ރައީސް ޑރ.މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު މާލޭގެ އެއްވެސް ބިމެއް ވިއްކާފައި ނުވާ ކަމަށާއި ގަވާއިދާ ހިލާފަށް ބިމެއް ކުއްޔަށް ދީފައި ވެސް ނުވާ ކަމަށް ވިދާޅުވެ މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށް ރައްދު ދެއްވައިފި އެވެ. 

މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ އަލީ އާޒިމް މީގެ ދެދުވަސް ކުރިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މުއިއްޒުގެ މޭޔަރުކަމުގައި މާލެއިން "ނުއަގުގައި ދިނުމުން ދިނުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން" ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ. 

އާޒިމްގެ އެ ވާހަކައަށް ރައްދު ދެއްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރީޝް ސިފަކުރެއްވީ އެއީ "އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް"ގެ ގޮތުގަ އެވެ. 

"މާލެ ސިޓީގެ މޭޔަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވި ދެ އަހަރާއި ހަ މަހެއްހާ ދުވަހުގެ ތެރޭގައި، މާލެ ސިޓީގެ އެއްވެސް ބިމެއް ބަޔަކަށް ވިއްކަވާފައެއް ނުވޭ. އަދި ނުގަވާއިދުން ކުއްޔަށް ދެއްވި އެއްވެސް ބިމެއް ވެސް ނެތް،" އަރީޝް ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ބިންތައް ދޫކުރި ގޮތުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާ ވާހަކަ އަކީ ހަގީގަތްތައް ހަޖަމު ނުކުރެވިގެން ދައްކާ  ވާހަކަ އެކެވެ. އެއީ ކޯޓުތަކަށް އަބަދު ދުވެ، ދައުވާތައްކޮށް، މީހުންނަށް ބިރުދައްކާ ގޭންގެއްގެ ގޮތުގައި މާލެ ސިޓީ ހިންގުން ކަމަށް ސިފަވާ ގޮތަށް ދައްކާ ވާހަކަތަކެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.  

"ލޯކަލް ކައުންސިލްތަކަކީ އޮންނަ ސަރުކާރަކަށް ޖެއްސުންކޮށް ޖަދަލުކުރާން ގާނޫނީ ގޮތުން އުފައްދާ އިދާރާތަކެއް ނޫން. އެއީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ހިދުމަތްތަކާއި ރަށްވެހި ތަރައްގީ ގެނައުމުގެ މަސައްކަތް ކުރާ ތަނެއް،" އޭނާ ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ކަމަށް އާޒިމް ކުރާ ކެމްޕެއިނަކީ މާލެއަކީ "ވަކި ޕާޓީއެއްގެ ސިޔާސީ ގޮތްޕަކަށް ހަދައިގެން ރެޔާދުވާލު މުޒާހަރާކޮށް ކޯޓުތައް ހައިޖެކް ކުރާ ތަނެއް ގޮތަށް ހަދާނެކަމަށް ބުނެ ކުރާ ކެންޕެއިނެއް" ކަމަށް ވެސް އަރީޝް ސިފަކުރެއްވި އެވެ. އަދި އެގޮތަށް ކުރާ ކެމްޕެއިނަކުން ރައްޔިތުންގެ ވޯޓު އިތުރެއް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މާލޭގެ މޭޔަރުކަން ރައްޔިތުންގެ ވޯޓުން ކާމިޔާބުކުރަން އެދޭނަމަ ދައްކަންވީ މާލޭގެ މުނިސިޕަލް ހިދުމަތްތަކަށް ގެންނާނެ ހެޔޮ ބަދަލުގެ ވާހަކަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ހިޔާވަހިކަމާއި ދިރިއުޅުމުގެ ފަސޭހަތަކަށް ކުރާ ޕްލޭންތަކުގެ ވާހަކަ، ރައްޔިތުންނާ ގާތުން ހިޔާލާއި މަޝްވަރާ ހޯދައިގެން ސިޓީގެ ކަންކަން ހިންގަން ރާވާ ގޮތުގެ ވާހަކަ،" އެކްސްގައި ކުރެއްވި ޕޯސްޓްގައި އޭނާ ވިދާޅުވި އެވެ.