މި އަހަރުގެ ފުރަތަމަ ކްރޫޒްޝިޕް މިދިޔަ އާދީއްތަ ދުވަހު ރާއްޖޭގައި ބަނދަރުކޮށްފައިވާ ކަމަށާއި އެ އުޅަނދުން އައީ 479 ޕަސިންޖަރުން ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއެސް ކްރިސްޓަލް ސިމްފަނީ ނަމަކަށް ކިޔާ އެ އުޅަނދުން އައި 479 ޕަސިންޖަރުންގެ އިތުރުން އެ އުޅަނދުގެ ފަޅުވެރިންގެ ގޮތުގައި ވެސް 491 މީހުން އައި ކަމަށެވެ. ރާއްޖޭގެ ތެރެއިން ދަތުރުކުރަން އެ އެންމެންނަށް "އެންރޫޓް ކްލިއަރެންސް" ދިނީ އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުގެ އޮފިސަރުންނެވެ.

އެމްއެސް ކްރިސްޓަލް ސިމްފަނީ ރާއްޖެއަށް އައީ ސީޝެލްގެ މާހީ އިން ފުރައިގެންނެވެ.

އެމްއެސް ކްރިސްޓަލްއަށް އެންރޫޓް ކްލިއަރެންސް ދިން އޮފިސަރުން އެ އުޅަނދުގެ ފަޅުވެރިންނާ އެކު ފޮޓޯއަކަށް ހުއްޓެނީ. ފޮޓޯ: އިމިގްރޭޝަން
އެމްއެސް ކްރިސްޓަލްއަށް އެންރޫޓް ކްލިއަރެންސް ދިން އޮފިސަރުން އެ އުޅަނދުގެ ފަޅުވެރިންނާ އެކު ފޮޓޯއަކަށް ހުއްޓެނީ. ފޮޓޯ: އިމިގްރޭޝަން

ދިގުމިނުގައި 238 މީޓަރު (781 ފޫޓު) ހުންނަ އެމްއެސް ކްރިސްޓަލް ސިމްފަނީ އަކީ ބަހާމާސްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެކެވެ. އެ އުޅަނދަކީ 575 ފަޅުވެރިންނާ އެކު 606 ޕަސިންޖަރުންނަށް ހިދުމަތް ދެވޭ އުޅަނދެކެވެ.

ޖެނުއަރީ މަހުން ފަށައިގެން ފެބްރުއަރީގެ ވަކި ހިސާބަކާ ހަމައަށް އިންޑިއާކަނޑުގައި ކުރާ ދަތުރުގައި ދެކުނު އެފްރިކާގެ ޕޯޓް އެލިޒަބަތުން ފުރައިގެން އެ އުޅަނދު ފުރަތަމަ ދަތުރުކުރީ ކެންޔާގެ މުމްބާސާ ބަނދަރަށެވެ. އެއަށް ފަހު އިންޑިއާގެ މުމްބާއީއަށާއި ސީޝެލްސްގެ މާހީއަށް ވެސް އެ އުޅަނދު ދަތުރުކުރި އެވެ. ރާއްޖެއަށް އައީ ސީޝެލްސް އިން ފުރައިގެންނެވެ.