގައި ގައިންގަޔަށް އަރާ ބަލިތައް ފެތުރުން ހުއްޓުވުމެވެ.

އަދި އުމުރުން 15 އަހަރާއި 25 އަހަރުގެ ޒުވާނުންނަށް ޔޫއެންޑީޕީގެ ކޮންފަރެންސްގައި ބައިވެރިވެވޭއިރު އެ މީހުންނަށް ކަނޑައަޅާފައި ވަނީ "ތިމާވެއްޓާ ރައްޓެހި (ފެހި) އިގްތިސާދަކަށް ބަދަލުވުމުގައި، އޮމާންކަމާއި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ކަށަވަރުކުރުން" މައުޟޫ އެވެ.

"މި ކޮންފަރެންސްގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް މިހާރު ފޯމު ހުށަހެޅޭނެ،" އޭނާ ވިދާޅުވި އެވެ.

 ސަލީމް ވިދާޅުވީ އެކަމަށް އެދި ހުށަހަޅާ ކުދިންނާ އިންޓަވިއު ކުރާނެ ކަމަށެވެ.

ރާއްޖެއިން ބައިވެރިވާނެ 50 ދަރިވަރުން ހޮވާނީ އިންޓަވިއުއަށްފަހު ފާސްވާ ދަރިވަރުންގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަލީމް ވަނީ މި ކޮންފަރެންސް ރާއްޖޭގައި ބާއްވަން ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުންނާއި ސަރުކާރުން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.