ގިނަ އަދަދެއްގެ ޓޫރިސްޓުންނާ އެކު، ރާއްޖެއަށް އައި ކްރޫސްޝިޕު ހއ. އުލިގަމުގައި ބަނދަރުކުރުމަށްފަހު މާލެ އަތުވެއްޖެ އެވެ.
ސްރީ ލަންކާގެ ކޮލޮމްބޯއިން ފުރައިގެން އައި ވަސްކޮޑަ ގާމާ ކްރޫސްޝިޕް އުލިގަމުގައި ބަނދަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި، އެކަމަށް ބޭނުންވާ ހުއްދަތައް ދޫކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ، އެ އުޅަނދުގައި ޓޫރިސްޓުންނާއި ފަޅުވެރިން ހިމެނޭ ގޮތަށް ޖުމްލަ 1،348 މީހުން ރާއްޖެއަށް އައިސްފައިވާ ކަމަށެވެ.
ޖަރުމަނުގެ ކުންފުންޏަކުން އޮޕަރޭޓުކުރާ އެ ކްރޫސް ޝިޕަކީ 1،000 ފަސިންޖަރުންނާއި 550 ފަޅުވެރިންގެ ކެޕޭސިޓީގެ އުޅަނދެކެވެ.
ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދުން ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކުން ރެޑްސީ ހުރަސްކޮށް ޔޫރަޕަށް ގިނަ އަދަދެއް ޔޮޓުތައް ދަތުރު ކުރާއިރު މަޑުކޮށްލާ މަންޒިލެއްގެ ގޮތުގައި އުލިގަން އޮންނަނީ މަޝްހޫރުވެފަ އެވެ.
އުލިގަމުގައި އެއް ދުވަސް ހޭދަކުރުމަށްފަހު، އެ އުޅަނދު މިހާރު ވަނީ މާލެއަށް އައިސްފަ އެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު އިންޑޮނީޝިއާގެ ބާލީ އިން ފުރި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން ވަނީ، ސިންގަޕޫރު، މެލޭޝިޔާ، ތައިލެންޑު އަދި ސްރީ ލަންކާގައި ބަނދަރުކޮށްފަ އެވެ.
މާލޭން އެ ކްރޫސްޝިޕް ދަތުރުކުރާނީ އޮމާނަށެވެ. އަދި އެއަށްފަހު ދަތުރު ނިންމައިލުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ޔޫއޭއީއިންނެވެ.