ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލު، މަޖީދިއްޔާގެ އަހަރީ ދުވަހަށް ހާއްސަކޮށްގެން ބާއްވާ މާހެފުމަކަށް ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.
އެ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ވެބްސައިޓުގައި ބުނީ "މަޖީދިއްޔާ99" ގެ ނަމުގައި ބާއްވާ މާހެފުމުގައި ބައިވެރިވެވޭނީ 99 ރުފިޔާއަށް ޓިކެޓު ގަނެގެން ކަމަށެވެ. އެ ޓިކެޓު ގަނެވޭނީ އެ ޖަމިއްޔާގެ ވެބްސައިޓުގެ ހާއްސަ ސެކްޝަނުންނެވެ.
މާހެފުމަކީ ޒަމާނުއްސުރެ ރޯދައިގެ ކުރިން ސަގާފަތެއްގެ ގޮތުގައި ބާއްވާ ކެއުމަކަށް ވާތީ މި މާހެފުމުން މަޖީދިއްޔާގެ ކުރީގެ ދަރިވަރުންނާ ބައްދަލުކޮށް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
މުސްކުޅި ދަރިވަރުންގެ ޖަމިއްޔާއިން ވެސް ބުނީ މި އަހަރުގެ މާހެފުމަކީ އެ ސްކޫލުގެ 100 ވަނަ އަހަރާ ދިމާކޮށް ދަރިވަރުންނާއި ޓީޗަރުންގެ ޖީލުތަކުން ހޯދި ތާރީހީ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށެވެ.
މަޖީދިއްޔާ ސްކޫލު ހުޅުވީ އޭޕްރީލް 19، 1927 ގަ އެވެ. އެ ސްކޫލަށް އަންނަ އޭޕްރީލުގައި 99 އަހަރު ފުރޭއިރު، ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ ރަސްމީ ތައުލީމަށް ގަރުނެއް ފުރުން ކުލަ ގަދަކޮށް ފާހަގަކުރަން ނިންމައިފަ އެވެ.