ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 40 މީީޑިއާއަކަށް 27 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
މީޑިއާތަކަށް އެ ފައިސާ ދޫކުރުމުގެ ކަންކަން އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ޔޫތު މިނިސްޓްރީންނެވެ. އެކަމަކު އޭރު އެކުލަވައިލި އުސޫލުގައިވާ ގޮތުން އެހީ ދިނުމުގެ އެއް ޝަރުތަކީ ރަޖިސްޓަރީ ކޮށްގެން ހިންގާތާ ތިން އަހަރު ވެފައި ވުމެވެ. ފައިސާ ދޭނެ އަދަދު ކަނޑައެޅުމުގައި މީޑިއާތަކުގެ މުވައްޒަރުންގެ އަދަދަށް ރިއާޔަތް ކުރުމެއް އެ އުސޫލުގައި ނެތްއިރު އޭރު މާލީ އެހީއަށް ޝަރުތު ހަމަވީ އެންމެ 18 މީޑިއާ އެވެ.
އެހެންވެ ޝަކުވާ ބޮޑުވެ އެ އުސޫލު އުވާލައި، މީޑިއާ ކޮމިޝަނާ ހަވާލުކޮށްގެން ފަހުން ސަރުކާރުން ވަނީ އެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ. އެކަމަކު ފައިސާ ދޫކުރުމުގެ ކަންކަން ފިނޭންސް މިނިސްޓްރީއަށް އެންގުމަށް ހަވާލުކުރީ ޔޫތު މިނިސްޓްރީއާ އެވެ.
އެ މިނިސްޓްރީން އެކަން ހާމަކޮށް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުގައިވާ ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، 40 މީޑިއާއަކަށް 27.29 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
މާލީ އެހީ ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސް އެހީ އަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން 57 މީޑިއާއަކުން، އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލްގައި ޕްރޮފައިލް ކްރިއޭޓު ކޮށްފައިވާއިރު އޭގެ ތެރެއިން ޝަރުތު ހަމަވީ 41 މީޑިއާއެއްގެ އެވެ. މިދިޔަ ޑިސެމްބަރުގައި މީޑިއާ ކޮމިޝަނުން ބުނި ގޮތުގައި އެހީއަށް އެދުމުގެ އެންމެ ފަހު މަރުހަލާ ފުރިހަމަކުރީ 39 މީޑިއާއަކުންނެވެ.
އެއަށް ޝަރުތު ހަމަވަނީ ޖެނުއަރީ 1، 2024 ގެ ކުރިން ރަޖިސްޓަރީކޮށް ލައިސަންސް ލިބި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަ އަމިއްލަ މީޑިއާތަކެވެ.
ބައެއް މީޑީއާތަކަށް ލިބޭ އަދަދުތައް
• ސަންގު އޮންލައިން: 1.1 މިލިއަން ރުފިޔާ
• ސަން އޮންލައިން: 1.1 މިލިއަން ރުފިޔާ
• ވީނިއުސް: 997,915ރ.
• އައިސް ޓީވީ: 908,358ރ.
• ދިވެހި ޗެނަލް: 876,374ރ.
• މިހާރު އޮންލައިން: 793,214ރ.
• ވަގުތު އޮންލައިން: 754,833ރ.
• ވަން އޮންލައިން: 710,055ރ.
• ދައުރު އޮންލައިން: 697,261ރ.
• ކޯޕަރޭޓް މޯލްޑިވްސް މެގަޒިން: 690,864ރ.
• ދަ އެޑިޝަން: 633,292.18ރ.
މީޑިއާ ކޮމިޝަނުން ކުރިން ބުނީ، މާކްސް ދިނުމުގައި ބަލާފައި ވަނީ މީޑިއާގެ މުއްދަތާއި މުވައްޒަފުންގެ އަދަދާއި މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްރޮފައިލާއި ކޮންޓެންޓުގެ ބާވަތާއި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި އިދާރީ އިންތިޒާމުތަކަށް ކަމަށެވެ.
މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން މީޑިއާތަަކަށް ދިނުމަށް 27 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓެވެ.