ހުޅުމާލެ 2 ގައި މި މަހު އަލަށް ހުޅުވާ ޝަހީދު އަލީ ސްކޫލުން ޖާގަ ބޭނުންވާ ދަރިވަރުންގެ އަދަދު އިތުރުވެއްޖެ ނަމަ ދެ ދަންފަޅިއަށް ބަދަލު ކޮށްގެން ވިޔަސް ގެއާ ކައިރިން ދަރިވަރުންނަށް ޖާގަ ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ވިދާޅުވެއްޖެ އެވެ.

މި މަހުގެ 27 ގައި ފަށާ ދިރާސީ އާ އަހަރުގެ ކިޔެވުމާ އެކު، ހުޅުމާލެ 2 ގައި އިމާރާތް ކުރި އެ ސްކޫލުގައި ކިޔަވައިދޭން ފުރަތަމަ ނިންމީ އެއް ދަންފަޅިއަށެވެ.

އެއީ އެއްދަންފަޅި އަށް 1،500 ކުދިންނަށް ކިޔެވޭނެ ޖާގަ އޮތް ސްކޫލެކެވެ. ގްރޭޑް 1-10 އާ ހަމައަށް ކިޔަވައިދޭން ނިންމާފައިވާ އެ ސްކޫލުން ޖާގަ ބޭނުންވާ ކުދިން ގިނަ ނަމަ ދެ ދަންފަޅި އަށް ބަދަލު ކުރާނެ ކަމަށް މިނިސްޓްރީން އޭރު ވެސް ބުންޏެވެ.

ހުޅުމާލެ 2ގައި އަލަށް އިމާރާތް ކުރަމުން އަންނަ ޝަހީދު އަލީ ސްކޫލް-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ހުޅުމާލެ 2ގައި އަލަށް އިމާރާތް ކުރަމުން އަންނަ ޝަހީދު އަލީ ސްކޫލް-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މިނިސްޓަރު އިސްމާއިލް ވިދާޅުވީ އެ ސްކޫލަށް ވަނުމުގެ ފުރުސަތު މިހާތަނަށް 1،500 ކުދިންނަށް ދީފައިވާ ކަމަށެވެ. 

ހުޅުމާލެ 2 އުޅޭ ދަރިވަރުންނާއި ބެލެނިވެރިންނަށް އެ ސްކޫލް ހުޅުވުމުން ވަރަށް ބޮޑަށް ލުއިވާނެކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ލަފާކުރެވެނީ 1،800 ކުދިން އާ ސްކޫލަށް ބަދަލުވާނެ ކަމަށެވެ.

"ދެ ދަންފަޅި އަށް ބަދަލު ކުރަން އަދި ނުނިންމަން. އެކަން ނިންމާނީ ޖާގައަށް އެދޭ މިންވަރަށް ބަލާފައި. ދެ ސެޝަނަށް ބަދަލުކޮށްގެން ވެސް ޖާގަ ދޭނަން،" އިސްމާއިލް ވިދާޅުވި އެވެ.

ޝަހީދު އަލީ ސްކޫލްގައި ކިޔަވައިދޭން ފަށާއިރު 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމުގެ އިތުރުން 20 މީހުންގެ ޖާގައިގެ ތިން ލިފްޓް ހަރުކޮށް، ހުރިހާ ކްލާސްރޫމެއް ހުންނާނީ އޭސީ ކޮށްފައި ކަމަށާއި މުޅި ސްކޫލަށް ބޭނުންވާ ކަރަންޓް އުފައްދާނީ ސޯލާ ހަކަތައިން ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހުޅުމާލެ 2ގައި އަލަށް އިމާރާތް ކުރަމުން އަންނަ "ޝަހީދު އަލީ ސްކޫލް"ގެ މަސައްކަތްތައް މިނިސްޓަރު އިސްމާއިލް ޝަފީއު ބައްލަވާލައްވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ 2ގައި އަލަށް އިމާރާތް ކުރަމުން އަންނަ "ޝަހީދު އަލީ ސްކޫލް"ގެ މަސައްކަތްތައް މިނިސްޓަރު އިސްމާއިލް ޝަފީއު ބައްލަވާލައްވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޝަހީދު އަލީ ސްކޫލް ވާނީ މާލެ ސަރަހައްދުގައި ހިންގާނެ އެންމެ ބޮޑު ސްކޫލަށެވެ. އެ ސްކޫލްގެ ލައިބްރަރީގެ އިތުރުން އޮޑިޓޯރިއަމާއި ހޯލަކާއި ސްޓާފް ކެންޓީން ވެސް ހުންނާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޝަހީދު އަލީ ސްކޫލުން ޖާގަ ބޭނުންވާ ކުދިންގެ އަދަދު އިތުރު ވެފައި ވާއިރު ހުޅުމާލެ 2 ގައި އަލަށް މީހުން އުޅެން ފަށާފައިވާ ފަހި ދިރިއުޅުން ފްލެޓް މަޝްރޫއުގައި ހިމެނޭ 17-18 ބުރީގެ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިންމައި މިހާރު ކުރިއަށް ގެންދަނީ ފިނިޝިންގެ މަސައްކަތެވެ.

އެ ތަން ނިމި ހުރިހާ ފްލެޓެއްގައި މީހުން ދިރިއުޅެން ފެށުމުން ހުޅުމާލެ 2ގެ ސްކޫލުތަކަށް ބާރު ބޮޑުވާނެތީ ހުޅުމާލެ އަށް އެކަނި ވެސް އިތުރު ހަތް ސްކޫލު ބޭނުންވާ ކަމަށް މީގެ ކުރިން މިނިސްޓްރީން ވަނީ ބުނެފައި އެވެ.