ޕީއެންސީގެ މައި އޮފީސް ހުންނަ ހ. ވެޔޮވިލާގައި ގަވާއިދާ ހިލާފަށް އިމާރާތް ކުރި ކަމަށް ބުނެ ބޮޑު އަދަދަކުން ޖޫރިމަނާކުރީ މާލޭ ސިޓީ ކައުންސިލުން ހުއްދަ ދީފައި އޮއްވާ ކަމަށް އެ ގޯތީގެ ވެރިފަރާތް ކަމަށްވާ ޝަފީއާ ޒުބައިރު ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އިމާރާތް ކުރުމާބެހޭ އިދާރީ ގަވާއިދާ ހިލާފަށް ހުއްދަ ހޯދުމަކާ ނުލައި އެ ބިމުގައި މަސައްކަތް ކޮށްފައިވާތީ އެ ގޭގެ ވެރިފަރާތް ކަމަށްވާ ޝަފީއާ ޒުބައިރު 128,545ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އެކަން ފާހަގަވީ މިދިޔަ ޑިސެމްބަރުގައި އިންސްޕެކްޝަނަށް ކައުންސިލުން ދިޔައިރު ކަމަށާއި އެ ކަންކަން ރަނގަޅު ކުރަން ތިން މަސް ދިނުމަށްފަހު، އިސްލާހު ނުކުރުމުން ޖޫރިމަނާކުރީ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ޝަފީއާ "މިހާރު" އަށް ބުނީ އެ ގޭގައި އިމާރާތްކުރަން ސިޓީ ކައުންސިލްގެ ހުއްދަ ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑު އަތުގައި ކުރެހުން ވެސް އެބައޮތް. ހުރިހާ އިންޖިނިއަރިން ޑްރޯވިންގްސް ވެސް އެބައޮތް. އެ ކުރެހުމާ އެއްގޮތަށް އިމާރާތް ނުކޮށް މަޑުކޮށްލާފައި އޮތީ އޭރު އެ ގެ ހަދަން ވެސް. އެތާގައި އިމާރާތެއް އަޅަން ބޭނުންވީ ބަދަލުތަކެއް ގެނެސްފައި،" އޭނާ ބުންޏެވެ.
ކުރެހުމަށް ބަދަލު ގެންނަން ޖެހޭތީ އަނެއްކާ ވެސް ކައުންސިލްގެ ހުއްދަ ނަގަން ޖެހޭތީ އެކަން ކައުންސިލަށް އަންގާފައިވާނެ ކަމަށް ޝަފީއާ ބުންޏެވެ.
"ކައުންސިލުން އެ ބުނާ ޓައިމްލައިންގެ ތަފްސީލެއް އަޅުނޑަކަށް ނޭނގެ. އެ މައުލޫމާތު އެނގޭނީ އަޅުގަނޑު ކުއްޔަށް ދީފައި ހުންނަ ފަރާތަށް. ގާނޫނާއި ގަވައިދުގައި ބުނާގޮތުން ތަނެއް ބަޔަކަށް ކުއްޔަށް ދީފައި ހުއްޓަސް، އެ ކުއްޔަށް ނަގާ ފަރާތުން ގޯތީގެ ވެރިފަރާތުގެ ސޮއި ބޭނުންވާނެ ހުއްދައަށް އެދޭ ފޯމުގައި. އަޅުގަނޑު އެ ފޯމުގައި ސޮއި ކުރިން،" އޭނާ ބުންޏެވެ.
ޝަފީއާ ބުނީ އޭނަގެ ގެ ހުންނަ ބިމުގައި އިމާރާތެއް އެޅުމަށް ކައުންސިލުން ހުށަހަޅަން އެންގި ހުރިހާ ލިޔެކިޔުމެއް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ކުރެހުމަށް ބަދަލު ގެނައުމަށް ކައުންސިލުން އެންގި ހުރިހާ ބަދަލެއް ވެސް ގެނެސްފައިވާނެ ކަމަށާއި އަދި އިތުރަށް ގޯހެއް އުޅޭކަން އަންގާފައި ނުވާ ކަމަށް ޝަފީއާ ބުންޏެވެ.
ސިޓީ ކައުންސިލްގެ އޮފީސް ބަދަލު ކުރުމުގެ ތެރޭގައި އެ ގޭގެ ކުރެހުންތަކާއި ލިޔެކިޔުންތައް ގެއްލިގެން އުޅޭ ކަމަށް މީހެއްގެ ފަރާތުން މައުލޫމާތު ލިބުނު ނަމަވެސް ކައުންސިލުން އެކަން އަންގާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
ޝަފީއާ ބުނީ އޭނާގެ އަތުގައި ކައުންސިލުން އޭރު ދީފައި އޮތް ހުއްދައިގެ އޮރިޖިނަލް އާއި އޭގެ ކޮޕީއެއް ވެސް އޮތް ކަމަށާއި މިހާރު އެ އިމާރާތް ކުއްޔަށް ހިފައިގެން އުޅޭ ފަރާތަށް ހަވާލުކޮށްފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަލަކަށް ނޫން އަޅުގަނޑު އެ ގޭގައި އިމާރާތެއް މި ކުރީ. ގެ އިމާރާތް ކުރަމުން ދިޔައިރު އިންސްޕެކްޝަނަށް ވެސް ބޭފުޅުން ވަޑައިގެން. އެ ބޭފުޅުން ވެސް ވަޑައިގަންވާނީ ކުރެހުންތައް ހިފައިގެން ނޫންތޯ. އިންސްޕެކްޝަނުން މި ފޮނުވަނީ ހުށަހަޅާފައި އޮންނަ ކުރެހުމަކާ އެއްގޮތަށްތޯ މަސައްކަތް ހިނގަނީ ބަލަން،" ޝަފީއާ ބުންޏެވެ.
ޝަފީއާ ބުނިގޮތުގައި ޖޫރިމަނާ ކުރުމުން އެ ފައިސާ ދެއްކުމަށް ވަރަށް މަސައްކަތް ކުރަން ޖެހުނު ކަމަށެވެ.
ކުރިން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ހަރުގެ ވެސް ހިންގި އެ އިމާރާތުގައި ޕީއެންސީގެ އޮފީސް އިމާރާތާއި ޖަގަހަ ހުޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.